24 އެޕްރީލް 2019 - 16:19

ދީބާޖާ އިންވެސްޓްމެންޓާ އެކު ސަރުކާރުން ހެދި އެއްބަސްވުން ބާތިލްކުރި މައްސަލާގައި އެ ކުންފުންޏަށް ބޮޑު ބަދަލެއް ދޭން ކޯޓުން ހުކުމްކުރީ މިނިވަން އޮޑިޓް ފާމަކުން ހެދި ހިސާބުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާ އެކު އެމްޑީޕީގެ ވެރިކަމުގައި ސަރުކާރުން ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލްކުރި މައްސަލާގައި 348 މިލިއަން ރުފިޔާ ގެއްލުމުގެ ބަދަލަށް އެ ކުންފުންޏަށް ދޭން ސިވިލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން މިދިޔަ ހަފުތާގައި ވަނީ ދަމަހައްޓައިފަ އެވެ.
އެކަމަކު ސުޕްރީމް ކޯޓުގެ އެ ނިންމުން ރިވިއު ކުރަން ހުށަހަޅަން ދައުލަތުން ވަނީ ނިންމައިފަ އެވެ. އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު އެކަމާ ގުޅިގެން ވިދާޅުވެފައިވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ އަދަދު ދީބާޖާއަށް ލިބެންޖެހޭ ގޮތެއް ސާފުނުވާ ކަމަށާއި ދީބާޖާއަށް އެކަން ބުނެދެވިފައި ނުވާ ކަމަށެވެ.
އެކަމާ ގުޅިގެން ދީބާޖާއިން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ކުންފުނީގެ އަގު ވެއްޓޭ ގޮތަށް އެޓާނީ ޖެނެރަލް މީޑިއާގައި ވާހަކަ ދައްކަވަމުންދާތީ އެކަމާ ހިތާމަ ކުރާ ކަމަށެވެ. އަދި އެއްބަސްވުމުގެ ދަށުން ގެސްޓްހައުސް އާއި ފެރީ ޓާމިނަލް އެޅުމަށްޓަކައި ސަރުކާރުން އެ ކުންފުންޏަށް ދޭންޖެހޭ އެއްވެސް ބިމެއް ބޭނުން ކުރެވޭނެ ފަދަ ގޮތަކަށް އެ ކުންފުންޏަށް ސަރުކާރުން ހަވާލުކޮށްފައި ނުވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އެތަންތަން ހަވާލުކުރި ނަމަ، އެތަންތަން ތަރައްގީކޮށްގެން އެ ކުންފުންޏަށް ލިބޭނެ ކަމަށް ބުނާ އަދަދުތައް އަންގައިދޭ ހިސާބުތަކަކީ ދުނިޔޭގެ މަޝްހޫރު މިނިވަން އޮޑިޓް ފާމެއް ކަމަށްވާ އާނަސްޓް އެންޑް ޔަންގްގެ ފަރާތުން ތައްޔާރުކުރި ހިސާބުތަކެއް ކަމަށާއި އެ ކުންފުންޏަށް ކޯޓުން އެ ބަދަލު ނަގައިދިނީ އެ ހިސާބުތަކަށް ރިއާޔަތްކޮށް އެ ބަޔާނުގައިވެ އެވެ.
"މި ހުރިހާ ހިސާބުތަކެއް ސިވިލް ކޯޓަށް ހުށަހެޅުމުން ވެސް މި ހިސާބުތަކާ މެދު އެއްވެސް ސުވާލެއް ނުއުފައްދައި، ރައްޔިތުންނަށް އޮޅުން އަރާ ގޮތަށް ނޫސް މަޖައްލާތަކަށް މިކަމާ ގުޅޭގޮތުން ބަޔާންދޭ ކަމީ ދީބާޖާ އިން ނިހާޔަތަށް ހިތާމަ ކުރާ ކަމެއް،" އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން އެ އެއްބަސްވުމުގެ ދަށުން ސަރުކާރުން ރިސޯޓް ހެދުމަށް އެ ކުންފުންޏަށް 50 އަހަރަށް ދިނުމަށް ފަހު އަތުލާފައިވަނީ ރ. ކުޑަކުރަތުގެ ކުލީގެ ގޮތުގައި ވެސް އެ އެއްބަސްވުމުގެ މުއްދަތުން ބަލާއިރު، އެ ކުންފުންޏަށް 70 މިލިއަން ޑޮލަރު (އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ) ލިބޭނެ އެވެ. އެހެންވެ، އެ ކުންފުންޏަށް ނަގައިދިން ބަދަލުގެ މިންވަރު ސާފުނުވާ ކަމަށް ވިދާޅުވެ، އެޓާނީ ޖެނެރަލް ދެއްކެވި ވާހަކަތަކުގެ އެއްވެސް އަސާސެއް ނެތް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަމުން ދަނިކޮށް ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރަން އެދޭ ކަމަށް ބުނެ ދައުލަތުން ކޯޓަށް ސިޓީ ފޮނުވީ އެ ކުންފުންޏާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ކަމަށެވެ. އަދި އެކަން ދީބާޖާއަށް އެނގުނީ ވެސް ސުޕްރީމް ކޯޓުން އެކަމާ ބެހޭގޮތުން އެ ކުންފުނީގެ ވަކީލުންނާ ސުވާލު ކުރުމުން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ދީބާޖާއަށް ބަދަލު ދޭން ސިވިލް ކޯޓުން ކުރި އެ ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރީ އިސްތިއުނާފްގެ މުއްދަތު ހަމަވިފަހުން ކަމަށެވެ. އަދި އެ މުއްދަތު ހަމަވިފަހުން އެ މައްސަލަ ހައި ކޯޓުން ބަލައިގެންފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވާއިރު، ގާނޫނާ ޚިލާފަށް ބަލައިގެންފައިވާ މައްސަލައެއްގައި ކުރާ ހުކުމް ބާތިލްވާނެ ކަން ހުރިހާ ވަކީލުން ވެސް އެއްބަސްވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އެ ބަޔާނުގައި އެ ކުންފުނިން އެދިފައިވަނީ ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ވެސް ސުޕްރީމް ކޯޓުގެ ހުކުމަށް އަމަލު ކުރުމަށެވެ.
ދީބާޖާއަށް 348 މިލިއަން ދައްކަން ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް ހައި ކޯޓުން މިދިޔަ އަހަރު ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލްކޮށްފަ އެވެ. އެކަމަކު ހައި ކޯޓުގެ ހުކުމް ބާތިލްކޮށް، ސިވިލް ކޯޓުގެ ހުކުމާ އެއްގޮތަށް އެ ފައިސާ ދައްކަންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ ހަފުތާގައި ހުކުމްކުރީ ދައުލަތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރީ އިސްތިއުނާފް މުއްދަތު ހަމަވިފަހުން ކަމަށްވާތީ އެވެ. އެހެންވެ، ސުޕްރީމް ކޯޓުން ނިންމީ މައުޟޫއީ ގޮތުން ހައި ކޯޓުން އެ މައްސަލަ ބެލީ ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށެވެ.