01 ސެޕްޓެމްބަރ 2016 - 16:56

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ޗެކްތައް ބަދަލުކުރުމަށްފަހު މިއަދުން ފެށިގެން ހުރިހާ ބޭންކުތަކުން އެ ޗެކްތައް ބޭނުންކުރަން ފަށައިފި އެވެ.
މީގެ ކުރިން ރާއްޖޭގެ ބޭންކުތަކުން ދޫކުރަނީ އެ ބޭންކަކުން އަމިއްލަ ހަދާފައިވާ ޗެކުތަކެވެ. ނަމަވެސް އެމްއެމްއޭ އިން އަލަށް އެކުވާލި މިންގަނޑުތަކާ އެއްގޮތަށް ޗެކްތައް ބަދަލުކުރީ، މިހާރު މެނުއަލްކޮށް ކުރާ ޗެކް ކްލިއަރިންގެ މަސައްކަތް އިލެކްޓްރޯނިކް ނިޒާމަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ.
މަރުކަޒީ ބޭންކުން މިއަދު ބުނީ އިލެކްޓްރޯނިކް ޗެކް ކްލިއަރިންގެ ހިންގުމަށްޓަކައި އިގްތިސާދުގައި ދައުރުވާ ހުރިހާ ޗެކްތަކަކީ އެ އޮތޯރިޓީއިން 2009 ވަނަ އަހަރު ނެރެފައިވާ "ސްޓޭންޑަޑްސް ފޯ ޗެކް ޑިޒައިން އެންޑް މެގްނެޓިކް އިންކް ޕްރިންޓިންގް އޮފް މޯލްޑިވިއަން ޗެކްސް" ގައިވާ މިންގަޑުތަކަށް ފެތޭ ޗެކްތަކަކަށް ވާންޖެހޭ ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން އެމްއެމްއޭއިން ބޭންކްތަކާ މުއާމަލާތް ކޮށް، މިދިޔަ ފެބްރުއަރީ29 ގެ ނިޔަލަށް ބޭންކް ތަކުން ދޫކުރާ ޗެކްފޮތްތަކަކީ މި ސްޓޭންޑަޑް އާއި އެއްގޮތްވާ ގޮތުގެ މަތިން ޕްރިންޓްކުރެވޭ ޗެކްތަކަށް ހެދުމަށް އަންގާފައިވާ ކަމަށެވެ.
- ޗެކުގެ ދިގުމިނުގައި ހަތް އިންޗި އަދި ފުޅާމުނުގައި 3.5 އިންޗި ހުރުން
- ޗެކުގެ ތާރީހާއި ރައްދުވާ ފަރާތް، ސޮއި، އަދި އަދަދު ޖެހުމަށް ހާއްސަކުރެވިފައިވާ ފީލްޑްތައް އެއް މިންގަޑުތަކަށް ހުރުން
- ޗެކުގައި މެގްނެޓިކް އިންކް ކެރެކްޓާ ރިކޮގްނިޝަން (މައިކާ) ބޭންޑް ނުވަތަ ބާކޯޑް ހިމެނިފައި ހުރުން
އެމްއެމް އިން ބުނީ އަލަށް ތައާރަފްކުރި ޗެކު ކްލިއަކުރެވެނީ ޗެކުގައިވާ މައުލޫމާތު ސްކޭންކޮށްގެން ކަމަށްވާތީ އަދި އެ މައުލޫމާތު ހިމެނެނީ ޗެކުގެ ބާކޯޑް އަދި މައިކާ ޕްރިންޓް ބޭންޑްގައި ކަމުން ޗެކު ލިޔުމާއި ގެންގުޅުމުގައި ބާކޯޑް އަދި މައިކާ ޕްރިންޓް ބޭންޑް މަތީގައި ނުލިޔުމަށާއި ސޮއި ނުކުރުން، ތައްގަނޑު ނުޖެހުން، ޗެކުތައް ފަތްނުޖެހުން އަދި ޗެކްތަކަށް ހީރަސް ނުޖެހުމަށް އެދިފައިވެ އެވެ.
މިހާރު މެނުއަލްކޮށް ކުރަމުން އަންނަ ޗެކް ކްލިއާކުރުމުގެ މަސައްކަތް، އިލެކްޓްރޯނިކް ނިޒާމަށް ބަދަލުކޮށް ކްލިއާކުރުމުގެ މަސައްކަތް އަންނަ އޮކްޓޯބަރު މަހު ފަށާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.