25 އެޕްރީލް 2019 - 12:38

ކޮލަމްބޯ (އެޕްރީލް 25) - ސްރީ ލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅޭ އިންޓަލިޖެންސް މައުލޫމާތު ކުރިން ލިބި ފިޔަވަޅު އަޅާފައި ނުވާތީ ޑިފެންސް ސެކްރެޓަރީ އާއި ފުލުހުންގެ ވެރިޔާ މަގާމުން ވަކިކޮށްފި އެވެ.
ރައީސް މައިތުރިޕާލާ ސިރިސޭނާގެ އޮފީހުން ބުނެފައި ވަނީ ޑިފެންސް ސެކްރެޓަރީ ހެމަސިރީ ފެނާންޑޯ އާއި އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް ޕުޖިތު ޖަޔަސުންދުރާ މަގާމުން ވަކިކުރީ ބޮމުގެ ހަމަލާގައި އެ މީހުންގެ އިހުމާލް ވަރަށް ބޮޑަށް އޮތުމުން ކަމަށެވެ. ލަންކާގައި ބޮމުގެ ހަމަލާ ދޭންް އުޅޭކަމުގެ އިންޓަލިޖެންސް މައުލޫމާތު 10 ދުވަސް ކުރިން ލިބުނު ނަމަވެސް ފުލުހުންގެ ފަރާތުން އެ މައުލޫމާތު ރައީސް ސިރިސޭނާ އާއި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހައާ ހިއްސާކޮށްފައެއް ނުވެ އެވެ.
ލަންކާ ސަރުކާރުން އިއްޔެ ވަނީ ހަމަލާގައި ސަލާމަތީ ފަރާތްތަކުގެ އިހުމާލް އޮތް ކަމަށް އެއްބަސްވެފަ އެވެ.
ލަންކާގެ ޑިފެންސް މިނިސްޓަރު އަދި ލޯ އެންޑް އޯޑާ މިނިސްޓަރުކަން ވެސް ކުރައްވާ ސިރިސޭނާ ވިދާޅުވީ ސިފައިންނާއި ފުލުހުން އަލުން އިންތިޒާމް ކުރުމުގެ މަސައްކަތް އެކުގައި ނިންމާލެވޭނީ ހަފުތާއެއްހާ ދުވަސް ތެރޭ ކަމަށެވެ.
ބޮމުގެ ހަމަލާ ދޭން އުޅޭކަމުގެ މައުލޫމާތު ބޮޑު ވަޒީރުގެ އޮފީހަށް ހިއްސާކޮށްފައި ނުވާ މައްސަލައިގެ ތަހުގީގު މިހާރު ވަނީ ފަށައިފަ އެވެ.
ހަމަލާގެ ޒިންމާ ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން އުފުލައިފަ އެވެ. ހަމަލާ ދިން ކަމަށް ލަންކާ ސަރުކާރުން ތުހުމަތުކޮށްފައި ވަނީ އެ ގައުމުގެ ޖަމާއަތެއް ކަމަށްވާ ނޭޝަނަލް ތައުހީދު ޖަމާއަތަށެވެ.