27 އެޕްރީލް 2019 - 07:54

ދެވަނަ ބޮޑު ހަނގުރާމައިގެ ވާހަކައެއް ކިޔައިދޭ ފިލްމެއް ޑައިރެކްޓްކޮށް، އޭގެ ބަތަލުގެ ރޯލް ކުޅެން އެކްޓަރު ބެން އެފްލެކް ތައްޔާރުވާން ފަށައިފި އެވެ.
ޑެޑްލައިނުން ބުނި ގޮތުގައި "ގޯސްޓް އާމީ" އަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ލިޔުންތެރިން ކަމަށްވާ ރީކް ބީޔާ އާއި އެލިޒަބަތު ސޭލެޒް ލިޔެފައިވާ ވާހަކަ "ދަ ގޯސްޓް އާމީ އޮފް ވޯލްޑް ވޯ 2" އަށް ބިނާކޮށް ހަދާ ފިލްމެކެވެ.
މީގައި ކިޔައި ދެނީ ހަނގުރާމައިގެ ތެރޭގައި އެމެރިކާގެ ފައުޖެއް ކަމަށް ދައްކުވައި ދޭން ނުކުންނަ ޒުވާން ގްރޫޕެއް ޖަރުމަންގެ ނާޒީން ގުބޯ ހައްދަން ކުރާ މަސައްކަތެވެ.
ޔުނިވާސަލް ޕިކްޗާޒުން ހަދާ މި ފިލްމުގެ ސްކްރީންޕްލޭ ދެ ފަހަރެއްގެ މަތިން ދެ މީހަކު ލިޔެފައިވާ އިރު އެންމެ ފަހުން ސްކްރީންޕްލޭ ލިޔުނީ އެޗްބީއޯގެ "ޓްރޫ ޑިޓެކްޓިވް" ލިޔުނު ނިކް ޕިޒަލާޓޯ އެވެ. އޭގެ ކުރިން "ގޯސްޓް އާމީ" ގެ ސްކްރީންޕްލޭ ލިޔުނީ ދާދު ފަހުން ރިލީޒް ކުރި ސުޕަހީރޯ ފިލްމު "ޝަޒަމް" ގެ ލިޔުންތެރިޔާ ހެންރީ ގޭޑެން ލިޔެފައިވެ އެވެ.
އެހެންވެ އެފްލެކް ފިލްމު ޑައިރެކްޓް ކުރާ އިރު ކުރިން ލިޔުނު ސްކްރީންޕްލޭ އަށް ބަދަލުތަކެއް ގެންނާނެ ކަމެއް އަދި ކަށަވަރެއް ނުވެ އެވެ. "ގޯސްޓް އާމީ" ޑައިރެކްޓްކޮށް، އެކްޓް ކުރުމުގެ އިތުރުން އެފްލެކްގެ ފިލްމު ކުންފުނި ޕާލް ސްޓްރީޓް ފިލްމްސް އިން މީގެ ޕްރޮޑިއުސް ކުރުމުގައި ވެސް ހިއްސާވާނެ އެވެ.
އެފްލެކް، 46، އެންމެ ފަހުން ފެނިފައި ވަނީ ނެޓްފްލިކްސް އިން މިދިޔަ މަހު ގެނެސް ދިން އެކްޝަން ތުރިލާ "ޓްރިޕްލް ފްރޮންޓިއާ" އިންނެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޓޮރެންސް" އާއި "ދަ ލާސްޓް ތިންގް ހީ ވޯންޓެޑް" ހިމެނެ އެވެ.