ލަންކާގައި ތިބި އިޒްރޭލް މީހުން ދިއުމަށް އަންގައިފި
ލަންކާގައި ތިބި އިޒްރޭލް މީހުން ދިއުމަށް އަންގައިފި

ކޮލަމްބޯ (އެޕްރީލް 25) - އިޒްރޭލް މީހުން މިދުވަސްވަރު ސްރީ ލަންކާ އަށް ދަތުރު ނުކުރުމަށާއި ލަންކާގައި ތިބި އިޒްރޭލް މީހުން ވީހާ ވެސް އަވަހަކަށް އެ ގައުމު ދޫކޮށް ދިއުމަށް އިޒްރޭލް ސަރުކާރުން އިލްތިމާސްކޮށްފި އެވެ.

އިޒްރޭލުގެ ކައުންޓަ-ޓެރަރިޒަމް ބިއުރޯ އިން ބުނީ ޓްރޭވަލް އެޑްވައިޒަރީއެއް ނެރެން ޖެހުނީ ސެކިއުރީ އަދި ފޮރިން މިނިސްޓްރީއާ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. އަދި އިންޒާރު ނެރެން ޖެހުނު އަނެއް ސަބަބަކީ ސްރީ ލަންކާގެ ސަލާމަތީ ކަންކަން މިދުވަސްވަރު ދަށްވުމުން ކަމަށެވެ.

ބޮމުގެ ހަމަލާތަކާ ގުޅިގެން އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ލަންކާ އަށް އެހީވުމަށް ހުށަޙަޅައިފަ އެވެ.

ލަންކާ އަށް ދިން ހަމަލާތަކުގައި 37 ބިދޭސީއަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި އެމެރިކާގެ ހަތަރު މީހުންނާއި އިންޑިއާގެ 10 މީހުން އަަދި އިނގިރޭސި ވިލާތުގެ އަށް މީހުން ހިމެނެ އެވެ.

ލަންކާ އަށް ބޮމުގެ ހަމަލާތައް ދިނީ އެ ގައުމުގެ ސަލާމަތީ ފަރާތްތަކުގެ އިހުމާލަކުން ކަމަށް ސަރުކާރުން އިއްޔެ ވަނީ އެެއްބަސްވެފަ އެވެ. ބޮމުގެ ހަމަލާތަކެއް ދޭން އުޅޭކަމުގެ އިންޓަލިޖެންސް މައުލޫމާތު 10 ދުވަސް ކުރިން ލިބުނު ނަމަވެސް ސަލާމަތީ ފަރާތްތަކުން ފިޔަވަޅު އަޅައިފައެއް ނުވެ އެވެ. ރައީސް މައިތުރިޕާލާ ސިރިސޭނާ މިހާރު ވަނީ ފުލުހުންގެ ވެރިޔާ އާއި ޑިފެންސް ސެކްރެޓަރީ މަގާމުން ވަކިކޮށްފަ އެވެ.