ސޯލްޝެއާ އަށް އޮތް ޕްރެޝަރު ދެގުނަ ބޮޑު: އިންސް
ސޯލްޝެއާ އަށް އޮތް ޕްރެޝަރު ދެގުނަ ބޮޑު: އިންސް

މެންޗެސްޓާ (އޭޕްރީލް 26) - މެންޗެސްޓާ ޔުނައިޓެޑް އަލުން މުބާރާތްތަކަށް ވާދަކުރެވޭ ފެންވަރުގެ ޓީމަކަށް ހަދަން އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ އަށް ޕްރެޝަރު ދެ ގުނަ ބޮޑުވެފައިވާ ކަމަށް އެ ޓީމަށް ކުރިން ކުޅުނު މިޑްފީލްޑަރު ޕައުލް އިންސް ބުނެފި އެވެ.

މިދިޔަ ޑިސެމްބަރު ހޯސޭ މޮރީނިއޯ ވަކިކޮށް ޔުނައިޓެޑުން އެންމެ ފުރަތަމަ ސޯލްޝެއާ ގެނައީ މި ސީޒަނުގެ ނިޔަލަސް ވަގުތީ ކޯޗެއްގެ ގޮތުގަ އެވެ. އެކަމަކު މިހާރު ވަނީ އެ އެއްބަސްވުން ދާއިމީކޮށް ތިން އަހަރަށް ސޯލްޝެއާ އަށް ކޮންޓްރެކްޓް ދީފަ އެވެ. ދާއިމީ އެއްބަސްވުން ދިން ފަހުން ޔުނައިޓެޑަށް ފަހަކަށް އައިސް ނަތީޖާ ނެރުން ވަނީ އުނދަގޫވެފަ އެވެ. އެންމެ ފަހުން ޔުނައިޓެޑް ކުޅުނު ނުވަ މެޗުގެ ތެރެއިން ހަތް މެޗުން ވަނީ ބަލިވެފަ އެވެ.

ބީޓީ ސްޕޯޓްސްގެ ޝޯއެއްގައި ވާހަކަ ދައްކަމުން އިންސް ބުނީ ސޯލްޝެއާ އަށް އެއްބަސްވުން ދިނީ މާ އަވަސް އަރުވާލައިގެން ކަމަށެވެ.

"ޕްރެޝަރު ވަގުތުތަށް އަންނާނެކަން ކުރިން ވެސް އެނގޭ. ސޯލްޝެއާ ވަކި ވަގުތަކަށް ބެލުމެއް ނެތި ކޮންޓްރެކްޓެއް ދިނީ ރަނގަޅު ފޯމެއްގައި ޓީމު އޮއްވައި އޭރު އަދި ކަމެއް ހާސިލެއްނުވޭ. އަހަރެންގެ ނަޒަރުގައި ސޯލްޝެއާ އަށް ކޮންޓްރެކްޓް ދޭންވީ ސީޒަން ނިމުނީމަ. ކަމެއް ހާސިލްވީމަ. މިހާރު މި އޮތީ ކަމެއް ހާސިލްނުވެ ކޮންޓްރެކްޓް ދިނުމުގެ ގޯސް އަސަރުތަކެއް ފެނިފައި،" އިންސް ބުންޏެވެ.

މީގެ ކުރިން މޮރީނިއޯ ވެސް ވަނީ ސޯލްޝެއާ އަށް އުނދަގޫވާނީ ޓާގެޓެއް ދިނުމުން މަސައްކަތް ކުރަން ކަމަށް ބުނެފަ އެވެ. އެންމެ ފަހުން މެންޗެސްޓާ ސިޓީ އަތުން ބަލިވި މެޗަށް ފަހު ޔުނައިޓެޑަށް މި ފަހަރުގެ ގަދަ ހަތަރެއްގައި ނިންމައި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ. މި ވަގުތު ޔުނައިޓެޑް އޮތީ ހަ ވަނައިގަ އެވެ.

އިންސް ބުނީ ޗެމްޕިއަންސް ލީގަށް ޔުނައިޓެޑް ކޮލިފައިނުވެއްޖެނަމަ އެއީ ކްލަބަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

"ޗެމްޕިއަންސް ލީގަށް ނުގޮސް ކިހިނެއް ރަނގަޅު ކުޅުންތެރިން ގެންނަނީ؟ މާލީ ގޮތުން ބެލިޔަސް އެއީ ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް. ހަގީގަތަކީ މިހާރު ޔުނައިޓެޑްގައި ސޯލްޝެއާ އަށް އޮތީ މޮރީނިއޯ އަށް އޮތް ވަރަށް ވުރެ ވެސް އުނދަގޫ ހާލަތެއް. ޕްރެޝަރު ދެ ގުނަ ބޮޑުވެއްޖެ،" އިންސް ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުގައި ޗެމްޕިއަންސް ލީގަށް ޔުނައިޓެޑް ކޮލިފައިނުވެއްޖެނަމަ އެ ޓީމުގެ ތަރި ޕައުލް ޕޮގްބާ ހުރީ އެ ޓީމު ދޫކޮށްލަން ނިންމައިގެންނެވެ. އަދި ރޮމެލޫ ލުކާކޫ ވެސް ވަނީ އިޓާލިއަން ލީގުގައި ކުޅެން ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.