26 އެޕްރީލް 2019 - 11:10

މުސްލިމެއްގެ އީމާންކަން ފުރިހަމަވުން ބިނާވެފައިވާ އެއް ކަމަކީ އޭނާގެ އަޚްލާޤު ރަނގަޅު ވުމެވެ. އަދި އަޅުކަން އޭގެ ހައްގު ގޮތުގައި އަދާ ކުރިކަމުގެ ހެކިތަކުގެ ތެރެއިން އެއް ހެއްކަކީ އަޚްލާޤު ރަނގަޅު ވުމެވެ. މިކަން އެނގެނީ އީމާންކަމާއި އަޚްލާޤާއި، އަދި އަޅުކަމާއި އަޚްލާޤާ ގުޅުވައިގެން އައިސްފައިވާ އާޔަތްތަކާއި ހަދީސްތަކުންނެވެ. މިގޮތުން ރިވެތި އަޚްލާޤަކީ މީހާގެ އީމާންތެރިކަން ފުރިހަމަ ކުރުމުގެ ތެރޭ ހިމެނޭ ކަމެއް ކަން އިސްލާމް ދީން ބަޔާން ކޮށްދެ އެވެ. އެހެންވެ ރިވެތި އަޚްލާޤީ ސިފަތައް ނެތިއްޖެ މީހެއްގެ އީމާންތެރިކަން އުނިވެ އެވެ. އަލްމުއުމިނޫން ސޫރަތުގައި މުއުމިނުންނަށް ފަލާޙާއި ކާމިޔާބު ހުރިކަން އަންގަވައި މުއުމިނުންގެ ސިފަތައް ބަޔާން ކުރައްވާފައި ވާއިރު އޭގައިވާ ގިނަ ސިފަތަކަކީ ރިވެތި އަޚްލާޤުގެ ސިފަތަކެކެވެ. އެއީ ނަމާދުގައި ބިރުވެތިވެ ޚުޝޫޢަތްތެރި ވުމާއި، ފައިދާއެއް ނެތް ބޭކާރު ވާހަކަތައް ދެއްކުމުން ދުރުހެލި ވުމާއި، ލަދުވެތި ގުނަވަންތައް ރައްކާތެރި ކުރުމާއި، އަމާނާތްތަކާއި ޢަހުދުތަކަށް ރައްކާތެރިވުން ފަދަ ސިފަތަކެވެ.
ކީރިތި ނަބިއްޔާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ވެސް އީމާންކަން ބަޔާން ކޮށްދެއްވާއިރު ވަރަށް ގިނަ ރިވެތި އަޚްލާޤީ ސިފަތަކާ އެކަން ގުޅުވާލައްވަ އެވެ. މިގޮތުން ތަފާތު އެކި ހަދީސްފުޅުތަކުގައި ﷲ އާއި އާޚިރަތް ދުވަހަށް އީމާންވާ މީހަކު ނަމަ އެމީހެއްގެ ކިބައިގައި ހުންނަން ޖެހޭނެ ސިފަތައް ބަޔާން ކުރައްވާފައި ވެއެވެ. އޭގެ ތެރޭގައި ރަހިމުގެ ގުޅުން ވާސިލު ކުރުމާއި، އަވައްޓެރިންނަށް އުނދަގޫ ނުކުރުމާއި، ހެޔޮ ބަހެއް ނޫނީ ނުބުނުމާއި، ހެޔޮ ބަހެއް ނުބުނެވޭ ނަމަ ހަނުހުރުން ފަދަ ކަންކަން ބަޔާން ކުރައްވަ އެވެ. މިފަދަ ބައެއް ހަދީސްފުޅުތަކުގައި ބަޔާން ކުރައްވާ އަޚްލާޤީ ސިފަތައް ނުހުންނަ މީހާގެ އީމާންތެރިކަން ނުހުންނާނެ ކަން ބަޔާން ކުރައްވަ އެވެ. މުރާދަކީ އީމާންކަން ފުރިހަމަ ނުވުމެވެ. މުޅި އީމާންކަން ނެތި ދިއުމެއް ނޫނެވެ. އެހެންނަމަވެސް އީމާންކަމަށް އުނިކަން ލިބޭ ނަމަ އެކަން ފޫބެއްދުމަށްޓަކައި ރިވެތި އަޚްލާޤުގެ މަތީ ދެމިހުރުން ލާޒިމުވެ އެވެ.
އީމާންތެރި ކަމަކީ ހަތްދިހަ އެތައް ބަޔަކަށް ބެހިގެންވާ ކަމެއްކަން މާތް ނަބިއްޔާ ބަޔާން ކުރައްވަ އެވެ. އެ ހަދީސްފުޅުގައި އެ ހުރިހާ ކަމެއް ބަޔާން ކުރައްވާފައި ނެތަސް އޭގެ ތެރެއިން އެންމެ މަތިވެރި ކަމަކީ ﷲ ފިޔަވައި އެހެން އިލާހެއް ނުވާކަން ދުލުން ބުނެ ހިތުން ގަބޫލުކުރުން ކަމާއި، އެންމެ ދަށް ކަމަކީ މަގުމަތީގައި އޮންނަ ގާކޮޅު ފަދަ ތަކެތި އެއްފަރާތް ކޮށްލުން ކަމާއި، ލަދުވެތި ކަމަކީ އީމާންތެރިކަމުގެ ބައެއް ކަން ބަޔާން ކުރައްވާފައިވެ އެވެ. މިއިން ދޭހަވަނީ އެ ދެމެދުގައި އަޚްލާޤުގެ ގިނަ ސިފަތަކެއް ހިމެނޭނެ ކަމެވެ.
އީމާންތެރިކަމުގެ ބައިތަކަށް އަލިއަޅުވާލައްވައި އަލްއިމާމް ބައިހަޤީ ލިޔުއްވާފައިވާ "އަލްޖާމިޢު ލިޝުޢަބިލް އީމާން" (އީމާންތެރިކަމުގެ ބައިތަކުގެ އެއްކޮށްލުމެއް) ކިޔާ ފޮތުގައި ބަޔާން ކުރައްވާފައިވާ އީމާންތެރިކަމުގެ ބައިތަކުގައި ރިވެތި އަޚްލާޤުގެ މަތިވެރި ސިފަތައް ހިމަނުއްވާފައި ވެއެވެ.
ރިވެތި އަޚްލާޤަކީ އީމާންތެރިކަން ފުރިހަމަ ކުރުމަށްޓަކައި ކޮންމެހެން ލާޒިމު ކަމެއް ކަމުގައިވާ ހިނދު އަނެއް ކޮޅުން ރިވެތި އަޚްލާޤަކީ ހައްގު ގޮތުގައި އަދާކުރެވޭ އަޅުކަމުގެ ފޮނި މޭވާއެއް ވެސް މެއެވެ. އެހެންކަމުން އަޅުކަން އަދާކުރާ މީހެއްގެ ކިބައިގައި ރިވެތި އަޚްލާޤީ ސިފަތައް ނެތިއްޖެ ނަމަ އެއިން ދަލީލު ކުރަނީ އޭނާގެ އަޅުކަމަކީ އޭގައި އެއްވެސް އާރެއް ނެތް ހަމައެކަނި ބޭރުފުށުން ފެންނަ ކަންކަން ކަމެވެ. މިކަމުގެ އެއް ހެއްކަކީ އަޅުކަމަކީ ރިވެތި އަޚްލާޤީ ސިފަތަކުން އިންސާނާގެ ނަފުސު ތަޒުކިޔާ ކޮށް ތާހިރު ކޮށްދޭ ކަމެއްކަން ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވާފައި ވުމެވެ.
މިގޮތުން ނަމާދާ ބެހޭ ގޮތުން އަންގަވަނީ އެއީ ފާހިޝް ކަންތައްތަކާއި މުންކަރާތްތައް ނަހީކުރުވާ ކަމެއް ކަމުގައެވެ (އަލްޢަންކަބޫތު 45). ޒަކާތާ ބެހޭ ގޮތުން އަންގަވަނީ އޭގެ ސަބަބުން އެބައިމީހުން ތާހިރުކުރައްވާނޭ، އަދި އެ މީހުންނަށް ހެޔޮކަން އިތުރު ކޮށްދެއްވާނޭ ސަދަގާތެއް އެ މީހުންގެ މުދަލުން ނެންގެވުމަށެވެ. (އައްތައުބާ 103). ރޯދައާ ބެހޭ ގޮތުން އަންގަވަނީ ކުރީގެ މީހުންގެ މައްޗަށް ވެސް ފަރުޟު ކުރެއްވި ފަދައިން ރޯދަ ފަރުޟު ކުރައްވާ ކަމުގަ އެވެ. އަދި އެކަމުގެ ބޭނުމަކީ ތަޤުވާވެރިވުން ކަމުގައެވެ. (އަލްބަޤަރާ 183).
ރިވެތި އަޚްލާޤާ ނުލައި އަޅުކަން ފުރިހަމަ ނުވާނެކަމުގެ ދެވަނަ ހެއްކަކީ އަޚްލާޤީ ސިފަތަކާއި އަޅުކަން ފުރިހަމަ ވުމާ ގުޅޭ ގޮތުން ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ބަޔާން ކުރައްވާފައިވާ ކަންކަމެވެ. މިގޮތުން އެކަލޭގެފާނު ބަޔާން ކުރައްވަނީ، ދޮގު ހެދުމާއި ދޮގުހެކި ދިނުމުން ދުރުހެލި ނުވެވޭ މީހާ ރޯދައަށޭ ކިޔާފައި، ކެއުމާއި ބުއިމުން މަހުރޫމު ވެގެން ހުރުމުގެ ބޭނުމެއް ނެތް ކަމުގައެވެ. އަދި ބައެއް ރޯދަވެރިންނަކީ (އެބަހީ ރޯދައަށް ހުރެ ރިވެތި އަޚްލާޤީ ސިފަތަކުގެ މަތީ ދެމިނުތިބެވޭ މީހުންނަކީ) އެ މީހުންގެ ރޯދައިން ހަމައެކަނި ބަނޑުހައިވުމާއި ކަރުހިއްކުން ފިޔަވައި އެހެން ކަމެއް ލިބޭނެ ބައެއް ނޫން ކަމުގައެވެ. ހަމަ މިފަދައިން ޙައްޖަކީ ވެސް ތަޤުވާގެ ކޮއްތު ލިބިގަތުމަށް އޮތް އަޅުކަމެކެވެ. ވީމާ ކޮންމެ އަޅުކަމެއް އަދާ ކުރާއިރުވެސް އެ އަޅުކަމުގެ ނަތީޖާއެއްގެ ގޮތުގައި ހިމެނޭ ރިވެތި އަޚްލާޤީ ސިފަތައް އަށަގަންނުވަން މަސައްކަތް ކުރަން ޖެހޭނެ އެވެ. މިކަން ހާސިލު ކުރެވޭނީ އިސްލާމް ދީނުގައި ރޭވިފައިވާ ގޮތަށް އިޚުލާޞްތެރިކަމާ އެކު އަޅުކަންތައް އޭގެ ރޫޙާނިއްޔަތާ އެކު އަދާ ކޮށްގެންނެވެ.
އީމާންތެރިކަން ފުރިހަމަ ކުރުމަށާއި އަޅުކަމުގެ މޭވާ ހާސިލު ކުރުމަށްޓަކައި ރިވެތި އަޚްލާޤީ ސިފަތައް އަށަގެންނެވުމުގައި ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ނަމޫނާއެއްގެ ގޮތުގައި މުސްލިމުން ބަލަން ޖެހެއެވެ. ސަބަބަކީ އެކަލޭގެފާނަކީ އަޚްލާޤުގެ އެންމެހާ ރިވެތި ސިފަތައް ފުރިހަމަ ކުރެއްވުމަށްޓަކައި ﷲ ފޮނުއްވި މާތް ނަބިއްޔާ ކަމުގައި ވާތީ އެވެ. އަދި އެކަލޭގެފާނަކީ "މަތިވެރިވެގެންވާ ޚުލްޤުފުޅެއްގެ މަތީ ހުންނެވި" ބޭފުޅެއް ކަން ޤުރުއާނުގައި ސިފަކުރައްވާފައި ވާތީ އެވެ. މި ޚުލްޤުފުޅު އެކަލޭގެފާނަށް ލިބިލެއްވީ އެކަލޭގެފާނު ހިދާޔަތާއި ތެދުމަގާއި އަލިކަން ހޯއްދެވީ ސީދާ ﷲ ގެ ހަޒުރަތުން ކަމަށް ވުމުންނެވެ. ނުބައި މަގާއި ރަނގަޅު މަގުން ހިނގުމުގެ ގާބިލިއްޔަތު އިންސާނާ އަށް ﷲ ދެއްވާފައިވީ ހިނދު، އެ ނަފުސު ތާހިރުކޮށް ތަޒުކިޔާ ކުރައްވައިގެން ފަލާހާއި ކާމިޔާބު ލިބުނު މީހުންގެ އެންމެ ކުރިއަށް ހުންނެވީ އަޅުގަނޑުމެންގެ މާތް ސާހިބާ މުޙައްމަދުގެފާނެވެ. މި ނަމޫނާގައި ހިފައިގެން އިސްލާމް ދީނުގައިވާ ފަދައިން އިންސާނަކު ޚުލްޤުވެރި ވެއްޖެ ނަމަ އެ ޚުލްޤެއް އެމީހަކާ އެކު ދެމިހުންނާނެ އެވެ. އެހެން މީހުންނާ ކުރާ މުއާމަލާތުތަކުގައި ވެސް ވަކި މީހެއް ވަކި ވަގުތެއް ތަފާތު ނުވާނެ އެވެ.
މުސްލިމެއްގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އޯގާތެރިކަމާއި އަޅާލުން ފަދަ ރިވެތި ސިފަތަކަކީ ހަމަ ހުރިހާ އިންސާނުންނާ އެކު ވެސް ގެންގުޅެން ޖެހޭ ސިފަތަކެވެ. އަނިޔާކުރުމާއި ބޮޑާވުމާއި ގެއްލުންދިނުން ފަދަ ނުބައި ސިފަތަކަކީ ހަމަ އެންމެންގެ ކައިރީގައި ވެސް އަދި ހަމަ ކޮންމެ ތަނެއްގައި ވެސް އެއިން ދުރުހެލިވާން ޖެހޭނެ ސިފަތަކެވެ. "ތިބާ ވީ ކޮންމެ ތަނެއްގައި ތިބާ ﷲ އަށް ތަޤުވާވެރިވާށޭ!" ކީރިތި ނަބިއްޔާ ވަނީ އަމުރު ކުރައްވާފައެވެ. އަދުލު އިންސާފު ގާއިމު ކުރުމުގައި ދެމިތިބޭ އަދި ﷲ އަށްޓަކައި ހެކިބަސްދިނުމުގައި ޚުދު ތިމާގެ އަމިއްލަ ނަފުސަށް ނުވަތަ މައިންބަފައިންނަށް ނުވަތަ ތިމާގެ މީހުންނަށް ކަމަށް ވިއަސް ހެކިބަސްދިނުމަށް ޤުރުއާނުގައި އަންގަވާފައި ވެއެވެ (އައްނިސާއު 135). އަދި ކިއެއްތަ، ޣައިރު މުސްލިމުންނާ މެދުގައި ވެސް އަދުލުވެރިވުމަށް ވަނީ އަމުރު ކުރައްވާފަ އެވެ (އަލްމާއިދަތު 8).
ވީމާ ރިވެތި އަޚްލާޤުގެ ވެރިއެއް ކަމުގައި ވުމަށް ހަމަ ކޮންމެ މުސްލިމަކު ވެސް ސަމާލުވާން ޖެހޭނެ އެވެ. އިސްލާމީ ރިވެތި އަޚްލާޤުގެ އެންމެހާ ސިފަތައް ތިމާގެ ކިބައިގައި ހަރުލެއްވުމަށް މަސައްކަތް ކުރަން ޖެހޭނެ އެވެ. އަދި މި މަސައްކަތުގައި އެކަކު އަނެކަކަށް ވާގިވެރިވާން ޖެހޭނެ އެވެ. ތިމާގެ އީމާންކަން ފުރިހަމަވެ ތިމާ އަދާކުރާ އަޅުކަންތަކުގެ މޭވާ ހާސިލު ކުރި ކަމަށް ބެލެވޭނީ އަޚްލާޤު ރަގަޅު ވެގެންނެވެ.