އާސެނަލްގެ ހަތް ކުޅުންތެރިޔަކު ވިއްކާލަން އެމެރީ ބޭނުންވޭ
އާސެނަލްގެ ހަތް ކުޅުންތެރިޔަކު ވިއްކާލަން އެމެރީ ބޭނުންވޭ

ލަންޑަން (އޭޕްރީލް 24) - އަންނަ ސީޒަނަށް އާސެނަލް ޓީމަށް ގިނަ ބަދަލުތަކެއް އަންނާނެ ކަމަށް އެ ޓީމުގެ ކޯޗު އުނާއި އެމެރީ ބުނެފައިވާއިރު، ސީނިއާ ޓީމުގެ ހަތް ކުޅުންތެރިން ވިއްކާލަން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އިނގިރޭސި މީޑިއާ އިން ރިޕޯޓްކުރާ ގޮތުގައި އަންނަ ސީޒަނަށް އާސެނަލް ބޯޑުން ކަނޑައަޅާފައިވަނީ 45 މިލިއަން ޕައުންޑްގެ ޓްރާންސްފާ ބަޖެޓެކެވެ. ދެން ޓީމަށް ހަރަދުކުރާނީ ކުޅުންތެރިން ވިއްކައިގެން ލިބޭ ފައިސާ އިންނެވެ. އާސެނަލްގެ އާމްދަނީ އަށް އެންމެ ބޮޑު އަސަރެއް ކުރަނީ ސޮންސަރުންގެ ތެރެއިން ގިނަ ފަރާތްތަކުން ނޯތު ލަންޑަންގައި އިޝްތިހާރުކުރަން ޓޮޓެންހަމް އިހުތިޔާރުކުރާތީ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވުލްވްސްއާ ދެކޮޅަށް ރަށުންބޭރުގައި ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެމެރީ ބުނީ މިހާރު ޓީމު އޮތް ހާލަތުން އަރައިގަންނަން ކުރަން އޮތް މަސައްތަކް ވަރަށް ގިނަ ކަމަށެވެ.

ޖޫން މަހު ނުވަ ވަނަ ދުވަހު ހުޅުވޭ ޓްރާންސްފާ މާކެޓް ތެރޭގައި އާސެނަލުން ވިއްކާލާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނާ ހަތް ކުޅުންތެރިންނަކީ ޝްކޮޑްރަން މުސްތާފީ، ހެންރިކް މިކިތާރްޔަން، މެސުޓް އޮޒިލް، ކަލުމް ޗެމްބާސް، ކާލް ޖެންކިންސަން، މުހައްމަދު އެލްނެނީގެ އިތުރުން ކީޕަރު ޑޭވިޑް އޮސްޕީނާ އެވެ.

ތިރީސް ފަސް މިލިއަން ޕައުންޑަށް ގަތް ޖަރުމަނުގެ ޑިފެންޑަރު މުސްތާފީ އަށް ފަހަކަށް އައިސް ގިނަ ފާޑުކިއުންތަކެއް އަމާޒުވެފައިވާއިރު، އަންނަ ސީޒަނުގައި އޭނާ ޖަރުމަނު ބުންޑަސްލީގާގެ ކްލަބަކުން ފެނިދާނެ ކަމަށް މިދިޔަ ޖެނުއަރީ މަހު އޭނާގެ އޭޖެންޓާ ހަވާލާދީ ޖަރުމަނު މީޑިއާ އިން ވަނީ ރިޕޯޓްކޮށްފަ އެވެ.

އޮޒިލް އާއި މިކިތާރްޔަން ވިއްކާލަން އާސެނަލުން ބޭނުންވާ އެންމެ ބޮޑު ސަބަބަކީ އެ ދެ ކުޅުންތެރިންނަކީ މި ކްލަބްގައި ބޮޑު މުސާރައެއްގައި ތިބި ދެ ކުޅުންތެރިންނަށްވާއިރު، ކްލަބުން އުއްމީދުކުރާ ވަރުގެ ކުޅުމެއް ނުފެންނާތީ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އޮޒިލް އަށް ހަފްތާ އަކު 350،000 ޕައުންޑް ލިބޭއިރު، މިކިތާރްޔަން ހުރީ ހަފްތާ އަކު 180،000 ޕައުންޑް އަށެވެ. މި ދެ ކުޅުންތެރިންނަކީ ފަހަކަށް އައިސް އެމެރީގެ ފުރަތަމަ އެގާރައިން ގަވާއިދުން ޖާގަ ލިބުން ދަތި ދެ ކުޅުންތެރިންނެވެ. މި ދެ ކުޅުންތެރިންނާ މެދު އެމެރީ އެންމެ ފަހުގެ ގޮތެއް ނިންމާނީ ސީޒަނަށް ފަހު ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އާސެނަލް ދޫކޮށްލަން ނިންމާފައިވާ ކުޅުންތެރިންގެ ތެރޭގައި މި ފަހަރު ރިޓަޔަކުރަން ނިންމާފައިވާ ގޯލްކީޕަރު ޕެޓަ ޗެކް އާއި ޑެނީ ވެލްބެކް އަދި އަންނަ ސީޒަނުގައި ޔުވެންޓަސް އަށް ކުޅެން ނިންމާފައިވާ އާރޮން ރަމްސޭ ހިމެނެ އެވެ.