23 އެޕްރީލް 2019 - 10:19

މެޑްރިޑް (އޭޕްރިލް 23) – ގަރެތު ބޭލް ވިއްކާލެވޭ ގޮތް ނުވެއްޖެ ނަމަ ލޯން އޫސޫލުން ނަމަވެސް އޭނާ ދޫކޮށްލަން ރެއާލް މެޑްރިޑް އޮތީ ތައްޔާރަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ރެއާލް މެޑްރިޑުން 2013 ވަނަ އަހަރު 91 މިލިއަން ޔޫރޯ އަށް ގަތް ކުޅުންތެރިޔާގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ނުހިފެ އެވެ. އޭނާ އެ ޓީމަށް 229 މެޗުން 102 ގޯލް ޖަހައިދީ އެ ޓީމާ އެކު ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ކާމިޔާބުކޮށްފައިވީ ނަމަވެސް ދާއިމީ ޖާގައެއް ޓީމުގައި ނޯވެ އެވެ. އަނިޔާގެ މައްސަލަތައް އެހާމެ ބޮޑެވެ. މިދިޔަ ސީޒަނުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ނެތުމުން ބައެއް މުހިއްމު މެޗުތަކުގައި ތަފާތު ދެއްކި ނަމަވެސް، ޒައިނުއްދީން ޒިދާންގެ ޕްލޭނުގައި އޭނާ ނުހިމެނޭ ކަމަށްވެ އެވެ.
މީގެ އިތުރުން ޓީމުގެ ބައެއް ހަރަކާތްތަކުގައި ބައިވެރިނުވާތީ ބައެއް ކުޅުންތެރިން ވެސް ހިތްހަމަނުޖެހޭ ކަމަށްވެ އެވެ. މި އަހަރުގެ ޖެނުއަރީ މަހު ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށް މެޑްރިޑް ކުޅުނު މެޗެއްގައި، ކުޅިބަލަން ހުރެ މެޗު ނުނިމެނީސް ދަނޑުން ނުކުތް މައްސަލައިގައި ޖޫރިމަނާކޮށްފައިވެ އެވެ.
ރެއާލް މެޑްރިޑުގެ ފުރަތަމަ ވިސްނުމަކީ އޭނާ ވިއްކާލުމެވެ. އޭރުން ޓްރާންސްފާ ފީ އެއް ވެސް ލިބޭނެ އެވެ. އެކަމަކު އެކަށީގެންވާ އަގަކަށް ގަންނާނެ ކްލަބެއް ނެތިއްޔާ ލޯން އުސޫލުން ވެސް ދޫކުރަން ތިބީ ތައްޔާރަށެވެ. އެއީ އޭރުން ވެސް އޭނާގެ މުސާރައިގެ ގޮތުގައި އަހަރަކު ދޭ 17 މިލިއަން ޔޫރޯ ސަލާމަތްކުރެވޭނެތީ އެވެ.
ނާކާމިޔާބު ސީޒަނަކަށް ފަހު މެޑްރިޑުން އަލުން ބިނާކުރަން ކުރާ މަސައްކަތަށް 500 މިލިއަން ޔޫރޯ ހޭދަކުރަން ނިންމާފައިވާއިރު އޭގެ ތެރެއިން 200 މިލިއަން ޔޫރޯ އަކީ މިހާރު ތިބި ކުޅުންތެރިން ވިއްކައިގެން ހޯދާ އާމްދަނީ އެވެ.
ދާދި ފަހުން އޭނާގެ އޭޖެންޓް ބުނީ އޭނާ މެޑްރިޑުގައި ހުރީ އުފަލުން ކަމަށާއި ކްލަބް ދޫކޮށްލުމުގެ ވިސްނުމެއް ނެތް ކަމަށެވެ. ބޭލް އަށް ޝައުގުވެރިވާ ކްލަބްތަކުގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑާއި އިންޓަ މިލާން ހިމެނެ އެވެ.