25 އެޕްރީލް 2019 - 07:13

މެންޗެސްޓާ (އޭޕްރިލް 25) – ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް 2-0 އިން ބަލިކޮށް މެންޗެސްޓާ ސިޓީން އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް އަރައި ލީގު ކާމިޔާބުކުރުމުގެ އަމިއްލަ ބާރު ހޯދައިފަ އެވެ.
ބާކީ ތިން މެޗު އޮއްވާ މި ލިބުނު އެއް ޕޮއިންޓުގެ ލީޑު ލީޑު ސިޓީ އަށް ވެގެންދާނީ ރަންގަނޑަކަށެވެ. މި މެޗުން ސިޓީ ބަލިވި ނަމަ އަމިއްލަ ބާރު އޮންނާނީ ލިވަޕޫލަށެވެ. އެކަމަކު މި ލީޑާ އެކު، ލިވަޕޫލުގެ ނަތީޖާތައް ކޮންމެ ގޮތަކަށް ނުކުތަސް ބާކީ ތިން މެޗުން މޮޅުވެ ސިޓީ އަށް ލީގު ކާމިޔާބުކުރުމުގެ ފުރުސަތު އެބައޮތެވެ.
ސިޓީން 35 މެޗުން 89 ޕޮއިންޓް ހޯދާފައިވާއިރު އެ އަދަދަށް މެޗު ކުޅެގެން ލިވަޕޫލަށް ހޯދިފައިވަނީ 88 ޕޮއިންޓެވެ. ރޭގެ މެޗަކީ ސިޓީ ކުރިން ކުޅެން ތާވަލުކޮށް އެކަމަކު ފަސްކޮށްފައި އޮތް މެޗެކެވެ. އެހެންވެ މި މެޗާ އެކު، ދެ ޓީމުގެ މެޗު އަދަދު ވެސް އެއްވަރުވީ އެވެ.
"މިދިޔަ ސީޒަނުގައި 100 ޕޮއިންޓް ހޯދައިގެން އަހަރެމެން ޕްރިމިއާ ލީގުގެ ފެންވަރު މަތިކުރިން. ލިވަޕޫލުން އެ މަސައްކަތްކުރަނީ އެ ލެވެލަށް ދިއުމަށް. އެ ޓީމުން ހޯދާފައިވާ ނަތީޖާ އާދަޔާހިލާފު. އެކަމަކު މިހާރު ފުރުސަތު މިއޮތީ އަހަރެމެންގެ އަތްމަތީގައި،" ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުންޏެވެ.
ހާސްކޮށް ދިޔަ ފުރަތަމަ ހާފަށް ހަފު ދެ ވަނަ ހާފުގެ ކުރީކޮޅު ބެނާޑޯ ސިލްވާ އާއި ލެރޯއީ ސާނޭ ޖެހި ގޯލްތަކުން މޮޅުވުމަށް ފަހު ގާޑިއޯލާ ބުނީ އޭނާގެ ޓީމާއި ލިވަޕޫލަށް ތަށި ހައްގު ކަމަށެވެ. އެކަމަކު އެއީ އެންމެ ޓީމަކަށް އޮތް ފުރުސަތަކަށް ވުމުން، މިކަމުގައި ނާކާމިޔާބުވާ ޓީމު މާޔޫސްވުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް އޭނާ ބުންޏެވެ.
އެކަމަކު ގާޑިއޯލާ ބުނީ އަދިވެސް ތަށި ކަށަވަރުނުވާތީ ކުޅުންތެރިން ވިސްނުންތެރިކަމާ އެކު ހަމަޖެހިލައިގެން ތިބުން މުހިއްމު ކަމަށެވެ. ހާއްސަކޮށް ދެން އޮތް ބާންލީ މެޗު އުނދަގޫވާނެވަރު އިހުސާސްކުރެވޭ ކަމަށް އޭނާ ބުންޏެވެ.
"އަހަރެމެން ކުޅުންތެރިން ގާތު ބުނިން މާދަމާ (އެއްވެސް ނޫހެއް) ނުކިޔައްޗޭ. ޓީވީ ވެސް ނުބަލާށޭ. އަރާމުކޮށް ވީހާވެސް ގިނައިން ނިދާށޭ،" ގާޑިއޯލާ ބުންޏެވެ.
މި މެޗުން ބަލިވުމުން ޔުނައިޓެޑަށް ވަނީ ގަދަ ހަތަރަކަށް އެރުމުގެ އުއްމީދަށް އަނެއްކާ ވެސް ލޮޅުންތަކެއް އަރައިފަ އެވެ. ހޯސޭ މޮރީނިއޯ ބޭރުކޮށް އޮލެ ގުނަ ސޯލްޝެއާއާ ހަވާލުކޮށް ނަތީޖާތައް ރަނގަޅުކުރި ނަމަވެސް އަނެއްކާ ވެސް ދަށްވާން މިވަނީ ފަށައިފަ އެވެ. މިއީ އެންމެ ފަހުން ކުޅުނު ނުވަ މެޗުން ބަލިވި ހަތް ވަނަ މެޗެވެ.
އެ ޓީމު 35 މެޗުން 64 ޕޮއިންޓާ އެކު އޮތީ ހަ ވަނައިގަ އެވެ. އެކަމަކު 35 މެޗުން 66 ޕޮއިންޓް ހޯދައި ފަސް ވަނައިގައި އޮތް އާސެނަލް ތަފާތުބޮޑުކުރަން ލިބުނު ފުރުސަތުގައި ރޭ ވަނީ ވުލްވްސް އަތުން 3-1 އިން ބަލިވެފަ އެވެ. މިވަގުތު ގަދަ ހަތަރެއްގައި ސިޓީ އާއި ލިވަޕޫލުގެ އިތުރުން 35 މެޗުން 70 ޕޮއިންޓް ހޯދާފައިވާ ޓޮޓެންހަމް ހޮޓްސްޕާސް އާއި 35 މެޗުން 67 ޕޮއިންޓް ހޯދާފައިވާ ޗެލްސީ އެވެ.