01 ސެޕްޓެމްބަރ 2016 - 13:58

ނިއު ދިއްލީ (ސެޕްޓެމްބަރު 1) - އިންޑިއާގެ އިގްތިސާދަށް ފައިދާވާ ގޮތަށް އިންވެސްޓްކުރާ ބިދޭސީންނަށް 10 އަހަރުގެ މުއްދަތަށް ރެސިޑެންޓް ވިސާ ދޭން ނިންމައިފި އެވެ.
ވިސާ ދޫކުރުމުގެ އުސޫލުގައިވާ ގޮތުން 18 މަސް ދުވަސް ތެރޭ 1.5 މިލިއަން ޑޮލަރު ނުވަތަ ތިން އަހަރު ދުވަހު ތެރޭ 3.75 މިލިއަން ޑޮލަރު އިންވެސްޓް ކުރަން ޖެހޭނެ އެވެ. އަދި ކޮންމެ މާލީ އަހަރެއްގައި މަދުވެގެން އިންޑިއާގެ 20 މީހުންނަށް ވަޒީފާ ހޯދައިދޭން ޖެހޭނެ އެވެ. ބަދަލެއްގެ ގޮތުން އިންވެސްޓަރުގެ އަންހެނުންނާއި ދަރިންނަށް 10 އަހަރުގެ ވިސާ ލިބޭނެ އެވެ. އަދި ގެއެއް ގަތުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. ނަމަވެސް މި ސްކީމްގެ ފުރުސަތު ޕާކިސްތާނާއި ޗައިނާ މީހުންނަކަށް ނުލިބެ އެވެ.
މިހާރު އޮންނަ ގޮތުން ބޭރުގެ އިންވެސްޓަރުން ވެސް ކޮންމެ އަހަރަކު ރަޖިސްޓްރީ ކުރަން ޖެހެ އެވެ. މިކަމުގެ ސަބަބުން ކަރުދާހުގެ މަސައްކަތްތައް ބޮޑުވުމުގެ އިތުރުން ސްޕޮންސަރަކު ވެސް ހޯދަން ޖެހެ އެވެ. ވިޔަފާރި ކުރަން ފަސޭހަ ގައުމުތަކުގެ ވޯލްޑް ބޭންކުގެ ލިސްޓުގައި އިންޑިއާ އޮތީ 130 ވަނައިގަ އެވެ.
އިންޑިއާ އަކީ މިހާރު އެންމެ ހަލުވި ކަމާ އެކު އިގްތިސާދު ކުރިއަރަމުން އަންނަ އެއް ގައުމެވެ. އިންޑިއާގެ ޒުވާން އާބާދީ އިތުރުވަމުންދާ ރޭޓަށް ބަލާއިރު އަހަރަކު މަދުވެގެން 10 މިލިއަން ވަޒީފާ އުފައްދަން ޖެހެ އެވެ. އެހެން ނޫނީ ވަޒީފާ ނެތް މީހުންގެ މައްސަލަ ކުރިމަތިވާނެ ކަމަށް ތަޖްރިބާކާރުން ލަފާކޮށްފައިވެ އެވެ.
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މި އަހަރު ކުރީކޮޅު ވަނީ ބޭރުގެ އިންވެސްޓަރުން ޝައުގުވެރި ކުރުވުމަށް ބޭރުގެ އިންވެސްޓަރުންނާ ބެހޭ އުސޫލު ބަދަލު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެއާލައިން އާއި ދިފާއީ އިންޑަސްޓްރީގެ ދާއިރާ އިން މިހާރު ބޭރު މީހުންނަށް 100 ޕަސެންޓް އިންވެސްޓް ކުރެވެ އެވެ.