24 އެޕްރީލް 2019 - 08:43

ބާސެލޯނާ (އޭޕްރީލް 24) - ސްޕެނިޝް ލީގުގައި ރޭ އަލަވޭސް އަތުން 2-0 އިން ހޯދި މޮޅާ އެކު ލީގު ޗެމްޕިއަންކަން ހޯދުމާ ފިޔަވަޅަކާ ގާތަށް ބާސެލޯނާ އިން ޖެހިލައިފި އެވެ.
ލީގުގައި މިހާތަނަށް ކުޅުނު 34 މެޗުން ބާސެލޯނާ ވަނީ 80 ޕޮއިންޓް ހަމަކޮށްފަ އެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 33 މެޗުން ވަނީ 68 ޕޮއިންޓް ލިބިފަ އެވެ. މިރޭ އެތުލެޓިކޯ ކުޅޭ މެޗުން ވެލެންސިއާ އަތުން ބަލިވެއްޖެނަމަ ބާސެލޯނާ އަށް ލީގު ކަށަވަރުވާނެ އެވެ. މިރޭ އެތުލެޓިކޯ މޮޅުވެއްޖެނަމަ ބާސެލޯނާ އަށް ލީގު ލިބޭނީ ދެން ކުޅޭ މެޗުން މޮޅުވެގެންނެވެ.
އަަލަވޭސް ދަނޑުގައި ރޭ ކުޅުނު މެޗުގައި ބާސެލޯނާ އިން ލަނޑުތައް ޖެހީ ދެ ވަނަ ހާފްގަ އެވެ. ލިއޮނަލް މެސީ ނުލައި ފެށި ބާސެލޯނާ އިން ކުޅުނު މި މެޗުގެ ދެ ވަނަ ހާފްގެ ކުރީކޮޅުގައި އެ ޓީމަށް ލީޑުނަގައިދިނީ ޒުވާން މިޑްފީލްޑަރު ކާލޮސް އަލީނިއާ އެވެ. އޭގެ ހަ މިނިޓް ފަހުން ބާސެލޯނާގެ ދެ ވަނަ ގޯލު ޖެހީ ލިބުނު ޕެނަލްޓީ އަކުން ލުއިސް ސުއަރޭޒް އެވެ. ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީގައި ދިން މި ޕެނަލްޓީން ސުއަރޭޒް ޖެހި މި ގޯލަކީ މި ފަހަރު ލީގުގައި އޭނާ ކާމިޔާބުކުރި 22 ވަނަ ލަނޑެވެ.
ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނީ އަލަވޭސް އަތުން ހޯދުނު މޮޅު ހާއްސާވާ އެއް ސަބަބަކީ ވަރަށް ބޮޑު ޕްރެޝަރަކުން ސަލާމަތްވުން ކަމަށެވެ.
"ވަރަށް ގިނަ ދުވަސްތަކެއްގެ މަސައްކަތަށް ފަހު ލީގުގައި ބާކީ ހަތަރު މެޗު އޮއްވައި ޗެމްޕިއަންކަން ހޯދުމާ ފިޔަވަޅެއް ގާތުގައި އޮތުމަކީ ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުން. ޕްރެޝަރުގެ ވަރަށް ބޮޑުބައެއް އެ ދިޔައީ،" ވަލްވޭޑޭ ބުންޏެވެ.
ރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި މެސީ ނުހިމެނީ ކުރިއަށް މުހިއްމު މެޗުތަކެއް ހުުރުމުން ކަމަށް ވަލްވޭޑޭ ވަނީ ބުނެފަ އެވެ. ބާސެލޯނާ އިން އެންމެ ބޮޑަށް މިހާރު ތައްޔާރުވަނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ލިވަޕޫލާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗަށެވެ.
"މެސީ އަނިޔާގައި ހުރެ ގިނަ މެޗުތަކެއް ކުޅެފި. މިހާރު މިއީ އެންމެ މުހިއްމު ހިސާބު ސީޒަނަށް ބަލާއިރު. އަހަރެމެން ބޭނުން ބޮޑު މެޗުތަކަށް މެސީ ފިޓްކޮށް ހުންނަން. ހުރިހާ މެޗެއް ކުޅުމަކީ މެސީގެ ފިޓްނަސް އަށް އެންމެ ރަނގަޅު ގޮތެއް ނޫން،" ވަލްވޭޑޭ ބުންޏެވެ.
ބާސެލޯނާގެ އެންމެ ބޮޑު ޓާގެޓް ކަމަށްވާ ޗެމްޕިއަންސް ލީގު ހޯދުމަށް ހުރިހާ ގޮތަކުން މަސައްކަތްކުރާނެ ކަމަށް ވަލްވޭޑޭ ވަނީ ބުނެފަ އެވެ.