24 އެޕްރީލް 2019 - 14:22

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ ބާއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.
ޔާމީންގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުމެއް މިދިޔަ ފެބްރުއަރީ މަހު ކްރިމިނަލް ކޯޓުން ބޭއްވި އެވެ. އެ އަޑުއެހުމުގައި، އެމަނިކުފާނު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރު ކުރިޔަސް، މިދިޔަ މަހު ހައި ކޯޓުން ވަނީ އެ އަމުރު ބާތިލްކޮށް، މިނިވަންކޮށްފަ އެވެ.
ޔާމީންގެ މައްސަލައިގެ އަޑުއެހުން ކްރިމިނަލް ކޯޓުން ބާއްވަން ހަމަޖައްސާފައި ވަނީ މާދަމާ މެންދުރު އެވެ.
ޔާމީން، ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރު ކުރުމުގެ އިތުރުން އެމަނިކުފާނުގެ ބޭންކް އެކައުންޓް ފްރީޒްކުރަން ވެސް ކްރިމިނަލް ކޯޓުން އަމުރެއް ނެރުނެވެ. އެކަމަކު، އެ އަމުރު ވެސް ހައި ކޯޓުން ފަހުން ވަނީ ބާތިލްކޮށްފަ އެވެ.