24 އެޕްރީލް 2019 - 11:27

ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު، ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ޖުޑީޝަރީއާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާ މިއަދު ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައިފި އެވެ.
ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ބަލާ ކޮމިޝަންގެ ރައީސްކަން ކުރައްވާ ސުއޫދަށް ސުޕްރީމް ކޯޓުން ފޮނުވާފައިވާ ޗިޓުގައި ބުނެފައިވަނީ މިއަދުގެ ވަގުތެއްގައި އެ ކޯޓުގެ ބޭނުމަކަށް ހާޒިރުވާން އަންގާ ކަމަށެވެ.
ޗިޓުގެ ފޮޓޯއެއް ޓުވީޓް ކުރައްވައި ސުއޫދު ވިދާޅުވީ، ގަޑި އަށް ވަޑައިގަންނަވާނެ ކަމަށާއި އަދި ޝަރުއީ ދާއިރާ އިސްލާހުކުރަން ކުރާ މަސައްކަތަށް ހުއްޓުމެއް ނެތް ކަމަށެވެ. އެ ޗިޓުގެ ބައެއް ސުއޫދު ޓުވީޓް ކުރައްވާފައި ވިޔަސް ހާޒިރުވާން ޖެހޭ ގަޑި ހާމައެއް ނުކުރައްވަ އެވެ.
ސުޕްރީމް ކޯޓުން އިއްޔެ ބުނެފައި ވަނީ ސުއޫދު ރާއްޖެ ޓީވީގައި ޝަރުއީ ދާއިރާއާ ބެހޭގޮތުން ދެއްކެވި ވާހަކަތަކާ ގުޅިގެން، ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމުގެ ގަވާއިދާއި ގާނޫނީ ވަކީލުންގެ ގަވާއިދުގެ ދަށުން އެ މައްސަލަ ބަލަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ބަލަން ނިންމާފައިވާ ކަމަށެވެ.
ރާއްޖެ ޓީވީގައި ހޯމަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ސުއޫދު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިތުބާރު ނެތް ކަމަށް ވިދާޅުވެ، އެ ހުރިހާ ބޭފުޅުން ވެސް މަގާމުން ދުރުކުރަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.
މީގެ ކުރިން ވެސް ޝަރުއީ ދާއިރާގެ އެކި ކަންކަމަށް ފާޑުވިދާޅުވެގެން ސުއޫދު ވަނީ ސަސްޕެންޑު ކޮށްފަ އެވެ. ޝަރުއީ ދާއިރާ އަށް ފާޑުކިޔާ އެހެން ބައެއް ވަކީލުން ވެސް މީގެ ކުރިން ސުޕްރީމް ކޯޓުން ވަނީ ސަސްޕެންޑު ކޮށްފަ އެވެ.