27 އެޕްރީލް 2019 - 08:28

ދުބާއީ (އެޕްރީލް 27) - ޓްރެފިކް އެކްސިޑެންޓުގައި 1991 ވަނަ އަހަރު ސީރިއަސް ޒަޚަމްތަކެއް ލިބުނު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އަންހެނަކު 27 އަހަރު ކޯމާއެއްގައި އޮތުމަށް ފަހު ހޭއަރައިފި އެވެ.
އެކްސިޑެންޓް ހިނގީ މުނީރާ އަބްދުﷲ ގެ އުމުރުން 32 އަހަރުގަ އެވެ. އޭނާ އިން ކާރު ގޮސް ބަހެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި ސިކުނޑި އަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ކާރުގައި އޭނާ ދިޔައީ ސްކޫލުން ދަރިފުޅު ގޮވައިގެންނެވެ. އެކްސިޑެންޓް ހިނގި އިރު ދަރިފުޅު އުމަރު ވަބައިރުގެ އުމުރުން ހަތަރު އަހަރެވެ. އެ ދެމެއިން ތިބީ ކާރުގެ ފަހަތު ސީޓުގަ އެވެ. ބަހުގައި ކާރު ޖެހެންދިޔަ ވަގުތު މުނީރާ ވަނީ ދަރިފުޅު އަތްދަނޑިއަށް ލައިގެން ހިމާޔަތްދީފަ އެވެ. ދަރިފުޅު އުމަރަކަށް ގެއްލުމެއް ނުލިބެ އެވެ.
މުނީރާ އަށް ޖަރުމަނުގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށް އޭނާ ހޭއެރީ މިދިޔަ އަހަރު އެވެ.
ޔޫއޭއީގެ "ނޭޝަން" ނޫހަށް ދިން އިންޓަވިއުއެއްގައި އުމަރު ބުނީ މަންމައާ މެދު އޭނާ އެއްގޮތަކަށް ވެސް އުއްމީދު ކަނޑާނުލައި ކަމަށާއި ކޮންމެވެސް ދުވަހަކުން މަންމަ ހޭއަރާނެ ކަމުގެ އިހްސާސް ކުރެވުނު ކަމަށެވެ.
"މަންމަގެ ވާހަކަ އަހަރެން ހިއްސާ ކުރަން ބޭނުންވި އެއް ބޭނުމަކީ ލޯބިވާ މީހުންނާ މެދު އުއްމީދު ކަނޑާނުލުމަށް ހަނދާންކޮށްދިނުން. މިފަދަ ހާލަތެއްގައި އޮންނަ މީހަކު ވެސް މަރުވީ ކަމަށް ނުބެލުން،" އުމަރު ބުންޏެވެ. "މަންމަ އިނީ އަހަރެން ގޮވައިގެން ކާރުގެ ފަހަތުގައި. ބަހުގައި ޖެހެންދާކަން އެނގުމުން މަންމަ ވަނީ އަހަރެން މަންމަގެ ގައިދޮށަށްލައި ހިމާޔަތް ދީފައި."
މުނީރާ އަށް ވަނީ ލަންޑަނުގައި ވެސް ފަރުވާދީފަ އެވެ. ފަހުން ވަނީ ޔޫއޭއީގެ އަލް އައިން ސިޓީ އަށް ބަދަލުކޮށް ފަރުވާ ދޭން ފަށައިފަ އެވެ. ހަރަކާތް ނުކޮށް އޮންނަން ޖެހޭތީ މުނީރާގެ މަސްތައް ބަލިކަށިވިޔަ ނުދޭން ފިޒިއޮތެރަޕީ ކުރިއަށް ގެންދިޔަ އެވެެ. ދެހާސް ސަތާރަ ވަނަ އަހަރު ވަނީ އަބޫ ދާބީގެ ކްރައުން ޕްރިންސް ކޯޓުގެ އެހީގައި މުނީރާ ޖަރުމަނަށް ގެންދިއުމުގެ މަގު ފަހިވެފަ އެވެ.
"ޖަރުމަނުގައި ފަރުވާ ދެމުން ގޮސް އެއްް ދުވަހަކު މަންމަ އަޑެއް ލައްވަން ހެދީމާ އަހަރެން ޑޮކްޓަރުންނަށް ގޮވިން. ޑޮކްޓަރުން ބުނީ ހުރިހާ ކަމެއް ވެސް ރަނގަޅު ކަމަށް،" އުމަރު ކިޔައިދިނެވެ. "އޭގެ ތިން ދުވަސް ފަހުން މަންމަ އަހަރެންގެ ނަމުން ގޮވާލި. އަހަރެން އުފަލުން ގޮސް އުދުހުނު ފަދަ. އެތައް އަހަރެން ވަންދެން އަހަރެން ދެކެމުން އައި ހުވަފެން ހަގީގަތަކަށްވި."
އޭގެ ފަހުން މުނީރާގެ ހާލު ރަނގަޅުވެ އޭނާ އަށް އެކި އިހްސާސްތައް ކުރެވެ އެވެ. އަދި ކޮންމެވެސް ވަރަކަށް ވާހަކަ ދައްކަ އެވެ. މުނީރާ މިހާރު ވަނީ އަބޫ ދާބީ އަށް ބަދަލުކޮށްފަ އެވެ. އަދި އޭނާ އަށް ގެންދަނީ ފިޒިއޮތެރަޕީ އާއި ރިހެބިލިޓޭޝަން ފަރުވާ ދެމުންނެވެ.