24 އެޕްރީލް 2019 - 07:37

މިދިޔަ މަހުގެ ފަހުކޮޅު ޝޫޓިން ފެށި ދީޕިކާ ޕަދްކޯންގެ އާ ފިލްމު "ޗަޕާކް" ގެ ފުރަތަމަ ޝޫޓިން ޝެޑިއުލް އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ނިންމާލައިފި އެވެ.
ޑައިރެކްޓަރު މެގްނާ ގުލްޒާރު ފިލްމުގެ ޓީމާ އެކު ނަގާފައިވާ ފޮޓޯތަކެއް ޓްވިޓާގައި ހިއްސާކުރަމުން ބުނީ ފިލްމުގެ ދެބައިކުޅަ އެއްބައި ނިންމައިލެވުނީ ކަމަށެވެ. "ޗަޕާކް" އަކީ އެސިޑް ހަމަލާއެއްގެ ޝިކާރަކައަކަށްވި ލަކްޝްމީ އަގަރްވާލްގެ ރޯލުން ދީޕިކާ ފެނިގެން ދާނެ ބައޮގްރަފިކަލް ޑްރާމާއެކެވެ. ފިލްމުގެ ބަތަލަކީ ވިކްރަންތު މަސޭ އެވެ.
"ޗަޕާކް" ފުރަތަމަ ޝޫޓިން ޝެޑިއުލް ދިއްލީގައި ނިންމައިލި އިރު، ފިލްމުގެ ސެޓުން ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ.
މިދިޔަ އަހަރު ރިލީޒްކުރި "ޕަދުމާވަތު" އަށް ފަހު ދީޕިކާ ކުޅޭ ފުރަތަމަ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ޖެނުއަރީ، 10، 2020 ގަ އެވެ.
"ޗަޕާކް" އަކީ މިދިޔަ އަހަރުގެ ކާމިޔާބު ފިލްމު "ރާޒީ" އަށް ފަހު މެގްނާ ގެނެސްދޭ ފުރަތަމަ ފިލްމެވެ.
އާމިރު ހާންގެ ކުރިއަށް އޮތް ފިލްމު "ލާލު ސިންގް ޗައްޑާ" ގެ ރޯލަށް ޝަރުމަން ޖޯޝީ ސޮއިކޮށްފި އެވެ.
އެ ދެ މީހުން ކުރިން ވަނީ "3 އިޑިއަޓްސް" ގައި އެކީގައި މަސައްކަތްކޮށްފަ އެވެ. މި ފަހުން މާ ރަނގަޅު ފިލްމުތަކަކުން ފުރުސަތު ނުލިބޭ ޝަރުމަން އާމިރުގެ ފިލްމަށް ސޮއިކުރި ކަމަށް މީޑިއާތަކުން ބުނި ނަމަވެސް އެކަން އަދި ރަސްމީކޮށް ކަށަވަރެއް ނުވެ އެވެ.
ޝަރުމަން ދެން އެންމެ އަވަހަށް ފެންނާނީ އެކްތާ ކަޕޫރްގެ ޑިޖިޓަލް ޕްލެޓްފޯމް އޯލްޓް ބަލާޖީން ގެނެސްދޭ ވެބް ސީރީޒް "ބާރިޝް" އިންނެވެ.
އަންނަ އަހަރު ރިލީޒް ކުރާ "ލާލު ސިންގް ޗައްޑާ" އަކީ ހޮލީވުޑްގެ ފިލްމު "ފޮރެސްޓް ގަމްޕް" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ. މީތި ޑައިރެކްޓް ކުރާނީ އާމިރުގެ "ސީކްރެޓް ސްޕަސްޓާ" ގެ ޑައިރެކްޓަރު އަދުވައިތު ޗަންދަނެވެ.
އިންޑިއާގެ ލޯކް ސަބާ އަށް މެމްބަރުން ހޮވަން މިހާރު ކުރިއަށްދާ އާންމު އިންތިހާބުގައި އަކްޝޭ ކުމާރު ވާދަ ކުރަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ.
އަކްޝޭ އިންތިހާބުގައި ވާދަ ކުރަން އުޅޭ ވާހަކަ މީޑިއާތަކުގައި ފެތުރެން ފެށީ އޭނާ ކުރި ޓްވީޓަކާ ގުޅިގެންނެވެ. އެ ޓްވީޓްގައި އަކްޝޭ ބުނީ މުޅިން ތަފާތު ކަމެއްގެ ތެރެއަށް ވަންނަން ނިންމާފައިވާ ކަމަށާއި އެކަމާ ހުރެ ތަފާތު އިހުސާސްތަކެއް ކުރެވޭ ކަމަށެވެ. މި ވާހަކަ މީޑިތަކުން މާނަ ކުރީ އޭނާ ސިޔާސީ ދާއިރާ އަށް ނުކުންނަން އުޅޭ ކަމަށް ބުނެ އެވެ.
ނަމަވެސް ފަހުން ކުރި ޓްވީޓެއްގައި އަކްޝޭ ބުނީ އިންތިހާބުގައި ވާދަ ނުކުރާ ކަމަށެވެ.
މިދިޔަ އަހަރު ރިލީޒް ކުރި އަޔޫޝްމަން ކުރާނާގެ ސަސްޕެންސް ތުރިލާ "އަންދާދުން" އަށް އާންމުންގެ ބޮޑު ތަރުހީބެއް ހޯދާފައި ވަނިކޮށް، ޗައިނާގައި ވެސް ފިލްމު ދައްކައިގެން ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ.
"ޕިއާނޯ ޕްލެޔާ" ގެ ނަމުގައި ފިލްމު ޗައިނާގައި ރިލީޒްކޮށްގެން، ބޮކްސް އޮފީހުގައި 303.36 ކްރޯޑް ރުޕީސް (43.15 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ވަނީ ހޯދައިފަ އެވެ. އަދި މި ފިލްމު ހިމެނެނީ ހިންދީ ފިލްމުތަކުގެ ތެރެއިން ޗައިނާގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފަސް ފިލްމުގެ ތެރޭގަ އެވެ.
އެ ލިސްޓްގެ ތިން ވަނަ އިން "އަންދާދުން" ޖާގަ ހޯދި އިރު، އެކަކާއި ދޭއްގައި އޮތީ އާމިރު ހާނުގެ "ޑަންގަލް އާއި "ސީކްރެޓް ސްޕަސްޓާ" އެވެ. ހަތަރެއްގައި ސަލްމާން ހާންގެ "ބަޖިރަންގީ ބައިޖާން" އޮތް އިރު، ފަހެއްގައި އޮތީ އިރުފާން ހާންގެ "ހިންދީ މީޑިއަމް" އެވެ.
ސްރީރާމް ރަގްވަން ޑައިރެކްޓް ކުރި "އަންދާދުން" ގެ ތަރިންނަކީ އަޔޫޝްމަން އާއި ތައްބޫގެ އިތުރުން ރާދިކާ އަޕްޓޭ އެވެ.
ސޮނީ ޓީވީން މިހާރު ގެނެސްދޭ ކުޑަކުދިންގެ ޑާންސް ޝޯ "ސުޕަ ޑާންސާ" ގެ ތިން ވަނަ ޗެޕްޓަރުގެ ޖަޖުންގެ ތެރޭގައި ހިމެނޭ ޑައިރެކްޓަރު އަނޫރާގް ބާސޫ މިހާރު ހަދަމުން އަންނަ ފިލްމުގެ މަސައްކަތުގައި ބިޒީވެގެން، އޭނާގެ ބަދަލުގައި ޝޯގެ ޖަޖުންގެ ޕެނެލާ ބަތަލާ ރަވީނާ ޓަންޑަން ގުޅިއްޖެ އެވެ.
އަންނަ ހަފުތާގައި ދައްކާ އެޕިސޯޑްތަކުން ރަވީނާ ފެނިގެންދާ އިރު، އޭނާ ވަނީ ޝޯގެ ޖަޖުންގެ ތެރޭގައި ހިމެނޭ ޝިލްޕާ ޝެޓީއާ އެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށް ޝޯ އިން ފެންނާނެކަން ކަށަވަރު ވެސް ކޮށް ދީފަ އެވެ.
އެ ޝޯގެ ތިން ޖަޖުންގެ ތެރޭގައި ދެން ހިމެނެނީ ކޮރިއޮގްރާފަރު ގީތާ ކަޕޫރެވެ.
ސެޕްޓެމްބަރު 6 ގައި ރިލީޒް ކުރާ އެންތޮލޮޖީ ފިލްމުގެ މަސައްކަތުގައި ބިޒީވެގެން ދާދި ފަހުން ވެސް އަނޫރާގް ވަނީ "ސުޕަ ޑާންސާ 3" އިން ބްރޭކަށް ނަގައިފަ އެވެ. އެ ފަހަރު އޭނާގެ ގޮނޑި ފުރައި ދިނީ ކޮރިއޮގްރާފަރު މަރްޒީ ޕެސްޓޮންޖީ އެވެ.
"ސުޕަ ޑާންސާ 3" އަކީ ކޮންމެ ހަފުތާއެއްގެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭ ސޮނީން ދައްކާ ޝޯއެކެވެ.