ފުރިހަމަ ދަނޑެއް، ސަޕޯޓަރުން ދަނޑު ފުރާލާނެކަމަށް އުއްމީދުކުރަން: ބަންގްލަދޭޝް ކޯޗު
ފުރިހަމަ ދަނޑެއް، ސަޕޯޓަރުން ދަނޑު ފުރާލާނެކަމަށް އުއްމީދުކުރަން: ބަންގްލަދޭޝް ކޯޗު

ގަލޮޅު ދަނޑުގައި އޮތީ އިނގިރޭސި ފުޓްބޯޅައިގެ މާހައުލެއް ކަމަށާއި މިރޭ ރާއްޖެ އާއި ބަންގްލަދޭޝް ކުޅޭ މެޗަށް ދެ ޓީމުގެ ސަޕޯޓަރުން ވަދެ ދަނޑު ފުރާލާނެ ކަމަށް އުއްމީދުކުރާ ކަމަށް ބަންގްލަދޭޝްގެ ކޯޗު ބެލްޖިއަމްގެ ޕީޓާ ސެއިންފީޓް ބުނެފި އެވެ.

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަރަށް ޖޯޝާ އެކު ވާހަކަދައްކަމުން ސެއިންފީޓް ބުނީ ރާއްޖޭގައި ބަންގްލަދޭޝްގެ 70،000 މީހުން އުޅޭކަމަށް އެނގިފައިވާ ކަމަށާއި އުއްމީދަކީ ބަންގްލަދޭޝްގެ ސަޕޯޓަރުން ދަނޑު ފުރާލުން ކަމަށެވެ.

"އެކަމަކު އެއީ ވާނެ ކަމެއް ނޫން. ދެ ޓީމުގެ ސަޕޯޓަރުން ވަދެ ދަނޑުން ފުލްހައުސްއެއް ފެނިއްޖެއްޔާ ވަރަށް އުފާވާނެ. އަހަންނަށް އެނގިފައިވާ ގޮތުގައި މިހާތަނަށް ބަންގްލަދޭޝްގެ 700 އެއްހާ މީހުން ޓިކެޓް ގަނެފި،" ސެއިންފީޓް ބުންޏެވެ.

އޭނާ ބުނީ ގަލޮޅު ދަނޑުގައި ކުޅިބަލާ މީހުން ތިބޭ ބައި ހުންނަނީ ވިނަގަނޑާ ވަރަށް ކައިރީގައި ކަމަށާއި މިއީ އިނގިރޭސި ފުޓްބޯޅައިގެ ސިފައެއް ކަމަށެވެ.

"އިންގްލެންޑުގެ މާހައުލު އަހަންނަށް މިތަނުން ސިފަވީ. ފުޓްބޯޅައަށް އެންމެ ކަމުދާ މާހައުލެއް މިއީ. ވަރަށް ރީތި، ފުރިހަމަ ސްޓޭޑިއަމެއް މިއީ. ދަނޑު ފުރިއްޖެއްޔާ ވަރަށް ފުރިހަމަވާނެ،" ސެއިންފީޓް ބުންޏެވެ.

ބަންގްލަދޭޝްގެ މައި ފުޓްބޯޅަ ސްޓޭޑިއަމް ކަމަށްވާ ޑާކާގެ ބަންގުބަންދު ސްޓޭޑިއަމުގައި ކުޅިބަލާ މީހުން ތިބެނީ، ވިނަގަނޑާ ފުދޭވަރަކަށް ދުރުގަ އެވެ. އިންގްލެންޑުގެ މަޝްހޫރު ކޯޗު ސްޓީވް ޑާބީ ވެސް ވަނީ ގަލޮޅު ދަނޑުގެ މާހައުލަށް ތައުރީފުކޮށްފަ އެވެ. އެގޮތުން ސަޕޯޓަރުންނާއި ކުޅިބަލާ މީހުން ތިބޭ ހިސާބު ކައިރިވުމުން، ގަލޮޅު ދަނޑު ސިފަކުރެވެނީ އިންގްލެންޑުގެ ސްޓޭޑިއަމެއްގެ ގޮތަށް ކަމަށް އޭނާ ވަނީ ކުރިން ބުނެފަ އެވެ.

ރާއްޖެ އާއި ބަންގްލަދޭޝް ވަނީ ޖެނުއަރީ މަހު ސާފް ޗެމްޕިއަންޝިޕުގެ ގްރޫޕް ސްޓޭޖުގައި ބައްދަލުކޮށްފަ އެވެ. ދަގަނޑޭ ލީޑު ނަގާފައިވަނިކޮށް ފަހުކޮޅު ބަންގްލަދޭޝް އިން ލަނޑެއް ޖަހައި ރާއްޖެ ހާސްކޮށްލި ނަމަވެސް، ފަހު ވަގުތު ނާއިޒް ހަސަން (ދާދު) އާއި އަހުމަދު ނާޝިދު (ނައްޓޭ) ޖެހި ލަނޑުތަކާ އެކު ރާއްޖެ މޮޅުވީ 3-1 އިންނެވެ. މި ދެ ގައުމުގެ 23 އަހަރުން ދަށުގެ ޓީމު ވަނީ މި އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ތިން ވަނަ ހޮވި މެޗުގައި ކުޅެފަ އެވެ. އެ މެޗު ޕެނަލްޓީ ޖަހައިގެން ކާމިޔާބުކުރީ ބަންގްލަދޭޝް އެވެ.

ސީނިއާ ޓީމުގެ އެހެން މެޗުތަކަށް ބަލާއިރު 2011 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ގްރޫޕް ސްޓޭޖުގައި ވެސް ރާއްޖެ ވަނީ ބަންގްލަދޭޝް އަތުން 3-1 އިން މޮޅުވެފަ އެވެ. ބަންގްލަދޭޝް އަށް ރާއްޖެ އަތުން އެންމެ ފަހުން މޮޅުވެވިފައިވަނީ 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެންނެވެ.

ބަންގްލަދޭޝް އާއި ރާއްޖެ އެންމެ ފަހުން މާލޭގައި މެޗެއް ކުޅުނީ މީގެ 16 އަހަރު ކުރިން 2000 ވަނަ އަހަރުގެ ގޯލްޑަން ޖުބިލީ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގަ އެވެ. އެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އޭގެ ފަހުން 2002 ވަނަ އަހަރުގެ އޭޝިއަން ކްލަބް ޗެމްޕިއަންޝިޕުގެ ފުރަތަމަ ބުރުގައި ބަންގްލަދޭޝްގެ މުކްތިޖުއްދާ ސަންދާދާއި ނިއު ރޭޑިއަންޓް މާލޭގައި މެޗެއް ކުޅުނެވެ. އެ މެޗު 1-0 އިން ކާމިޔާބުކުރީ މުޖްތިޖުއްދާ އެވެ.