24 އެޕްރީލް 2019 - 09:12

ޕެރިސް (އޭޕްރިލް 24) – މި ސީޒަނަށް ފަހު މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލަން ވިސްނަމުން އަންނަ ކަމަށް އެ ޓީމުގެ ކުޅުންތެރިން ގާތު ޕައުލް ޕޮގްބާ ބުނެފައިވާ ކަމަށް ފްރާންސްގެ ލެ އިކުއިޕޭ ނޫހުން ރިޕޯޓްކޮށްފި އެވެ.
ހޯސޭ މޮރީނިއޯ ޔުނައިޓެޑުގެ ކޯޗުކަމުގައި ހުރިއިރު ޕޮގްބާއާ މައްސަލަ ޖެހި އޭނާ ދެންމެދެންމެ ކްލަބް ދޫކޮށްލަފާނެހެން ހީވި އެވެ. އެކަމަކު އާ ކޯޗު އޮލެ ގުނަ ސޯލްޝެއާއާ އެކު ނަތީޖާތައް ރަނގަޅުވެ އަދި ކޯޗާ ވެސް ގުޅުން ރަނގަޅުވުމުން ބެލެވުނީ އޭނާ ވެސް މަޑުކުރާނެ ކަމަށެވެ.
އެކަމަކު ބޮޑު ކާމިޔާބެއް ހޯދޭ ވަރުގެ ސްކޮޑެއް ވެސް ނެތުމާ އެކު، ޕޮގްބާ ޔޫރަޕުގެ ވަރުގަދަ ބާރަކަށް ބަދަލުވާން ބޭނުންވީ ކަމަށް ބެލެވެ އެވެ. ސްޕެއިނުގެ ނޫސްތަކުން ބުނާ ގޮތުގައި ބެލޮންޑިއޯ އެވޯޑް ހޯދަން ޕޮގްބާ ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި އެކަމަކު ޔުނައިޓެޑަށް ކުޅެމުން އެކަން ވުމުގެ ފުރުސަތު ކުޑަ ކަމަށެވެ.
އުމުރުން 26 އަހަރުގެ ޕޮގްބާ ގެންދަން އެންމެ ބޮޑަށް ޝައުގުވެރިވަނީ ރެއާލް މެޑްރިޑުންނެވެ. ޒައިނުއްދީން ޒިދާން އަލުން ހަވާލުވެ މެޑްރިޑް ބިނާކުރަން ކުރާ މަސައްކަތުގައި ޕޮގްބާގެ ބޭނުން ބޮޑަށް ކަމަށް، ފްރާންސާއި ސްޕެއިނުގެ ނޫސްތަކުން އަންނަނީ ބުނަމުންނެވެ. އެކަމަކު ކުރީގެ ކްލަބް ޔުވެންޓަސް އަށް ބަދަލުވުމަކީ ވެސް އޮތް ފުރުސަތެކެވެ.
ޔުނައިޓެޑުގެ އެކަޑަމީން ތަމްރީންވި ޕޮގްބާ އަށް އެ ޓީމުން އެކަށީގެންވާ ފުރުސަތެއް ނުލިބޭތީ 2012 ވަނަ އަހަރު ޔުވެންޓަސް އަށް ބަދަލުވެ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިޔަކަށް ބަދަލުވި އެވެ. ޔުނައިޓެޑުން އޭނާ އަލުން ގެނައީ 2016 ވަނަ އަހަރު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 95 މިލިއަން ޔޫރޯ އަށެވެ.