01 ސެޕްޓެމްބަރ 2016 - 15:44

އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ޔުނިފޯމްގެ މިންގަނޑާ ހިލާފުވެފައިވާތީ އެ މީހުން ވަޒީފާއިން ވަކިކުރަން ނިންމައި ނޯޓިސް ދީފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.
އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ އިމިގްރޭޝަންގެ ޔުނިފޯމް ގަވާއިދާ ހިލާފުވި މުވައްޒަފުން އަދި ވަކި ނުކުރާ ކަމަށެވެ. ނަމަވެސް އެހެން ވަޒީފާއަކަށް ބަދަލުވުމުގެ ފުރުސަތު ދީފައިވާ ކަމަށާއި އެ މުވައްޒަފުން އެދޭނަމަ، ސިވިލް ސާވިސްގެ އެހެން ވަޒީފާއަކަށް ބަދަލުވުމަށް އެހީތެރިވާނެ ކަމަށް ބަޔާނުގައިވެ އެވެ.
ނަމަވެސް އިމިގްރޭޝަނުން ވަކި ކުރަން ނިންމީ ކިތައް މުވައްޒަފުންނެއް ކަމެއް ބަޔާނުގައި ނެތެވެ.
އިސްތަށިގަނޑާއި ތުނބުޅި އާއި މަތިމަސް އަދި ފަޓުލޫނުގެ ފައިކުރި ޔުނިފޯމްގެ މިންގަނޑަށް ނުހުންނަ މުވައްޒަފުން ފާހަގަކޮށް، މިންގަނޑާ އެއްގޮތަށް ޔުނިފޯމް އަޅަން މުވައްޒަފުންނަށް ދިން މުހުލަތު މިއަދު ވަނީ ހަމަވެފަ އެވެ.
އިމިގްރޭޝަންގެ ޔުނިފޯމް އެޅުމުގެ ގަވާއިދު ބުނާ ގޮތުން ފިރިހެން މުވައްޒަފެއްގެ ތުނބުޅި ބަހައްޓަން ޖެހޭނީ ދެ ސެންޓިމީޓަރަށް ވުރެ ދިގުނުވާ ވަރަށެވެ. އަދި ބޯ ވެސް އެކަށީގެންވާ ވަރަށް ތުނި ކޮށްފައި ހުންނަން ޖެހޭއިރު، ފައިކުރި ކުރުކޮށްފައި ބެހެއްޓުމަކީ މަނާ ކަމެކެވެ.
އިމިގްރޭޝަނުން ބުނީ ގައުމީ ސަލާމަތާ ގުޅުން ހުރި، ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގައި ގާނޫނީ ޒިންމާތަކެއް ހަވާލުކޮށްފައިވާ އިދާރާގެ މުވައްޒަފުން ކޯޑް އޮފް ކޮންޑަކްޓާ ޔުނިފޯމް މިންގަނޑަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭނެ ކަމަށެވެ.