އޮވެން ވިލްސަނަށް ޖެނިފާ ލޮޕޭޒް "މެރީ މީ"
އޮވެން ވިލްސަނަށް ޖެނިފާ ލޮޕޭޒް "މެރީ މީ"

ޖެނިފާ ލޮޕޭޒް (ޖޭލޯ) އާއި އޮވެން ވިލްސަން "މެރީ މީ" ކިޔާ ރޮމޭންޓިކް ކޮމެޑީއަކަށް ސޮއިކޮށްފި އެވެ.

އޮވެން ވިލްސަނަށް ޖެނިފާ ލޮޕޭޒް "މެރީ މީ"
އޮވެން ވިލްސަނަށް ޖެނިފާ ލޮޕޭޒް "މެރީ މީ"

ވެރައިޓީން ބުނީ މި ފިލްމަކީ "އެލޯން ޓްގެދާ" އާއި "ދަ މިކް" އަދި "ގާލްފްރެންޑްސް ގައިޑް ޓް ޑިވޯސް" ފަދަ ސިލްސިލާތައް ގެނެސްދިން ކެޓް ކޮއިރޯ ޑައިރެކްޓްކުރާ ފިލްމެއް ކަމަށާއި ފިލްމުގެ ސްކްރީންޕްލޭއާ ހަވާލުވެފައި ވަނީ ހާޕާ ޑިލް ކަމަށެވެ.

"މެރީ މީ" އަކީ ބޮބީ ކްރޮޒްބީ ނެރެފައިވާ ގްރެފިކް ނަވަލް އަށް ބިނާކޮށް ހަދާ ފިލްމެކެވެ. މީގައި ކިޔައި ދެނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެ ޕޮޕް ސްޓާރުން ކައިވެނި ކުރަން ތައްޔާރުވަމުން ދަނިކޮށް، ފިރިހެން މީހާ އަންހެން މީހާ އަށް ބޭވަފާތެރިވިކަން ފަޅާއެރުމުން އަންހެން މީހާ މުޅިން އެހެން މީހަކާ އިންނަން އެހުމުން ދިމާވާ ހާދިސާތަކެކެވެ.

ޖޭލޯ އާއި ވިލްސަން ވަނީ މީގެ ކުރިން ވެސް އެކީގައި ފިލްމެއްގެ މަސައްކަތްކޮށްފަ އެވެ. އެއީ 1997 ގެ "އެނަކޮންޑާ" ގަ އެވެ.

އެސްޓީއެކްސް ފިލްމްސް އިން ހަދާ "މެރީ މީ" ގެ މަސައްކަތް ފަށާނެ އިރަކާއި ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ދާދި ފަހުން ލޯބިވެރިޔާ އެލެކްސް ރޮޑްރިގޭޒާ އެންގޭޖްވި މަޝްހޫރު ލަވަކިޔުންތެރިޔާ ޖޭލޯ އެންމެ ފަހުން ސްކްރީނުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒް ކުރި "ސެކަންޑް އެކްޓް" އިންނެވެ. އޭނާ ދެން އެންމެ އަވަހަށް ފެންނާނީ ސެޕްޓެމްބަރުގައި ރިލީޒް ކުރާ "ހަސްލާޒް" އިންނެވެ.

ދެހާސް ސަތާރައިގައި ރިލީޒް ކުރި "ފާދާ ފިގާޒް" އަށް ފަހު ވިލްސަންގެ ކުރިއަށް އޮތް ފިލްމަކީ އަދި ރިލީޒް ކުރާނެ ތާރީހެއް އިއުލާން ނުކުރާ "ދަ ފްރެންޗް ޑިސްޕެޗް" އެވެ.