24 އެޕްރީލް 2019 - 13:11

މުސްތަގުބަލަށް ފުޓްބޯޅަ ޓީމުތައް ބިނާކުރުމަށް އެފްއޭއެމުން ފަށާފައިވާ ޓުޗާޑްސް ފިއުޗާ ޕްރޮގްރާމްގެ މުހިއްމު ދެ ދެ ބަޔެއް ހިންގުމަށް ތަޖުރިބާކާރު ދެ ކޯޗުން ކަމަސްވާ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ފޯވާޑް އިސްމާއިލް އާސިފް (ކުޑަހީނާ) އާއި އަސްލަމް އަބްދުލްރަހީމް އެފްއޭއެމްއާ ގުޅިއްޖެ އެވެ،.

އެފްއޭއެމް ހައުސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކުޑަހީނާ އާއި އަސްލަމް ވަނީ އެ އެ އެސޯސިއޭޝަނުގެ ޓެކްނިކަލް ޑިޕާޓްމަންޓުގައި މަސައްކަތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. ކުޑަހީނާ އާއި އަސްލަމަށް ދެން ކްލަބެއްގައި މަސައްކަތެއް ނުކުރެވޭނެ އެވެ. އަސްލަމް އައީ ފާއިތުވި އަހަރުތަކުގައި ކްލަބް އީގަލްސްގައި މަސައްކަތްކުރަމުންނެވެ. ކުޑަހީނާ ވެލެންސިއާ އަށް ކޯޗުކޮށްދިނެވެ.

ކުޑަހީނާ ހަމަޖައްސާފައިވަނީ 13 އަހަރުން ދަށުގެ ކުޅުންތެރިން ތަމްރީން ކުރުމަށާއި 16 އަހަރުން ދަށުގެ ފެންވަރު ރަނގަޅު ގައުމީ ޓީމެއް ދެ އަހަރު ދުވަހުގެ ތެރޭގައި ބިނާކުރުމުގެ ޕްރޮޖެކްޓް ހިންގުމަށެވެ. އަސްލަމް ހަމަޖެއްސީ އެފްއޭއެމުން ފަށާ ގޯލްކީޕަރު އެކެޑަމީ ހިންގުމުގެ މަސައްކަތަށެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ރާއްޖޭގެ އެންމެ މަތީ ފަންތީގައި ފުޓްބޯޅަ ކުޅެފައިތިބި ދެ ކުޅުންތެރިޔަކު އެފްއޭއެމްގެ މަސައްކަތުގައި ބައިވެރިވުމަކީ އެ އިދާރާގެ ހިންގުން އިތުރަށް ރަނގަޅުވެގެންދާނެ ކަމެއް ކަމަށެވެ.
"ދިވެހި ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް ކުރާ މަސައްކަތަށް ލިބިގެންދާނެ ހިތްވަރެއް މިއީ. މި ދެ ފަރާތަކީ ގިނަ ބަޔަކު ތަޖުރިބާ ކޮށްފައި ތިބި ފެންވަރު ސާބިތުކޮށްދީފައި ތިބި ދެ ޓްރެއިނަރުން. އަސްލަމަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ކީޕަރު. ކުޑަހީނާ އަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ އަދި މިހާރު މޮޅު ޓްރެއިނަރެއް،" ބައްސާމް ވިދާޅުވި އެވެ.
ބައްސާމް ވިދާޅުވީ އަސްލަމާއި ކުޑަހީނާއާ ހަވާލުކުރެވުނީ ބޮޑު ޒިންމާއެއް ކަމަށާއި ކުޅުންތެރިން ބިނާކުރުމުގެ މަސައްކަތުގައި އެ ދެ ފަރާތުން ކުރިއަށް އޮތްތަނުގައި ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.
ކުޑަހީނާއާ ހަވާލުކުރީ 60 ކުދިން ހިމެނޭ ދެ ޕޫލެއްގެ ކުޅުންތެރިން ކޮންމެ ދުވަހަކު ޓްރެއިން ކުރުމެވެ. އެ ޕޫލަށް ނިމިދިޔަ އިންޓަ ސްކޫލް 13 އަހަރުން ދަށުގެ މުބާރާތުން ވަނީ 33 ކުޅުންތެރިން ނަގައިފަ އެވެ. އެހެން ކުޅުންތެރިން ނަގާނީ ރާއްޖޭގެ އެކި ސަރަހައްދުތަކުންނެވެ. އެފްއޭއެމުން ބުނީ އެ މަސައްކަތުގެ ހާއްސަ އަމާޒެއް އެބައޮތް ކަމަށެވެ.
"ޓާގެޓަކީ ދެ އަހަރު ތެރޭގައި އޭއެފްސީ 16 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަ މުބާރާތަށް ރާއްޖެ ގެންގޮސްދިނުން. މީގެ ކުރިން ހަ މަސް ދުވަހުން ނޫނީ އެ އަށް ވުރެ ވެސް އަވަސް މުއްދަތެއްގައި ޕްރެކްޓިސް ކޮށްލައިގެން ކުރަމުން އައި މަސައްކަތް އެ އަށް ވުރެ ފުޅާމިކުރަނީ މުސްތަގުބަލަށް ވިސްނާފައި،" ބައްސާމް ވިދާޅުވި އެވެ.
އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އިހުސާން އަބްދުލް ގަނީ (ސާންތީ) ވިދާޅުވީ ރާއްޖޭގައި ހިމެނޭ އެކެޑަމީތަކުން ވެސް ކުޅުންތެރިން ހޯދުމުގެ މަސައްކަތް ވެސް ކުޑަހީނާ ކުރާނެ ކަމަށާއި އޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުން ވެސް ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
ސާންތީ ވިދާޅުވީ އެފްއޭއެމްގެ ގޯލްކީޕަރު އެކެޑަމީއާ ގުޅުމުގެ ފުރުސަތު މިއަދު ހުޅުވާލާނެކަމަށާއި ހަތް އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ދޭނެ ކަމަށެވެ. އަދި އަސްލަމްގެ ބެލުމުގެ ދަށުން އެ ކުދިންގެ ފަރިތަކުރުންތައް ގަވާއިދުން ކުރިއަށްދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ގޯލްކީޕަރުންނަށް ކުޅެން ބޭނުންވާ ހުރިހާ ކުދިންނަށް އެ ފުރުސަތު ހުޅުވާލަން. މިއީ މުސްތަގުބަލަށް ރަނގަޅު ކީޕަރުންތަކެއް ބިނާކުރުމަށް ކުރެވޭ މަސައްކަތެއް،" ސާންތީ ވިދާޅުވި އެވެ.
މީގެ އިތުރުން ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ޓީމުތަކުގައި ތިބޭ ކީޕަރުންނާއި ކީޕަރު ޓްރެއިނަރުންނަށް ބޭނުންވާ އެހީތެރިކަން އަސްލަމްގެ ފަރާތުން ލިބޭނެ ކަމަށާއި އެ ކީޕަރުން އެވަލުއޭޓް ކުރުމުގެ މަސައްކަތް ވެސް އަސްލަމް ކުރާނެ ކަމަށް ސާންތީ ވިދާޅުވި އެވެ.
"އަންނަ ސީޒަނުން ފެށިގެން ބިދޭސީ ކީޕަރުން ނުގެނެވޭނެ ގޮތަށް ހެދީ ދިވެހި ކީޕަރުންނަށް ފުރުސަތު އިތުރުކުރަން. އެ މަސައްކަތް އަޅުގަނޑުމެން ކުރާނީ ކީޕަރުންނަށް ދޭން ޖެހޭ ތަމްރީންތައް ވެސް ދީގެން. އެކަން ކުރާނީ އަސްލަމްގެ ބެލުމުގެ ދަށުން. މިއީ ގޯލްކީޕަރުން ބިނާކުރަން ރަނގަޅު ޕްލެޓްފޯމެއް،" ގައުމީ ފުޓްބޯޅަ ޓިމުގެ ގޯލްކީޕަރު ޓްރެއިނަރަށް އިޝާރާތްކޮށް ސާންތީ ވިދާޅުވި އެވެ.
ގިނަ ޕްރޮގްރާމްތަކެއް ހިންގަން ދަނޑުތަކެއް ބޭނުންވާނެ ކަމަށާއި އެގޮތުން މާފަންނު ސްޓޭޑިއަމްގައި އިތުރު ޓާފް ދަނޑެއް އެޅުމުގެ ހުއްދަ ލިބިފައިވާ ކަމަށާއި އަދި ހުޅުމާލޭ އެތުލެޓިކްސް ޓްރެކުގެ މެދުގައި އޮތް ވިނަގަނޑު ވެސް ރަނގަޅު ކުރުމުގެ އިތުރުން ހުޅުމާލޭގައި އަޅާ ގައުމީ ފުޓްބޯޅަ އެކެޑަމީގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އެފްއޭއެމުން ބުނެ އެވެ.
"ކުރިއަށް އޮތް ތިން މަސް ދުވަސް ތެރޭ އިތުރު ދަނޑުތަކެއް ލިބިގެންދާނެ. މިއީ ފުޓްބޯޅައިގެ މަސައްކަތަށް ލިބޭނެ ފަސޭހައެއް،" ބައްސާމް ވިދާޅުވި އެވެ.
އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު ސާންތީ ވިދާޅުވީ ފުޓްބޯޅައިގެ ޑިވެލޮޕްމަންޓަށް އެ އިދާރާއިން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވާ ކަމަށާއި މިހާތަނަށް ބަލާއިރު ވެސް މިދިޔަ 10 އަހަރު ނުކުރެވި ހުރި ގިނަ މަސައްކަތަކެއް ކުރެވިފައިވާ ކަމަށެވެ.
"ތަފާސް ހިސާބުތަކުން ދައްކައިދެވޭނެ. ކޯސްތަކަށް ބެލިޔަސް. ޔޫތު ޕްރޮގްރާމްތަކަށް ބެލިޔަސް. މި ފެށިގެންދިޔަ މަސައްކަތް ވެސް. މި ކަންތައްތަކަކީ މި ވޭތުވެދިޔަ 10 އަހަރު ތެރޭގައި އަޅުގަނޑުމެންނަށް ނުކުރެވި ހުރި މަސައްކަތް،" ސާންތީ ވިދާޅުވި އެވެ.
އެފްއޭއެމުން ވަނީ 15 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަ މުބާރާތެއް ޖުލައި މަހު ފަށަން ތާވަލުކޮށްފަ އެވެެ. އޭގެ އިތުރުން 14 އަހަރުން ދަށާއި 12 އަހަރުން ދަށުގެ ލީގެއް ވެސް ފަށާނެ އެވެ. މި މަސައްކަތްތަކީ ވެސް މުސްތަގުބަލަށް ބަލާއިރު މުހިއްމު ކަންތައްތަކެއް ހާސިލްކުރެވޭނެ ކަމެއް ކަމަށް ސާންތީ ވިދާޅުވި އެވެ.