މޫނު ބުރުގާ އަޅައިގެން ލަންކާގައި އުޅެން އުނދަގޫތަކެއް
މޫނު ބުރުގާ އަޅައިގެން ލަންކާގައި އުޅެން އުނދަގޫތަކެއް

ކޮލަމްބޯ (އެޕްރީލް 25) - ސްރީ ލަންކާގައި ދިން ބޮމުގެ ހަމަލާތަކަށް ފަހު އެ ގައުމުގައި މޫނު ބުރުގާ އަޅައިގެން ފިހާރަތަކަށް ވަދެ ނުކުމެ އުޅެން އުނދަގޫތައް ކުރިމަތިވެއްޖެ އެވެ.

ލަންކާގައި އިނގިރޭސި ބަހުން ނެރޭ ނޫހަކުން ބުނެފައި ވަނީ މޫނު ބުރުގާ އަޅައިގެން ފިހާރަތަކަށް ވަނުމާއި އާއްމު ތަންތަނުގައި އުޅުން މަނާކުރަން ސަރުކާރުން ނިންމީ ބޮމުގެ ހަމަލާތަކުގައި އަންހެނުން ވެސް ބައިވެރިވެފައިވާ ކަމުގެ ހެކި ފުލުހުންނަށް ލިބިފައިވާތީ އެވެ.

ސްޓޭޓް މިނިސްޓަ އޮފް ޑިފެންސް ރުވާން ވިޖެވަރްދަނާ ވިދާޅުވީ ޖާނުންފިދާވުމުގެ ހަމަލާ ދިނުމުގައި ނުވަ މީހުން ބައިވެރިވި ކަމަށެވެ. މީގެ ތެރޭން އަށް މީހުން މިހާރު ދެނެގަނެވިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ޓެރަރިސްޓުން ބޭނުންކުރި ކަމަށް ބެލެވޭ ދެ ތަނެއް ހޯދިފައިވާ ކަމަށާ އަދި ބޮމުގެ ހަމަލާތަކާ ގުޅިގެން މިހާތަނަށް 60 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ބޮމުގެ ހަމަލާ ދިން ކަމަށް އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ އެއްބަސްވެފަ އެވެ. ނަމަވެސް ލަންކާ ސަރުކާރުން ބުނެފައި ވަނީ ހަމަލާގެ ފަހަތުގައި ވަނީ އެ ގައުމުގެ ޖަމާއަތެއް ކަމަށްވާ ނޭޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) ކަމަށެވެ. ނަމަވެސް އެ ޖަމާއަތުން އެކަން ވަނީ ދޮގުކޮށްފަ އެވެ.