23 އެޕްރީލް 2019 - 11:36

ކޮލަމްބޯ (އެޕްރީލް 23) - ސްރީ ލަންކާގެ ފައްޅިތަކާއި މަޝްހޫރު ހޮޓާތަކުގައި އާދިއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 310 އަށް އަރައިފި އެވެ.
ފުލުހުންގެ ތަރުޖަމާން ރުވާން ގުނަސެކަރަ ވިދާޅުވީ ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު 500 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށެވެ.
ލަންކާގައި ރޭ 12 އިން ފެށިގެން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވީ ބޮމުގެ ހަމަލާތަކަށް ފަހު ސިފައިންނާއި ފުލުހުންނަށް އިތުރު ބާރުތައް ދީފައިވާ ކަމަށެވެ. ތަންތަން ބަލާ ފާސްކުރުމާއި މީހުން ހައްޔަރު ކުރުމުގެ ބާރުތައް ސަލާމަތީ ބާރުތަކަށް ވަނީ ދީފަ އެވެ.
ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ނިންމުމާ އެއްގޮތަށް ލަންކާގައި މިއަދު އަކީ ގައުމީ ހިތާމައިގެ ދުވަހެއްގެ ގޮތުގައި ވަނީ ހަމަޖައްސައިފަ އެވެ.
ހަމަލާތަކުގައި 31 ގައުމުގެ މީހުން މަރުވެފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. މަރުވި މީހުންގެ ތެރޭގައި އިންޑިއާ އާއި އިނގިރޭސި ވިލާތުން ކޮންމެ ގައުމަކުން އަށް މީހުން، އެމެރިކާގެ ހަތަރު މީހުން، ސައުދީ އަަރަބިއާ އާއި ސްޕޭން އަދި ޗައިނާ ކޮންމެ ގައުމަކުން ދެ މީހުން ހިމެނެ އެވެ.