23 އެޕްރީލް 2019 - 16:18

ބޭރޫތު (އެޕްރީލް 23) - ސްރީ ލަންކާގައި އާދިއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކުގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން އުފުލައިފި އެވެ.
"އެމެރިކާ އިސްވެ އުފައްދާފައިވާ ކޯލިޝަނުގެ މެންބަރުންނާއި ކްރިސްޓިއަނުންނަށް އަމާޒުކޮށް ސްރީ ލަންކާގައި އިއްޔެ ނޫން އިހަށް ދުވަހު ހަމަލާ ދިނީ އިސްލާމިކް ސްޓޭޓްގެ ހަނގުރާމަވެރިން،" އައިއެސްގެ ނިއުސް އެޖެންސީ އައުމާގު މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ލަންކާގައި ދިން ހަމަލާތަކުގައި މިހާތަނަށް ވަނީ 320 މީހުން މަރުވެފަ އެވެ.
ނަމަވެސް ބޮމުގެ ހަމަލާ ދިން ކަމަށް ލަންކާ ސަރުކާރުން ތުހުމަތުކޮށްފައި ވަނީ އެ ގައުމުގެ ހަރުކަށި ޖަމާއަތެއް ކަމަށްވާ ނޭޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) އަށެވެ. ކުރިން އެހާ މަޝްހޫރު ނޫން އެ ޖަމާއަތުން މިދިޔަ އަހަރު ފަހުކޮޅު ވަނީ ބުޑިސްޓުންނަށް އަމާޒުކޮށް ލަންކާގައި ހަމަލާތަކެއް ދީފަ އެވެ.
އީސްޓާ ސަންޑޭގައި ލަންކާގައި ހަމަލާ ދިނީ ތިން ފައްޅިއަކާއި މަޝްހޫރު ތިން ހޮޓަލަކަށެވެ. ގިނަ ހަމަލާތައް ދީފައި ވަނީ ޖާނުންފިދާވެގެންނެވެ. ލަންކާ ސަރުކާރުން ތުހުމަތު ކުރާ ގޮތުގައި ހަމަލާތައް ދިނުމުގައި ޖާނުންފިދާވާ ހަތް މީހަކު ބައިވެރިވެފައިވެ އެވެ.
ލަންކާގައި ދިން ހަމަލާތަކާ ގުޅިގެން މިހާތަނަށް 40 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ ތަރުޖަމާނަކު ވަނީ ވިދާޅުވެފަ އެވެ. އަދި ތުހުމަތު ކުރެވޭ އެހެން މީހުން ހޯދަން ސިފައިން އަންނަނީ ލަންކާގެ އެކި ސަރަހައްދުތައް ބަލަމުންނެވެ. އޭގެތެރޭގައި ދިވެހިން ދިރިއުޅެމުން އަންނަ ތަންތަން ވެސް ހިމެނެ އެވެ. ލަންކާގައި މިހާރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ މީހުން ހައްޔަރުކޮށް އަދި ތަންތަން ބަލާ ފާސްކުރުމަށް ސިފައިންނާއި ފުލުހުންނަށް ވަނީ އިތުރު ބާރުތަކެއް ދީފަ އެވެ.