ޝަންގްރިއްލާ އަށް ދިން ހަމަލާގައި ހާޝިމް ވަނީ މަރުވެފައި: ސިރިސޭނާ
ޝަންގްރިއްލާ އަށް ދިން ހަމަލާގައި ހާޝިމް ވަނީ މަރުވެފައި: ސިރިސޭނާ

ކޮލަމްބޯ (އެޕްރީލް 26) - މިދިޔަ އާދިއްތަ ދުވަހު ސްރީ ލަންކާ އަށް ދިން ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާތަކުގެ ފަހަތުގައިވާ ކަމަށް ބެލެވޭ އެންމެ އިސް މީހާ ޒަހްރާން ހާޝިމް ވެސް ވަނީ ޝަންގްރިއްލާ އަށް ދިން ހަމަލާގައި މަރުވެފައިވާ ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

ކޮލަމްބޯގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސިރިސޭނާ ވިދާޅުވީ ހާޝިމް މަރުވެފައިވާކަމުގެ މައުލޫމާތު އިންޓަލިޖެންސް އެޖެންސީން އެމަނިކުފާނަށް ފޯރުކޮށްދީފައިވާ ކަމަށެވެ.

ސިރިސޭނާ ވިދާޅުވީ ޝަންގްރިއްލާގައި ބޮން ގޮއްވުމުގައި ހާޝިމްއާ އެކު އެހެން މީހަކު ވެސް ބައިވެރިވެފައިވާ ކަމަށެވެ. ބެލެވޭ ގޮތުގައި އެއީ ލަންކާގައި ހަވާދުގެ ވިޔަފާރި ކުރާ މީހެއްގެ ދަރިއެއް ކަމަށްވާ އިލްހާމް އިބްރާހިމެވެ.

"ހާޝިމް މަރުވެފައިވާ ކަމުގެ މައުލޫމާތު މިލިޓަރީ އިންޓަލިޖެންސަށް ލިބިފައި ވަނީ ސީސީޓީވީ ފުޓޭޖްގެ އެހީގައި،" ސިރިސޭނާ ވިދާޅުވި އެވެ.

އީސްޓާ ސަންޑޭގައި ލަންކާގައި ބޮން ގޮއްވީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ކަމަށް ބުނެ އެ މީހުން ނެރުނު ވީޑިއޯގައި ހާޝިމް ހުއްޓެވެ. އެ ވީޑިއޯގައި އިސްކޮށް ހުރީ ވެސް ހާޝިމް އެވެ. އައިއެސް އިން އާއްމުކުރި ފޮޓޯގައި މޫނު ނިވާނުކޮށް ހުރީ ވެސް ހާޝިމް އެކަންޏެވެ. ނަމަވެސް ހަމަލާގައި އޭނާ މަރުވެފައިވާކަން ނުވަތަ އޭނާ ހުރި ތަނެއް ލަންކާ ފުލުހުން ކުރިން ކަށަވަރުކޮށްދީފައެއް ނުވެ އެވެ. އެހެންވެ ސަލާމަތީ ފަރާތްތަކުން ވަނީ ހާޝިމް، 40، ހޯދަން ބޮޑު އޮޕަރޭޝަނެއް ވެސް ފަށައިފަ އެވެ.

ލަންކާގެ ފައްޅިތަކާއި ހޮޓާތަކަށް ދިން ހަމަލާތަކުގައި ވަނީ 253 މީހުން މަރުވެފަ އެވެ.