25 އެޕްރީލް 2019 - 22:50

މަސްތުވާތަކެއްޗާ އެކު 19 މީހަކު ފުލުހުން މިއަދު މާލެއިން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި ދެ އޮޕަރޭޝަނެއްގައި 17 އަހަރާއި 38 އަހަރާ ދެމެދުގެ ފިރިހެނުންތަކެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.
ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި ފުރަތަމަ އޮޕަރޭޝަނުގައި ފާސްކުރީ ގަލޮޅުގެ ގެއެކެވެ. ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 1211 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 10 ސެލޯފިންކޮޅާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބުލެޓް ސައިޒުގެ ތިން ރަބަރު ޕެކެޓު ފެނިފައިވެ އެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 18 އަހަރުން ދަށުގެ ކުއްޖަކާއި އިތުރު 13 ފިރިހެނުންނެވެ.
ދެވަނަ އޮޕަރޭޝަންގައި ވެސް ފާސްކޮށްފައި ވަނީ ގަލޮޅުގެ ގެއެކެވެ. އެތަން ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 62 ރަބަރު ޕެކެޓު ފެނިފައިވާއިރު އެ މައްސަލައިގައި ފަސް މީހަކު ހައްޔަރުކޮށްފައި ވެ އެވެ.