24 އެޕްރީލް 2019 - 11:27

ކޮލަމްބޯ (އެޕްރީލް 24) - އީސްޓާ ސަންޑޭގައި ސްރީ ލަންކާގައި ބޮމުގެ ހަމަލާތަކެއް ދިނީ ނިއު ޒީލެންޑުގެ ކްރައިސްޗާޗުގެ ދެ މިސްކިތެއްގައި މިދިޔަ މަހު ދިން ބަޑީގެ ހަމަލާތަކުގެ ބަދަލު ހިފަން ކަމަށް ލަންކާގެ ސްޓޭޓް މިނިސްޓަ އޮފް ޑިފެންސް ރުވާން ވިޖެވަރްދަނާ ވިދާޅުވެއްޖެ އެވެ.

ޕާލަމެންޓުގައި އެ ވާހަކަތައް ވިޖެވަރްދަނާ ވިދާޅުވެ ދެއްވި ނަމަވެސް އެއްވެސް ހެއްކެއް ދައްކަވައިފައެއް ނުވެ އެވެ. އަދި އެ މައުލޫމާތު ލިބިވަޑައިގަތީ ކޮން ގޮތަކުންކަން ވެސް ވިދާޅެއް ނުވެ އެވެ.

"ތަހުގީގުގެ ފުރަތަމަ މަރުހަލާ އިން އެނގޭ ގޮތުގައި ސްރީ ލަންކާގައި ދިން ހަމަލާ އަކީ ކްރައިސްޗާޗުގެ މިސްކިތުގައި ދިން ހަމަލާގެ ބަދަލު ހިފަން ކުރި ކަމެއް. އެކަން އަދިވެސް ދަނީ ތަހުގީގު ކުރަމުން،" ވިޖެވަރްދަނާ ވިދާޅުވި އެވެ.
ކްރައިސްޗާޗުގެ ދެ މިސްކިތުގައި މާޗް 15 ވަނަ ދުވަހު ބަޑިން ދިން ހަމަލާތަކުގައި 50 މީހުން މަރުވި އެވެ. ހަމަލާ ދީފައި ވަނީ މުސްލިމުން ދެކެ ރުޅި އަންނަ އޮސްޓްރޭލިއާގެ ހައްދުފަހަނަޅާފައިވާ މީހެކެވެ.
ލަންކާގެ ސްޓޭޓް މިނިސްޓަރު ދެއްކެވި ވާހަކަތަކާ ގުޅިގެން ނިއު ޒީލެންޑުގެ ބޮޑު ވަޒީރު ޖަސިންޑާ އާޑާންގެ އޮފީހުން ބުނެފައި ވަނީ އެ ވާހަކަތަކުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ނަމަވެސް އެ ވާހަކަތަކަށް ބާރު ލިބޭ އިންޓަލިޖެންސް އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ.
ލަންކާގައި ބޮން ގޮއްވި ކަމަށް ތުހުމަތުކޮށްފައި ވަނީ ކުރިން އެހާ މަޝްހޫރު ނޫން ޖަމާއަތެއް ކަމަށްވާ ނޭޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) އިންނެވެ. ނަމަވެސް އިސްލާމިކް ސްޓޭޓް (އައިއެސް) އިން އިއްޔެ ވަނީ އެ ހަމަލާގެ ޒިންމާ އުފުލައިފަ އެވެ.
ވިޖެވަރްދަނާ ވިދާޅުވީ އެންޓީޖޭގެ އިތުރުން ލަންކާގެ އެހެން ޖަމާއަތެއް ކަމަށްވާ ޖަމިއްޔަތުލް މިއްލަތު އިބްރާހިމް (ޖޭއެމްއައި) އިން ވެސް ބޮމުގެ ހަމަލާތަކުގައި ބައިވެރިވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
އޭނާ ވިދާޅުވީ ބޮމުގެ ހަމަލާތަކާ ގުޅޭ އިންޓަލިޖެންސް މައުލޫމާތު ކުރިން ލިބިފައިވީ ނަމަވެސް ސަލާމަތީ ގޮތުން ފިޔަވަޅުތައް އަޅާފައިނުވާ ކަމަށެވެ.
"އިންޓަލިޖެންސް ޔުނިޓްތަކަށް ހަމަލާގެ މައުލޫމާތު ކުރިން އޮތީ ލިބިފައި. އަދި ކަމާބެހޭ ބައެއް އޮފިސަރުންނަށް އެ މައުމާތު ވަނީ ހިއްސާ ވެސް ކޮށްފައި،" ވިޖެވަރްދަނާ ވިދާޅުވި އެވެ.