24 އެޕްރީލް 2019 - 12:37

ކޮލަމްބޯ (އެޕްރީލް 24) - ބޮމުގެ ހަމަލަތަކާ ގުޅިގެން ލަންކާ ސިފައިންނާއި ފުލުހުންގެ އިސް މަގާމުތަކަށް ބަދަލު ގެންނާނެ ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.
ސަލާމަތީ ބާރުތަކުގެ އިސް މަގާމުތަކަށް ބަދަލު ގެންނައިރު ހަމަލާގެ މައުލޫމާތު ކުރިން ލިބި ފިޔަވަޅު އަޅާފައިނުވާތީ ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ. ސަރުކާރުގެ ތަރުޖަމާން ވިދާޅުވީ ހަމަލާ ދޭން އުޅޭކަމުގެ މައުލޫމާތު ފުލުހުންގެ ވެރިޔާ އަށް ލިބުމާ އެކު އެ މައުލޫމާތު ފުލުހުންގެ އިސް އޮފިސަރުންނާ ހިއްސާ ކުރުމުން ވެސް އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާ ކަމަށެވެ. ނަމަވެސް އެ މައުލޫމާތު ރައީސް އާއި ބޮޑު ވަޒީރަށް ހިއްސާކޮށްފައި ނުވާ ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.
ޑިފެންސް މިނިސްޓަރު އަދި ލޯ އެންޑް އޯޑާ މިނިސްޓަރުކަން ވެސް ކުރައްވާ ސިރިސޭނާ ވިދާޅުވީ ސިފައިންނާއި ފުލުހުން ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ އަލުން ތަރުތީބު ކުރައްވާނެ ކަމަށެވެ.
"ސަލާމަތީ ބާރުތަކުގެ ލީޑަޝިޕަށް ބޮޑު ބަދަލެއް އަންނާނެ،" ގައުމާ މުޚާތަބް ކުރައްވާ ދެއްވި ބަޔާނުގައި ސިރިސޭނާ ވިދާޅުވި އެވެ. "ސިފައިންނާއި ފުލުހުން އަލުން އިންތިޒާމް ކުރުމުގެ މަސައްކަތް އެކުގައި ނިންމާލެވޭނީ ހަފުތާއެއްހާ ދުވަސް ތެރޭ."
ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވެސް ވިދާޅުވީ ބޮމުގެ ހަމަލާ ދިނުމުގެ ކުރިން އެ ހަމަލާއާ ގުޅޭ ޖާސޫސީ މައުލޫމާތު ސަލާމަތީ ފަރާތްތަކަށް ލިބިފައިވީ ނަމަވެސް ފިޔަވަޅު އަޅާފައި ނުވާ ކަމަށެވެ.
ލަންކާގެ ތިން ފައްޅިއަކާއި މަޝްހޫރު ތިން ހޮޓަލަށް ދިން ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 359 އަށް އަރައިފަ އެވެ.
ބޮމުގެ ހަމަލާ ދޭން އުޅޭކަމުގެ މައުލޫމާތު ބޮޑު ވަޒީރުގެ އޮފީހަށް ހިއްސާކޮށްފައި ނުވާ މައްސަލައިގެ ތަހުގީގު މިހާރު ވަނީ ފަށައިފަ އެވެ.
ހަމަލާގެ ޒިންމާ މިހާރު ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން އުފުލައިފަ އެވެ. ހަމަލާ ދިން ކަމަށް ލަންކާ ސަރުކާރުން ތުހުމަތުކޮށްފައި ވަނީ އެ ގައުމުގެ ޖަމާއަތެއް ކަމަށްވާ ނޭޝަނަލް ތައުހީދު ޖަމާއަތަށެވެ.