25 އެޕްރީލް 2019 - 16:44

ކޮލަމްބޯ (އެޕްރީލް 25) - ލަންކާގައި މިދިޔަ އާދިއްތަ ދުވަހު ދިން ބޮމުގެ ހަމަލާއާ ގުޅުން ހުރި މީހުން ހޯދުމުގައި ފުލުހުންނަށް އެހީވުމަށް އެތައް ހާސް ސިފައިންނެއް ނެރެފި އެވެ.
ސިފައިންގެ ތަރުކަމާން ބްރިގޭޑިއާ ސުމިތު އަތަޕައްތޫ ވިދާޅުވީ އެއްގަމާއި ކަނޑާ އަދި ވައިގެ ސިފައިން ހިމެނޭ ގޮތުން 1،300-6،300 ސިފައިން ގައުމުގެ އެކި ހިސާބުތަކަށް ނެރެފައިވާ ކަމަށެވެ.
"ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މީހުން ހައްޔަރުކޮށް ތަންތަން ބަލާ ފާސްކުރުމުގެ ބާރު ވަނީ ލިބިފައި،" އަތަޕައްތޫ ވިދާޅުވި އެވެ.
ލަންކާ ސަރުކާރުން މިހާރު ވަނީ ޑްރޯން ދުއްވުން ވެސް ވަގުތީ ގޮތުން މަނާކޮށްފަ އެވެ.
ފުލުހުން ބުނީ ނޭޝަނަލް ތައުހީދު ޖަމާއަތާ ގުޅުން އޮންނަ ކަމަށް ބެލެވޭ 16 މީހަކު ރޭ ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ. އެހެން ކަމުން ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު 75 މީހުން އެބަތިބި ކަމަށް ވަނީ ބުނެފަ އެވެ.
ބޮމުގެ ހަމަލާ ދޭން އުޅޭ ކަމުގެ މައުލޫމާތު ކުރިން ލިބި ފިޔަވަޅު ނޭޅި މައްސަލަ ވެސް މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. ރައީސް މައިތުރިޕާލާ ސިރިސޭނާ މިހާރު ވަނީ ޑިފެންސް ސެކްރެޓަރީ އާއި ފުލުހުންގެ ވެރިޔާ މަގާމުން ވަކިކޮށްފަ އެވެ.
އާދިއްތަ ދުވަހުގެ ހަމަލާގައި މިހާތަނަށް ވަނީ 360 މީހުން މަރުވެފަ އެވެ. މިއީ ލަންކާގެ ދާޚިލީ ހަނގުރާމަ 2009 ވަނަ އަހަރު ނިމުނު ފަހުން އެ ގައުމުގައި ދިން އެންމެ ނުރައްކާ ހަމަލާ އެވެ.