24 އެޕްރީލް 2019 - 11:21

ލ. ފޮނަދު އަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ނަގޫރޯޅިއެއް އެރުމުގެ ސަބަބުން، މީހުންނަށް ނޫޅެވޭ ވަރަށް ހަލާކުވި ހަ ގެ މަރާމާތުކޮށް އާއިލާތައް އަނބުރާ އެ ގެތަކަށް ހިނގައްޖެ އެވެ.
ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން މިއަދު ވިދާޅުވީ ނަގޫރޯޅި އެރުމުގެ ސަބަބުން އެކިވަރުގެ ގެއްލުންތައް ލިބުނު 12 ގޭގެ ތެރެއިން އެންމެ ބޮޑަށް ގެއްލުންވި ހަ ގެ މަރާމާތުކުރީ އެ އޮތޯރިޓީ އާއި ރަށު ކައުންސިލާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިން އަދި ހެޔޮ އެދޭ ބައެއް އާއްމު ފަރާތްތައް ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ.
"12 ގެއަކަށް އެކި ވަރުގެ ގެއްލުން ލިބުނު އިރު މީހުންނަށް ދިރި ނޫޅެވޭ ވަރަށް ހަލާކުވީ ހަ ގެ. އެ ހަ ގެ ވެސް މިހާރު ވަނީ މަރާމާތުކޮށް ނިމިފައި. މިހާރު އެއްވެސް އާއިލާއެއް ނުތިބޭނެ ވަގުތީ ހިޔަލެއްގައި. ހުރިހާ އާއިލާތައް ވެސް ވަނީ އާއްމު ދިރިއުޅުމަށް އިއާދަކުރެވިފައި،" އޭނާ ވިދާޅުވި އެވެ.
ހިސާން ވިދާޅުވި ގޮތުގައި ނަގޫރޯޅި އެރުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތަފުސީލު މިހާރު ވަނީ އެއްކޮށް ނިމިފަ އެވެ. ނަމަވެސް އެ އެސެސްމެންޓް ފުރިހަމަކުރުމަށް ކުރަން ޖެހޭ ބައެއް ކަންތައްތައް އަދި ހުރުމުން ގެއްލުމުގެ ސީދާ އަގު އަދި ހާމަކުރެވެން ނެތް ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފޮނަދޫ ކައުންސިލުން ބުނީ ގެއްލުން ލިބުނު ގެތައް މަރާމާތުކުރުމުގެ އިތުރުން، ވެއްޓުނު ގަސްގަހާ ގެހި ވެސް ނަގައި ސާފުކުރުމުގެ ހުރިހާ މަސައްކަތެއް ވެސް ނިމިފައިވާ ކަމަށެވެ. އަދި ރަށް މިހާރު އޮތީ އާންމު ހާލަތެއްގައި ކަމަށް ބުންޏެވެ.