ދަރަނި
ދަރަނި

އެއްބަޔަކަށް ރޭގަނޑު ކަށަވަރުކޮށްދީފައި އަނެއްބަޔަކަށް ދުވާލު ކަށަވަރުކޮށްދެމުން އިރު ފެނުންތޮޅިލީ ވިއްސާރަ މޫސުން ނިމުނުކަން އިއުލާންކުރަމުންނެވެ. އަހަރެންގެ ހަޔާތުގެ އުދަރެސް ބަނަކުރަމުންނެވެ. ދުވަހުގެ ފުރަތަމަ މެސެޖުން އަހަރެންގެ އަތްފައި ގަނޑުކޮށްލި ކަހަލައެވެ. ފިކުރުގެ ފުން ކަނޑެއްގެ ތެރެއަށް އަހަރެން ގަންބައިލިއެވެ. ޚަބަރު އެހާ ވެސް ހިއްޗެވެ. އަންވަރު ނިޔާވީއެވެ. ތިމާގެކަމުގެ ގޮތުން ބަލައިފި ނަމަ އަންވަރަކީ އަހަންނާ ގުޅުމެއް އޮތް މީހެއް ނޫނެވެ. އަންވަރަކީ އަހަރެންގެ އެކުވެރިޔެކެވެ. ވިޔަފާރިމިތުރެކެވެ. އަހަރުމެން ފެށި ވިޔަފާރި ކިރިޔާ ހިންދަމައިލެވުނުކަމެވެ. ހިތަށްއެރިއެވެ. އަންވަރުގެ އާއިލާ ހާދަހާ ދެރަވާނެއެވެ. މަންމަ ނިޔާވުމުން ތިން ފިރިހެން ދަރިންގެ ހުރިހާ ކަމެއް ބެލެހެއްޓީ އަންވަރެވެ. ދަރިން ބޮޑެތިވެ ކައިވެނި ވެސް ކޮށްފިއެވެ. އެހެންވިޔަސް އަންވަރުގެ ފަޅުކަން ދަރިން އިހުސާސްކުރާނެއެވެ.

އަންވަރުގެ ކަށުނަމާދާއި ވަޅުލުމުގެ ހުރިހައި ކަމެއް ނިންމައި، އަންވަރުގެ ދަރިންނަށް ހިތްވަރުދިނުމަށް ފަހު ފިހާރަޔަށް ދިޔައީމެވެ. އާންމުކޮށް މެންދުރު ފިހާރަ ހުޅުވާއިރު އަހަންނާއި އަންވަރު ވެސް ފިހާރައިގައި ތިބެމެވެ. ކުޑައިރުއްސުރެ ދެކިފަރިތަ އަންވަރަކީ އަބަދުވެސް ސިއްހަތަށް ބަލައިގެން އުޅުނު މީހެކެވެ. އެއްވެސް ބައްޔެއް ނުވެ އަންވަރު ކުއްލިޔަކަށް ދުނިޔެއަށް އަލްވަދާއުކިޔުމުން އަހަރެންގެ އަގީދާ އިތުރަށް ވަރުގަދަވިއެވެ. ޝައްކެއް ނެތް ވަރަށް ގަބޫލުކުރެވުނެވެ. ވަކިވުމުގެ ވަގުތުޖެހުމުން ދެން ލަހެއްފަހެއް ނޯންނާނެއެވެ. ބިއްލޫރި ކޮށްޓެއްގައި އުޅުނަސް ބިންގަރާހެއްގައި އުޅުނަސް ޖެހޭނީ ދާށެވެ. މަރަކީ ސިއްހަތާއި، އުމުރާއި، ހަށިފާރަވެރިންނަށް ބަރޯސާވާނެ އެއްޗެއް ނޫނެވެ.

ވިޔަފާރި ދަތުރުގައި ރާއްޖެއިން ބޭރުގައި އުޅޭއިރު ވިޔަފާރިވެރިންނާ ވާހަކަދައްކާނީ އަންވަރެވެ. މާލޭގައި ވިޔަފާރި ރާވާނީ އަހަންނެވެ. ވިޔަފާރި ކާމިޔާބުވީ އެ ދެބައި ގުޅިގެންނެވެ. އަހަންނާއި އަންވަރަކީ އެކަކޭ މީހުން ކިޔަނީ އެހެންވެއެވެ. އަންވަރު ވަކިވުމުން އަހަރެންގެ އެއް ފަޅި ގެއްލުނީއެވެ. ދާދި އަވަހަށް އޭގެ އަސަރު ވިޔަފާރިން ފެންނަން ފެށިއެވެ. ވިކި ހުސްވާ މުދަލުގެ ބަދަލުގައި އާ މުދަލެއް ނުގެނެވެއެވެ. ބޭރުން މުދާ ނުގެނަޔަސް އަހަންނަށް ވެސް ކޮންމެވެސް ވަރެއް ކުރެވޭނެއެވެ. ޔަގީނުން ވެސް އިނދައެއްނުޖެހޭނެއެވެ. އެކަމަކު، ވާދަވެރިން ގިނަ ވިޔަފާރީގައި ކުރި ލިބެނީ ދުވެލި ބާރު މީހާއަށެވެ. މަޑުޖެހޭ މީހާ އިސާހިތަކު ލޯމަތިން ގެއްލި ރޭހުން ބާކީވެއެވެ. އަހަރެންގެ ވިޔަފާރި ހީނަރުވަމުދާކަން އެ ކަމަށް ލޯއަޅައިގެންހުރި މީހާއަށް ފެންނަން ފެށިއެވެ. އެ މީހަކީ ސަމަދެވެ. މުދާ ގެނައުމަށް ޓަކައި ފަސް ލައްކަ ރުފިޔާގެ ލޯނެއް ސަމަދު އަތުން އަހަރުމެން ނެގީމެވެ. ދެ ލައްކަ ދެއްކިއްޖެއެވެ. ބާކީ ތިން ލައްކަ ރުފިޔާ އޮތްގޮތަށް އޮތީއެވެ. ލަސްވެއްޖެއްޔާ ނުލިބިދާނެހެން ހީވުމުން ސަމަދު ކަންބޮޑުވިއެވެ. އަހަންނަށް ގުޅިއެވެ.

"އެނގޭ އަންވަރު ނިޔާވިތާ ދެ މަސް ވެސް ނުވާކަން،" ކުޑަ އުނދަގުލަކާ އެކުގައި ސަމަދު ބުންޏެވެ. "ސަމީރަށް އަހަރެން އިތުބާރު ނުކުރަނީއެއް ވެސް ނޫން. އެކަމަކު އޮޑި ދިޔަވާކަން އެނގުނީމަ ދެއަތް އުރާލައިގެނެއް ވެސް ނުހުރެވޭނެ."

އެ ވަރުން ވެސް އަހަންނަށް ވިސްނުނެވެ. ދެކޮޅަށް ދައްކާނެ ވާހަކައެއް ވެސް ނެތެވެ. ވިޔަފާރި އަޑިއަޅައިލައިފިކަން އަހަންނަށް ވެސް އެނގެއެވެ. ޚުދު އަހަންނަށް ވެސް އެންމެ ރަނގަޅު ގޮތަކީ ދަރަނި އަދާކުރުމެވެ. އެހެންނަމަވެސް އަހަރެންގެ އަތަކު ތިން ލައްކަ ރުފިޔާއެއް ނެތެވެ. ދެބައިކުޅަ އެއްބައި ދެވިދާނެއެވެ. އަނެއްބައި ހޯދުމަށް ޓަކައި އަންވަރުގެ ވާރިސުންނާ ބައްދަލުކުރީމެވެ. އަންވަރަކީ ވިޔަފާރީގެ ލިޔެކިޔުން ގެންގުޅޭ މީހެއް ނޫނެވެ. ވިޔަފާރީގެ ތަފުސީލު ތިން ދަރިންނާ ހިއްސާކުރާ މީހެއް ވެސް ނޫނެވެ. އެ ކަން އޮންނަނީ އަހަރުމެން ދެ މީހުންގެ ހިތުގައެވެ.

"އެއްލައްކަ ފަންސާސް ހާސް ލިބެނިކޮށް ދަރަނިއަދާކުރެވޭނެ،" ކުރު ހުލާސާއެއް ކިޔައިދީފައި އަހަރެން ބުނީމެވެ. "މި ދުވަސްކޮޅު ވިޔަފާރި ތަންކޮޅެއް ދަށްކޮށް މި އުޅެނީ. އެހެން ނޫން ނަމަ ދޮޅު ލައްކަ ރުފިޔާ ހޯދާކަށް އަންވަރުގެ ކުދީން ގާތަކަށް ނުވެސް އަންނާނަން."

ތިން ކުދިން އެކަކުއަނެކަކުގެ މޫނަށް ބަލައިލިއެވެ. އަހަރެން ދެއްކި ވާހަކަ އެ މީހުންނަށް ގަބޫލުކުރެވުނުހެނެއް އަހަންނަކަށް ހިޔެއްނުވިއެވެ.

"އެއްވެސް ޑޮކިޔުމަންޓެއް އެބައޮތްތޯ؟" ހަގު ދަރިފުޅު ބުންޏެވެ. "އައި މީން ދަރަނި ނެގިކަމަށް ބައްޕަ ސައިންކޮށްފަ އޮތް."

"ނެތް!" އަހަރެން ބުނީމެވެ. "އެކަމަކު ދަރަނި ދިން މީހާ ހެކިވާނެ. އޭނަ ގެނެވިދާނެ. ހުރިހާ ކުދިން ވެސް ސަމަދު ދަންނަމެއްނު. މި ގެއަށް ވެސް އާދެއެއްނު! އޭނަގެ އިތުރަށް އަހަންނަކީ ވެސް ހެއްކެއް."

އަނެއްކާ ވެސް ވެރިވެގެންދިޔައީ ހަމަހިމޭންކަމެކެވެ.

"ވިސްނާލާފަ ޖަވާބެއް ދޭނަން." އެންމެ ދޮށީ ދަރިފުޅު ރިޝްވާން ބުންޏެވެ.

ބައްދަލުވުން އެ ހިސާބުން ނިމުނީއެވެ. އަހަރެން ދިޔައީ މިސްކިތަށެވެ. މިސްކިތުން ފައިބައިގެން އަންވަރުގެ މަހާނަ ކައިރީގައި ހުއްޓައި މެސެޖެއް އައެވެ. ފޯނަށް ބަލައިލިއިރު އެއީ ރިޝްވާންގެ މެސެޖެކެވެ.

"ތި ދަރަނި ނެގީ ބައްޕަޔާ ގުޅިގެންކަމާ ދަރަނި އަދާ ނުކުރާކަމުގެ ހެއްކެއް ލިޔުމުން ދެއްކެން ނެތީމަ ތި ކަމަކާ ހަވާލެއް ނުވެވޭނެ. ސޮރީ." ރިޝްވާންގެ މެސެޖުގައި އޮތެވެ.

ރިޝްވާނަށް ގުޅަން އަހަރެން ވަރަށް މަސައްކަތްކުރީމެވެ. އޭނަ ފޯނެއް ނުނެގިއެވެ. އަހަރެން މެސެޖު ފޮނުވީމެވެ. އަޅައެއްނުލިއެވެ. ޖަވާބު ވަރަށް ސާފެވެ. ވާހަކަދައްކާކަށް ރިޝްވާން ބޭނުމެއް ނޫނެވެ. ވަރަށް ދެރަވިއެވެ. އަންވަރުގެ ދުނިޔޭގައި އަންވަރުގެ ދަރީންނަކީ އަހަރެންގެ ވެސް ދަރީންކަމުގައި ބަލައިގެންއުޅުނު ކުދީންނެވެ. އަހަންނާ ދޭތެރޭ އެ ކުދީންގެ ހިތުގައި ޝައްކެއް އޮވެދާނެކަމަކަށް ހިޔެއްނުކުރަމެވެ.

އެ ރޭ އަހަންނަށް އަންވަރު ހުވަފެނުން ފެނުނެވެ. އަންވަރު ވާހަކައެއް ނުދައްކައެވެ. ނުތަނަވަސްކަމާ އެކުގައި ދުރުގައި ގޮނޑިއެއްގައި ބަލަން އިންނަނީއެވެ. އެހެން އިނދެފައި އިސްޖަހައިލައެވެ. އަހަރެންނާ ހަތަރުކަޅި ހަމަކުރަން ނުކުރިގެން އަންވަރު އުޅޭ ކަހަލައެވެ. އަންވަރާ ވާހަކަދައްކަން އަހަރެން ކުރިޔަށް ޖެހިލާއިރަށް އަންވަރު ފަހަތަށް ޖެހިލައެވެ. އެ ހިސާބުން އަހަންނަށް ހޭލެވެއެވެ. ތިން ރޭ ވަންދެން އަހަންނަށް އެ ހުވަފެން ފެނުނެވެ. ހިތަށްއެރިއެވެ. ދަރަންޏެއް ބޮލުގައިއެޅިފައި އޮތުމުން އަންވަރަށް ކޮންމެވެސް އުނދަގުލެއް އެބަ ކުރިމަތިވެއެވެ. ފަހަރެއްގައި ސުވަރުގޭގެ ނިއުމަތުން އަންވަރު މަހުރޫމުވަނީކަމަށް ވެސް ވެދާނެއެވެ. އެހެން ވާކަށް އަހަރެން ބޭނުމެއް ނޫނެވެ. ބޭނުން ނޫނަސް ކުރެވޭނެ ކަމެއް ނެތެވެ. އެންމެ ކަމެއް ފިޔަވައެވެ. އެއީ އަންވަރުގެ ދަރަނި އަހަރެން އަދާކުރުމެވެ. ވިޔަފާރި ފައިދާގެ ދެބައިކުޅަ އެއްބައި ލިބުނު މީހާގެ ދަރަނި އަހަންނަށް އަދާކުރަންޖެހުމަކީ ބަލައިގަންނަން އުނދަގޫވި ކަމެކެވެ. އެތައް ފަހަރަކު ވިސްނަންޖެހުނު ކަމެކެވެ. އަންވަރަކީ މަޑުމައިތިރި، ހިތްހެޔޮ މީހެކެވެ. ދަރީން ކަންތައްކުރި ގޮތް ގޯހަސް އަންވަރަކީ ތެދުވެރި، އަމާނާތްތެރިއެކެވެ. ގާތް އެކުވެރިއެކެވެ. ސުވަރުގެއާއި އަންވަރާ ދެމެދު ހުރަހަކަށްވާކަށް އަހަންނަކަށް ނުކެރުނެވެ.

މާތް ﷲ އަށް ވަކީލުކުރުމަށް ފަހުގައި، ފިހާރައިގެ މުދާތައް ނުއަގުގައި ވިއްކަން ފެށީމެވެ. ދެތިން ދުވަހެއް ތެރޭގައި، ފިހާރައާއި ގުދަނުގައި ހުރި ސާމާނުތައް ވިއްކައި ހުސްކޮށްލީމެވެ. ބައެއް އެއްޗެހި ގަތީމައި އެހެން އެއްޗެއް ހިލޭ ވެސް ދެމެވެ. ފިހާރަ ދޮވެލުމުން އެކައުންޓަށް ހަތަރު ލައްކައެއްހާ ރުފިޔާ ޖަމާވިއެވެ. އޭގެ ތެރެއިން ތިން ލައްކަ ރުފިޔާ ސަމަދަށް ދީފައި އެ ކަން ނިންމައިލީމެވެ. އޭގެ ފަހުން އެއްފަހަރު އަންވަރު ހުވަފެނުން ފެނުނެވެ. އެ ފަހަރު އަންވަރުގެ މޫނުމައްޗަކު ކުރިން ހުރި ނުތަނަވަސްކަމެއް ނެތެވެ.

އަހަރެންގެ އަތުގައި ހުރީ ނަގުދު ފައިސާކޮޅެއް އެކަންޏެވެ. ގާތްގަނޑަކަށް އެއް ލައްކަ ދިހަ ހާސް ރުފިޔާއެވެ. ދެ ދަރިންނާއި އަންބެއްގެ ޚަރަދު އެއިން ބެލެހެއްޓޭނީ ކިހާ ދުވަހަކުކަމެއް އަހަންނަކަށް ނޭނގެއެވެ. އެކަމަކު އަހަރެން ކުރީ ގޯސްކަމެއް ނޫނެވެ. އެ ޔަގީންކަން އަހަރެންގެ ހިތަށް ފިނިކަންދިނެވެ. އަދި އުންމީދުކުރީމެވެ. ކޮންމެވެސް މަގެއް އަހަންނަށް ދައްކަވާނެއެވެ. އަހަރެންގެ ހާލު ﷲ ދެނެވޮޑިގަންނަވާނެއެވެ. އެ ކަލާނގެއީ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

އަންވަރުގެ ދަރަނި ދެއްކިތާ ހަފުތާއެއް ފަހުން ސަމަދުގެ ފޯނުކޯލެއް އައެވެ. އަހަންނާ ބައްދަލުކުރަން ބޭނުން ވާހަކަ ބުންޏެވެ. ސަމަދުގެ ސައިކަލު ފަހަތަށް އަހަރެން އަރުވައިގެން ދިޔައީ އަހަރެން ކުރިން ފިހާރަ ހިންގި ތަނަށެވެ.

"މީ ކިހިނެއްވީ ކަމެއް؟" ފިހާރަޔަށް އިޝާރާތްކޮށްފައި ސަމަދު ސުވާލުކުރިއެވެ. "ކޮބާ މި ތަނުގަ ހުރި މުދާތައް؟ އަހަރެން ރަށުން ބޭރަށް ދިޔަ ދަނޑިވަޅެއް ބަލާފަ ވިއްކާލީ ދޯ؟"

އަހަރެން ޖަވާބެއް ނުދެމެވެ. ބުނާނީ ކީކޭ ހެއްޔެވެ؟ ދަރަނި ނުލިބިދާނެތީ ކަންބޮޑުވެގެންއުޅުނީ ވެސް ސަމަދެވެ.

"މިއަދު މަގުމަތިން ރިޝްވާން ފެނުނު،" ސަމަދު ބުންޏެވެ. "އަންވަރުގެ ދޮށީ ދަރި. އޭނައަކަށް ނުކެރުނު އަހަރެންގެ މޫނަށް ބަލައިލާކަށް. ނުފެންނަކަމަށް ހެދިގެން ދިޔައީ. އޭގެ މާނައަކީ އަންވަރުގެ ބައި އެ މީހުނެއް ނުދެޔޭ. މުދާތައް ވިއްކާލާފަ ސަމީރޭ ދަރަނި އަދާކުރީ. އަހަންނަށް ހަމަ ހީވި ގޮތަށް މިވީ."

"އެ ކަމާ ސަމަދު ހާސްނުވޭ!" އަހަރެން ހިތްހެޔޮކަމާ އެކުގައި ބުނީމެވެ. "ﷲ ކޮންމެވެސް މަގެއް ދައްކަވާނެ."

"ޔަގީން ކަށަވަރުތާ!" ސަމަދު ހިނިއައިސްފައި ބުންޏެވެ. "އެހެން ނޫން ނަމަ އަހަރެން ކުއްލިއަކަށް މިހާ ދީލައްޗެއް ނުވީސް. މިއޮތީ ތިން ލައްކަ ރުފިޔާގެ ޗެކެއް. އެއް ލައްކައަކީ އަންވަރުގެ ދަރަނިން އަހަރެން އަނބުރާ ސަމީރަށް ދޭ އެއްޗެއް. އަނެއް ދެ ލައްކައަކީ، މި ފިހާރައަށް މުދާ ލައިގެން ސަމީރު އަލުން ވިޔަފާރި ފަށަން އަހަރެން ދޭ ލޯނެއް. ދެއްކުނު ދުވަހަކުން ދައްކާ ގޮތަށް."

އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ކަމެއް ބަދަލުވާންވީމައި ލަހެއްފަހެއް ނޯވެއެވެ. ބޭނުންވަނީ ކުޑަ ހިތްވަރެކެވެ. އަހަރެންގެ ވިޔަފާރި އަމިއްލަވީއެވެ. އަންވަރުގެ ދަރަނި ދެއްކުނީއެވެ. އަހަންނަށް އެއްވެސް ހާސްކަމެއް ވެސް ނެތެވެ. ކާމިޔާބު ލިބެނީ ﷲ އަށް ވަކީލުކުރީމައެވެ. ޝައްކެއް ނެތް މިންވަރަށް ޔަގީންކުރީމައެވެ. ހެޔޮކަންތަކަށް ފަސްނުޖެހި ހޭދަކުރީމައެވެ.

ކަނިވަމުން، ހުލިވަމުންދިޔަ އަހަރެންގެ ވިޔަފާރި އަހަރެން އެކަނިމާއެކަނި ކޮޅަށްޖަހައިލީމެވެ. ތިން އަހަރު ތެރޭގައި ސަމަދުގެ ދަރަނި އަދާކުރީމެވެ. މިހާރު އަހަރެންގެ ތިން ފިހާރަ އެބަހުއްޓެވެ. ޒަކާތުގެ ގޮތުގައި މި އަހަރު ނުވަ ލައްކަ ރުފިޔާ ދެއްކީމެވެ. އެއީ އަންވަރުގެ ދަރަނި އަދާކުރަން އަހަރެން ދެއްކި އަދަދުގެ ތިން ގުނައެވެ.

ނިމުނީ