ފުރަތަމަ ކުއާޓަރުގައި އެސްޓީއޯ އަށް ބޮޑު ފައިދާއެއް
ފުރަތަމަ ކުއާޓަރުގައި އެސްޓީއޯ އަށް ބޮޑު ފައިދާއެއް

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯ އަށް ލިބުނު ފައިދާ 103 މިލިއަން ރުފިޔާ އަށް އަރައިފި އެވެ.

އެސްޓީއޯއިން އާންމުކޮށްފައިވާ ފުރަތަމަ ކުއާޓާގެ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާ އިރު މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު އާމްދަނީ ވަނީ 57 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯ އަށް ލިބިފައިވަނީ 46 މިލިއަން ރުފިޔާގެ ފައިދާ އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މާޗު މަހުގެ ނިޔަލަށް އެހާ ބޮޑު ފައިދާއެއް ލިބުނީ، އެސްޓީއޯއިން ހިންގާ ވިޔަފާރިތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ސަބަބުން ކުންފުނީގެ އާމްދަނީ ވަރަށް ބޮޑަށް އިތުރުވީމަ ކަމަށެވެ.

"އެގޮތުން އެފްއެސްއެމް [ފިއުލް ސަޕްލައި މޯލްޑިވްސް] އިން މިދިޔަ ހަތަރު އަހަރުވީ ގެއްލުން. އެހެން ނަމަވެސް ގެނެވުނު ބަދަލާ އެކު އާމްދަނީ ވަރަށް ބޮޑަށް އިތުރުވި. މާކެޓު ކުރެވި އިތުރު ތަންތަނަށް ތެޔޮ ޑިސްޓްރިބިއުޓް ކުރެވުމާ އެކު އެސްޓީއޯއިން ތެޔޮ ވިއްކާ އަދަދު އިތުރުވި،" އޭނާ ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ، މާލީ ގޮތުން ކުންފުނީގެ ހާލަތު ރަނގަޅުވުމުން އެއްވެސް ހުއްޓުމެއް ނެތި އެސްޓީއޯގެ ފިހާރަތަކަށް މުދާތައް މިހާރު ގެނެވޭ ކަމަށެވެ.

އެސްޓީއޯގެ އެތެރޭގެ ހިންގުމަށް ގެނައި ބަދަލާ އެކު ކާޑުގެ އަގު އެއް އަގަކަށް ގެނެވި، ގެއްލުން ވުމުގެ ބަދަލުގައި އޭގެ ތެރެއިން ވިޔަފާރިވެރިންނަށް ވެސް ފައިދާތަކެއް ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.

މި އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި އެސްޓީއޯ އިން 2.3 ބިލިއަން ރުފިޔާގެ ވިޔަފާރި ކުރި އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީ ހުރީ 2.2 ބިލިއަން ރުފިޔާގަ އެވެ.