24 އެޕްރީލް 2019 - 12:27

މާލޭ ލޮނުޒިޔާރަތްކޮޅު ވަރުނުލާ ރާޅުގަނޑުގައި ފަސް އަހަރަށް ފަހު ރާޅާއެޅުމުގެ މުބާރާތެއް ބާއްވަން ސާފިން އެސޯސިއޭޝަނުން ތައްޔާރުވެއްޖެ އެވެ.
ސިނަމާލޭ ބްރިޖް އެޅުމަށްޓަކައި އެ ސަރަހައްދު ބަންދުކުރުމުން، މުބާރާތެއް ނުބޭއްވި ދިގުލައި ދިއުމަށް ފަހު ބާއްވާ ފުރަތަމަ މުބާރާތަކީ މޭ 1-4 އަށް ބާއްވާ ސީ ސްޕޯޓްސް ރާޅު ސީޒަން އޯޕަނިން އެވެ. މިއީ އޭގެ ފަހުން ސާފިން އެސޯސިއޭޝަނުން ވެސް ބާއްވާ ފުރަތަމަ މުބާރާތެވެ.
ދެ ޑިވިޝަނަށް ބަހާލައިގެން ބާއްވާ މުބާރާތުގައި 44 ރާޅާއެޅުންތެރިން ވަނީ ބައިވެރިވެފަ އެވެ. އެއީ ޝޯޓްބޯޑް ޑިވިޝަނުގައި ބައިވެރިވި 23 ރާޅާއެޅުންތެރިންނާއި ބޮޑީ ބޯޑިން ޑިވިޝަނުގައި ބައިވެރިވި 21 ރާޅާއެޅުންތެރިންނެވެ. މީގެ ތެރޭގައި ފުވައްމުލަކާއި ލ. އަތޮޅުގެ ގިނަ އަދަދެއްގެ ރާޅާއެޅުންތެރިން ހިމެނެ އެވެ.
ރާޅުގަނޑުގައި މުބާރާތެއް ބާއްވަން ތައްޔާރުވި ނަމަވެސް، ބްރިޖުގެ މަސައްކަތްކުރިއިރު އެ ސަރަހައްދަށް އެޅުނު ދަގަނޑު ހޮޅި ފަދަ ނުރައްކާތެރި ސާމާނުން އެތަން އަދި އެއްކޮށް ސާފެއް ނުކުރެވެ އެވެ.
އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އަލީ އަހުސަން ވެސް ބުނީ ހަގީގަތުގައި ހަމަޖެހިލައިގެން މުބާރާތެއް ބާއްވާލެވޭވަރު އަދިވެސް ނުވާ ކަމަށާއި އެކަމަކު ކިރިޔާ ވެސް ފުރުސަތެއް އޮތުމުން އޭގެ ބޭނުން ހިފީ ކަމަށެވެ.
"އެހާ ދުވަސްކޮށްފައި މުބާރާތް ބާއްވާތީ ރާޅާއެޅުންތެރިން ތިބީ ވަރަށް އެކްސައިޓްވެފައި. ވަރަށް ބޮޑު ސަޕޯޓެއް ވެސް އެބަލިބޭ. އަޅުގަނޑުމެން މި އަންނަނީ ރެލެވެލްޓް އޮތޯރިޓީތަކާ ވާހަކަދައްކައިގެން އެތަން އެއްކޮށް ސާފުކުރެވޭތޯ މަސައްކަތްކުރަމުން،" އަހުސަން ބުންޏެވެ.
މިދިޔަ ހަތަރު އަހަރެއްހާ ދުވަހު ރާޅުގަނޑު ބަންދުކޮށްފައި އޮތުމުން ރާޅާއެޅުންތެރިން ރާޅަށް ދިޔައީ ކ. ތަނބުރުދޫ އަށެވެ. ސަރުކާރުން އިސް ނަގައިގެން އެމްޓީސީސީން ވަނީ ރާޅާއެޅުންތެރިންނަށް މާލެ އާއި ތަނބުރުދޫއާ ދެމެދު ފެރީ ބާއްވައިދީފަ އެވެ.
މުބާރާތުގެ ޓައިޓަލް ސްޕޮންސާއަކީ ސީ ސްޕޯޓްސް އެވެ. ކޯ ސްޕޮންސަރަކަށް ލިޒީ ހަމަޖައްސާފައިވާއިރު ޕާޓްނަރު ސްޕޮންސަރުންނަކީ ސީ ގިއާ އާއި ދިރާގެވެ.