27 އެޕްރީލް 2019 - 07:48

ކޮލަމްބޯ (އެޕްރީލް 27) - ސްރީ ލަންކާގެ އެކި ހިސާބުތަކުގައި މިދިޔަ އާދިއްތަ ދުވަހު ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާ ދިން އެކަކު މީގެ ކުރިން ވަނީ ފުލުހުން ހައްޔަރު ކުރުމަށް ފަހު ދޫކޮށްލާފައި ކަމަށް ސަރުކާރުގެ ސީނިއާ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
"ލަންކާ ފުލުހުން ކުރިން ހައްޔަރު ކުރީ އިލްހާމް އަހުމަދު އިބްރާހިމް. އެއީ ސިނަމަން ގްރޭންޑުގައި ބޮމުގެ ހަމަލާ ދިން މީހާ،" އޮފިޝަލް ވިދާޅުވި އެވެ.
އިލްހާމް ޖާނުންފިދާވުމުގެ ހަމަލާ ދިނީ ސިމަންގައި ނާސްތާ އަށް އެންމެން ކިޔޫގައި ތިބި ވަގުތު ކިޔޫގެ ކުރިއަށް އަރައި ހަށިގަނޑުގައި ހަރުކޮށްފައި ހުރި ގޮވާ ތަކެތި ގޮއްވާލައިގެންނެވެ.
ތަހުގީގާ ގުޅުން ހުރި ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި އިލްހާމްގެ ކޮއްކޮ އިސްމަތު ވެސް ވަނީ ޖާނުންފިދާވެގެން ހަމަލާދީ މަރުވެފަ އެވެ. އޭނާ ހަމަލާ ދިނީ ޝަންގްރިއްލާ ހޮޓަލަށެވެ. ފުލުހުންގެ ތަރުޖަމާން ރުވާން ގުނަސެކަރާ ވިދާޅުވީ ބޮމުގެ ހަމަލާތަކަށް ފަހު، އެ ދެ މީހުންގެ ބައްޕަ އަދި ލަންކާގައި ފުޅާ ދާއިރާއެއްގައި ހަވާދުގެ ވިޔަފާރި ކުރާ މުހައްމަދު ޔޫސުފް ވަނީ ހައްޔަރުކޮށްފައި ކަމަށެވެ. އޭނާ އަކީ ކޮލަމްބޯގައި ހިންގާ އިޝާނާ އެކްސްޕޯޓުގެ ބާނީ އެވެ. އެއީ 2006 ވަނަ އަހަރުން ފެށިގެން ލަންކާ އިން އެންމެ ގިނައިން ހަވާދު އެކްސްޕޯޓް ކުރާ ކުންފުންޏެވެ. މުހައްމަދު ޔޫސުގެ އާއިލާގެ އެހެން މެންބަރުން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
ބޮމުގެ ހަމަލާއާ ގުޅިގެން މިހާތަނަށް ވަނީ 75 މީހުން ހައްޔަރުކޮށްފަ އެވެ. ހައްޔަރު ކުރި އެންމެންނަކީ ވެސް މުސްލިމުންނެވެ. އޭގެ ތެރޭގައި ހަތަރު އަންހެނަކު ވެސް ހިމެނެ އެވެ. ހައްޔަރުކުރަމުން ދަނީ ބޮމުގެ ހަމަލާ ދިން މީހުންގެ އާއިލާތަކުގެ މެންބަރުން، އެ މީހުންގެ ރަހުމަތްތެރިން ނުވަތަ އައިއެސްއާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ މީހުންނެވެ.
ލަންކާ ފުލުހުން މިހާރު ވަނީ ހޯދަން ބޭނުންވާ ހަތް މީހެއްގެ ފޮޓޯ އާއްމުކޮށްފަ އެވެ.