02 ސެޕްޓެމްބަރ 2016 - 06:39
ރޭގަނޑުގެ ދަން ވަގުތުތަކުގައި ކެއުމުގެ ސަބަބުން އިނގިރޭސި ވިލާތުގެ އެތައް މިލިއަން ބަޔަކަށް ހާޓް އެޓޭކްގެ ނުރައްކާ ބޮޑުވެފައިވާ ކަމަށް އެ ގައުމުގެ ޑޮކްޓަރުން އިންޒާރު ދެއްވައިފި އެވެ.
ޑޮކްޓަރުން ބުނެފައި ވަނީ ނިދުމަށް ދެ ގަޑިއިރަށް ވުރެ ވަގުތު ކުޑަވެފައި ވަނިކޮށް ކެއުމުން މުޅި ރޭގަނޑު ލޭގެ ޕްރެޝަރު މައްޗަށް ގޮސް ހުންނަ ކަމަށާއި މިކަމުގެ ސަބަބުން ހާޓް އެޓޭކްގެ ނުރައްކާ އިތުރުވެގެންދާ ކަމަށެވެ. އެހެންވެ ތަޖުރިބާކާރުން ލަފާ ދެއްވަނީ ރޭގަނޑު 7:00 ގެ ފަހުން ނުކެއުމަށެވެ. އެއީ ހަށިގަނޑަށް އަރާމު ދިނުމަށާއި ހަށިގަނޑު ހަމަޖެހުމަށް ވަގުތު ދިނުމަށެވެ.
ޑެއިލީ ޓެލެގްރާފުން ޑޮކްޓަރުންނާ ހަވާލާދީ ބުނެފައި ވަނީ ގިނައިން ލޮނު ހުންނަ ކާނާއެއް ބޭނުންކުރުމުން ލިބޭ ވަރަށް ވުރެ ބޮޑު ގެއްލުމެއް، ރޭގަނޑު ދަށްކޮށްފައި ކެއުމުން ހިތަށް ލިބޭ ކަމަށެވެ.
ޓާކިޝް ޔުނިވަސިޓީގެ ކާޑިއޮލޮޖިސްޓުން މިހެން ބުނެފައި ވަނީ ލޭމައްޗަށް ދިއުމުގެ މައްސަލަ ހުންނަ 700 އަށް ވުރެ ގިނަ އަންހެނުންނާއި ފިރިހެނުން ބައިވެރިކޮށްގެން ކުރި ދިރާސާއަކަށް ފަހުގަ އެވެ. ރޭގަނޑުގެ އެކި ވަގުތުތަކުގައި ކެއުމުން އެ މީހުންގެ ލޭގެ ޕްރެޝަރަށް އައި ބަދަލު ތަޖުރިބާކާރުން ވަނީ ދެނެގެންފަ އެވެ.
ދިރާސާއިން އެނގުނު ގޮތުގައި ލޭގެ ޕްރެޝަރަށް އެންމެ ބޮޑަށް ބަދަލު އައިސްފައި ވަނީ ރޭގަނޑު ދަންކޮށްފައި ކެއުމުންނެވެ. ނިދާ ވަގުތު ގާތްވެފައި ވަނިކޮށް ކެއުމުން، ނިދާފައި އޮންނަ އިރު ވެސް ލޭގެ ޕްރެޝަރު އެކަށީގެންވާ ވަރަށް ދަށަށް ނުދާ ކަމަށް ވެސް ދިރާސާއިން އެނގުނެވެ.
ނިދުމުން ލޭގެ ޕްރެޝަރު ގާތްގަނޑަކަށް 10 ޕަސެންޓް ދަށަށް ދާން ޖެހެ އެވެ. އެކަމަކު ނިދުމުގެ ދެ ގަޑިއިރު ކުރިން ކޭ މީހުންގެ ތެރެއިން 25 ޕަސެންޓް މީހުންގެ ލޭގެ ޕްރެޝަރު މި މިންވަރަށް ދަށަކަށް ނުދެ އެވެ. އެކަމަކު ނިދުމުގެ ދެ ގަޑިއިރަށް ވުރެ ކުރިން ކޭ މީހުންގެ ލޭގެ ޕްރެޝަރު 14.2 ޕަސެންޓް މީހުންގެ ވަނީ ދަށަށް ގޮސްފަ އެވެ.
މާ ލަސްކޮށްފައި ކެއުމުން ހަށިގަނޑުގައި ސްޓްރެސް ހޯމޯން އިތުރުވެ އެވެ. އަދި ހެނދުނު ނާސްތާ ނުކުރާ މީހުންގެ ވެސް ލޭގެ ޕްރެޝަރު ދަށަށް ދިއުމުގައި އުނދަގޫތައް ހުންނަ ކަމަށާއި އެކަމަކު ދަންކޮށްފައި ކެއުމުން އެ މައްސަލަ ކުރިމަތިވާ ވަރަށް ނުވާ ކަމަށް ވެސް ދިރާސާގައި ބުނެފައިވެ އެވެ.