23 އެޕްރީލް 2019 - 11:40

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް" އަށް ދެވަނަ ކުއާޓަރުގައި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލުން ފެށި މި ޕްރޮގްރާމުގެ ދަށުން ޕްރޮޕޯސަލް އަންނަ މެއި 16 ވަނަ ދުވަހުގެ މެންދުރު 12:00 އިން ކުރިން ހުށަހަޅަން ޖެހޭނެ ކަމަށް ބޭންކުން ބުނެ އެވެ.
މި ޕްރޮޕޯސަލްތައް އަމާޒު ކުރަންވާނީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަން ހިންގުމަށެވެ.
މި އަހަރުގެ ކޮންމެ ކުއާޓަރެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލެއްގައި ހިމެނޭ ހަރަކާތް ހިންގަން 50,000 ރުފިޔާ ދޭން ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ވަނީ ނިންމައިފަ އެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެހީ ދިން ފަސް ފަރާތާ ފައިސާ ހަވާލުކުރީ މި މަހު އެވެ.
ބީއެމްއެލްގެ ފައިދާއިން މުޖުތަމައަށް އެހީތެރިވުމުގެ ގޮތުން މިދިޔަ އަހަރު 300 މިލިއަން ރުފިޔާ ހޭދަކުރި އެވެ. އެގޮތުން މުޅި ރާއްޖޭގައި 110 ޕްރޮޖެކްޓް ހިންގި އެވެ.