ޓްރެފިކް މައްސަލައެއްގައި މެމްބަރު އަމީތު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު ދޫކޮށްލައިފި
ޓްރެފިކް މައްސަލައެއްގައި މެމްބަރު އަމީތު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު ދޫކޮށްލައިފި

ޓްރެފިކް މައްސަލައެއްގައި މަޑުއްވަރީ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު އަމީތު ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު ގެންދިއުމަށް ފަހު ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އަމީތު ފުލުހުންގެ އިދާރާ އަށް ހާޒިރުކުރީ މެންދުރު 12:30 ހާއިރު ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

"ޓްރެފިކް މައްސަލައެއްގައި ގެނައީ، އިތުރު ތަފްސީލެއް ނެތް ދެވޭކަށް،" މީޑީއާ އޮފިޝަލް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ޓްރެފިކް ފުލުހުންގެ ދެ މީހަކު، އަމީތު ހިފެހެއްޓީ ހެންވޭރު ސަހަރާ ކައިރިންނެވެ. ސައިކަލްގައި ދިޔައިރު އަމީތު ފޯނުން ވާހަކަ ދައްކާތީ އެކަން ނުކުރަން ނަސޭހަތްތެރިވި އެވެ.

ތަކުރާރުކޮށް އަމީތަށް އެގޮތަށް އަމަލު ނުކުރަން ނަސޭހަތްތެރިވުމަށްފަހު ފުލުހުން ވަނީ އަމީތުގެ ލައިސަންސް ހިފަހައްޓަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް ލައިސަންސް ދިނުމަށް އިންކާރު ކުރުމުން ފުލުހުންގެ ވެހިކަލަކަށް އަރުވައިގެން އަމީތު ގެންދިޔަ މަންޒަރު އެ ސަރަހައްދުގައި ތިބި މީހުންނަށް ވަނީ ފެނިފަ އެވެ.