މާޒިޔާގެ ޕްރީ ސީޒަން ތަމްރީންތައް މަހިބަދޫގައި
މާޒިޔާގެ ޕްރީ ސީޒަން ތަމްރީންތައް މަހިބަދޫގައި

އަންނަ ޖޫން މަހު ފަށާ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނުން އދ. މަހިބަދޫގައި ކޭމްޕްކޮށްފި އެވެ.

މާޒިޔާގެ ޕްރީ ސީޒަން ތަމްރީންތައް މަހިބަދޫގައި
މާޒިޔާގެ ޕްރީ ސީޒަން ތަމްރީންތައް މަހިބަދޫގައި

މާޒިޔާގެ ކޯޗަކަށް 2017 ވަނަ އަހަރު އެ ޓީމަށް އިރުޝާދުދިން މެސެޑޯނިއާގެ ކޯޗު މަރުޔާން ސެކުލޮސްކީ ހަމަޖެއްސުމަށް ފަހު މިދިޔަ ހޮނިހިރު ދުވަހު ވަނީ ފަރިތަކުރުންތައް ފަށައިފަ އެވެ. މާޒިޔާ އަކީ މި ފަހަރުގެ ސީޒަނަށް އެންމެ ފުރަތަމަ ފަރިތަކުރުންތައް ފެށި ޓީމެވެ.

މަހިބަދޫގައި މާޒިޔާ އިން ކުރިއަށް ގެންދާނީ 10 ދުވަހުގެ ޓްރެއިނިން ކޭމްޕެކެވެ. ފެންވަރު ރަނގަޅު ޓާފް ދަނޑެއް އޮތް މަހިބަދޫ އަކީ ފުޓްބޯޅަ އަށް ލޯބިކުރާ ގިނަ ޒުވާނުންތަކެއް ދިރިއުޅޭ ރަށެކެވެ. މަހިބަދޫ އަށް ނިސްބަތްވާ މަހިބަދޫ ސްޕޯޓްސް ކްލަބް ވަނީ ފުރަތަމަ ޑިވިޝަނުގައި ވެސް ވާދަކޮށްފަ އެވެ.

ޓްރެއިނިން ކޭމްޕެއްގައި މާޒިޔާ އިން މަހިބަދޫ އަށް ދާން ނިންމި އެއް ސަބަބަކީ މާލެ އާއި ކައިރި ސަރަހައްދަކަށް ބަލާއިރު އެންމެ ފެންވަރު ރަނގަޅު ދަނޑެއް އޮތީ މަހިބަދޫ ކަމަށްވުމެވެ. އަދި މާޒިޔާގެ ކޯޗު ސެކުލޮސްކީގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މާލޭގެ ޓާފް ދަނޑުގައި ހާފް ޕިޗެއްގައި ފަރިތަކުރުންތައް ކުރިއަށްގެންދިއުމެވެ. އެހެންވެ ފެންވަރު ރަނގަޅު ދަނޑެއްގައި ޕްރީ ސީޒަންގެ ކަންތައް ކުރިއަށް ގެންދިއުމަށް އޭނާ ބޭނުންވެ އެވެ.

މާޒިޔާ އިން މިއަދު ޓްރެއިނިން ކޭމްޕަށް ދިޔައީ 19 ކުޅުންތެރިންނާ އެކު އެވެ. އޭގެ ތެރޭގައި މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެ ޓީމާ ގުޅުނު ކުޅުންތެރިން ހިމެނެ އެވެ. ކުރިއަށް އޮތް ސީޒަނަށް މާޒިޔާ އިން ވަނީ ބިދޭސީ ދެ ކުޅުންތެރިން ގެންނަން ނިންމައިފަ އެވެ. ބިދޭސީ ކުޅުންތެރިން އަންނަ މަހު ޓީމާ ގުޅޭނެ ކަމަށް މާޒިޔާ އިން ބުނެ އެވެ.

މި ވަގުތު އޮތް މާޒިޔާ ސްކޮޑަށް ބަލާއިރު މަހިބަދޫ އަށް ނިސްބަތްވާ ދެ ކުޅުންތެރިއަކު އެ ޓީމުގައި ހިމެނެ އެވެ. އެއީ ގައުމީ ޓީމުގެ ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) އާއި އަސަދުﷲ އަބްދުﷲ (އަސައްކޮ) އެވެ.

މާޒިޔާ އިން ވަނީ 2015 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވާން ހއ. ދިއްދޫގައި ކޭމްޕްކޮށްފަ އެވެ. އޭރު މާޒިޔާގެ ކޯޗަކަށް ހުރީ މިހާރު ގްރީން ސްޓްރީޓްސްގެ ކޯޗަކަށް ހުރި މަޝްހޫރު ކޯޗު އަލީ ސުޒޭން އެވެ.

މިދިޔަ އަހަރު ނޮވެމްބަރު މަހު މަހިބަދޫ ފުޓްބޯޅަ ސްޓޭޑިއަމް ޒަމާނީ ފެންވަރަކަށް ތަރައްގީކޮށްފައި ހުޅުވިއިރު، އެ ދަނޑަކީ ގައުމީ ޓީމުގެ ކުރީގެ ކީޕަރު އިމްރާން މުހައްމަދާއި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަދި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް)ގެ މުއައްސިސްކަމުގެ ދަށުން އުފައްދާފައިވާ މަހިބަދޫ ސްޕޯޓްސް ކްލަބުގެ އިސް ނެގުމެކެވެ. ސަރުކާރާއި ޓޫރިޒަމް ދާއިރާގެ އެހީގައި އެޅި މި ދަނޑަކީ ބައިނަލްއަގްވާމީ މެޗުތައް ވެސް ކުޅެވޭނެ ފެންވަރުގެ ދަނޑެކެވެ.

މަހިބަދޫ ދަނޑު ހުޅުވި މެޗު ކުޅުމަށް ދިޔަ ޓީސީން ވަނީ އެ މެޗަށް ފަހު އެ ދަނޑުގައި ޓްރެއިނިންތަކެއް ކުރިއަށް ގޮސްފަ އެވެ.

މާޒިޔާ ފުޓްބޯޅަ އެކެޑަމީގެ 15 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް މަހިބަދޫ ސްޕޯޓްސް ކްލަބްގެ 15 އަހަރުން ދަށުގެ ޓީމު މިދިޔަ ހުކުރު ދުވަހު އެ ރަށުގައި ކުޅުނު މެޗުން މާޒިޔާ ވަނީ 5-0 އިން މޮޅުވެފަ އެވެ.