ކައިވެންޏަށް އަދި ތައްޔާރެއް ނޫން: އަރްޖުން ކަޕޫރް
ކައިވެންޏަށް އަދި ތައްޔާރެއް ނޫން: އަރްޖުން ކަޕޫރް

އަރުޖުން ކަޕޫރާއި މަލައިކާ އަރޯރާ ކައިވެނިކުރާނެ ކަމަށް މީޑިއާތަކުން ބުނި ތާރީހު ކަމަށްވާ މި މަހުގެ 19 ވަނަ ދުވަސް ފަހަނައަޅައި ދިޔައީ އެވެ. އެކަމަކު އެ ކައިވެނި ކުރެވުނު ތަނެއް ފެނިގެނެއް ނުދިޔަ އެވެ.

ޑީއެންއޭ އަށް ދިން އިންޓަވިއުއެއްގައި އަރުޖުން ބުނީ ކައިވެނިކުރަން އަދި ތައްޔާރު ނޫން ކަމަށާއި އަވަސް އަރުވާލައިގެން އެކަން ކުރުމުގެ މާނައެއް ވެސް ނެތް ކަމަށެވެ.

"އަދި ތެއްތިރީސް އަހަރު. އެހެންވީމާ ކައިވެނި ނުކުރެވިގެން އަދި އުޅޭކަށް ނުޖެހޭ. އަހަރެން ބޭނުންވޭ ލައިފް އެންޖޯއިކޮށްލަން. މި ވަގުތު މަސައްކަތަށް ވަރަށް ބޮޑު ފޯކަސްއެއް އެބައޮތް،" އަންނަ މަހުގެ 24 ގައި ރިލީޒްކުރާ "އިންޑިއާސް މޯސްޓް ވޯންޓެޑް" ގެ ބަތަލު ބުންޏެވެ.

އަރުޖުން ބުނި ގޮތުގައި މި ދުވަސްވަރަކީ ބޮލީވުޑްގެ ވަރަށް ގިނަ ތަރިން ކައިވެނި ކުރަމުން އަންނަ މޫސުމަކަށް ވިޔަސް، މި ވަގުތު އޭނާގެ ކައިވެނީގެ އެއްވެސް ޕްލޭނެއް ނެތެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި ކައިވެންޏަކީ ވަރަށް ބޮޑު އަދި އެހާމެ މުހިއްމު ކޮމިޓްމަންޓެއް. އެކަން ކުރަން ވާނީ ތިމާ އެކަމަށް ހުރިހާ ގޮތަކުން ތައްޔާރުވީމަ. ޔަގީނުން ވެސް އަހަރެން ބޭނުމެއް އަވަސް އަރުވާލައިގެން ކައިވެނި ކުރާކަށް،" ޕްރޮޑިއުސަރު ބޯނީ ކަޕޫރްގެ ދޮށީ ފިރިހެން ދަރިފުޅު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ކައިވެނި ކުރަން ނިންމާ ދުވަހަކުން އެކަން ސިއްރެއް ވެސް ނުކުރާނެ އެވެ.

"އަނެއްކާ މި ޒަމާނަކީ އެއްވެސް ކަމެއް ސިއްރުން ކުރެވޭ ޒަމާނެއް ވެސް ނޫން. އެހެންވީމާ މީޑިއާތަކަށް ބުނެލަން އޮތް ވާހަކަ އަކީ ކައިވެނި ކުރަންޏާ އެކަން ތި މީހުންނާ ޔަގީނުން ވެސް ހިއްސާ ކުރާނަމޭ،" އަރުޖުން ބުންޏެވެ.

އޭނާ ބުނި ގޮތުގައި މަލައިކާއަކީ ވަރަށް ހާއްސަ މީހެކެވެ.

"އޭނަ ވަރަށް ހާއްސަ. އެކަމަކު އޭގެ ޑިސްކަޝަނަކަށް ދާން ޖެހޭ ސަބަބެއް ނެތް،" މިހާތަނަށް ރަސްމީކޮށް މަލައިކާއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އެއްބަސް ނުވާ އަރުޖުން ބުންޏެވެ.

މަލައިކާއަކީ ސަލްމާން ހާންގެ ކޮއްކޮ އަރްބާޒް ހާނުގެ ކުރީގެ އަންހެނުންނެވެ. އެ ދެ މީހުންގެ ކައިވެނި 2017 ގައި ރަސްމީކޮށް ރޫޅައިލި އިރު ދަރިއަކު ވެސް ލިބިފައިވެ އެވެ. އެއީ 16 އަހަރުގެ އަރްހާން ހާނެވެ.