26 އެޕްރީލް 2019 - 08:30

ކޮލަމްބޯ (އެޕްރީލް 26) - ސްރީ ލަންކާގައި އާދިއްތަ ދުވަހު ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 360 އަށް އަރާފައިވާ ކަމަށް ބުނުމަށް ފަހު ކުއްލި އަކަށް އެ އަދަދު 253 އަށް ދަށްކޮށްފި އެވެ.
މަރުވި މީހުން ކަމަށް ކުރިން ހާމަކުރި އަދަދުން 100 ވަރަކަށް މީހުން މަދުކުރަން ޖެހުނީ، ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، ކުރީގެ ކެލްކިއުލޭޝަން ގޯސްވުމުންނެވެ.
ލަންކާގެ ސްޓޭޓް މިނިސްޓަ އޮފް ޑިފެންސް ރުވާން ވިޖެވަރްދަނާ ވިދާޅުވީ މަރުވި މީހުންގެ އަދަދާ މެދު އޮޅުން އެރީ މޯޗަރީތަކުން ނުބައި އަދަދުތަކެއް ފޮނުވުމުން ކަމަށެވެ. ހެލްތު ސާވިސްގެ އިސް އޮފިޝަލަކު ވިދާޅުވީ ހަށިގަނޑުން ވަކިވެފައިވާ ގިނަ ބައިތަކެއް ހުރުމާ އެކު މަރުވި މީހުންގެ ސީދާ އަދަދު ހޯދަން ދަތިވި ކަމަށެވެ.
ހެލްތު މިނިސްޓްރީން ބުނީ ހުރިހާ އޮޓޮޕްސީއެއް މިހާރު ހަދާ ނިމިފައިވާ ކަމަށާއި ޑީއެންއޭ ސާމްޕަލްގެ ކްރޮސް-ރިފަރެންސް ވެސް ނިމިފައިވާ ކަމަށެވެ.
ޖާނުންފިދާވެގެން ކޮލަމްބޯ އާއި އިރުމަތީގެ ބަޓިކަލޮއާގައި ދިން ހަމަލާތަކުގައި 500 އަށް ވުރެ ގިނަ މީހުން ޒަޚަމްވި އެވެ. ހަމަލާ ދިން ކަމަށް ބެލެވެނީ ނުވަ މީހުންނެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ ލަންކާ މީހުންނެވެ. ނަމަވެސް ބިދޭސީންގެ 37 މީހުން ވެސް ހިމެނެ އެވެ.
ހަމަލާއާ ގުޅުން ހުރި ކަމަށް ބެލެވޭ 70 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އިތުރު ހަތް މީހަކު ހޯދަން މިހާރު ވަނީ ފޮޓޯ އާއްމުކޮށްފަ އެވެ. ހަމަލާ ދިން ކަމަށް ލަންކާ ސަރުކާރުން ބުނެފައި ވަނީ ނޭޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) އިންނެވެ. ހައްޔަރުކޮށްފައި ވަނީ އެ ޖަމާއަތާ ގުޅުން ހުރި މީހުންނެވެ.
އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ ލަންކާގައި ދިން ބޮމުގެ ހަމަލާގެ ޒިންމާ އުފުލައި، ފޮޓޯ އާއި ވީޑިއޯ އާއްމުކޮށްފަ އެވެ.