23 އެޕްރީލް 2019 - 09:14

މެންޗެސްޓާ (އޭޕްރީލް 23) - މެންޗެސްޓާ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާގެ އާ އެއްބަސްވުމުގެ މައްސަލައިގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަަކަށް ހައްލެއް ހޯދަން އެ ކްލަބްގެ މެނޭޖްމަންޓުން ކޯޗު އޮލެ ގުނަ ސޯލްޝެއާގެ ލަފާހޯދަން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ދާދި ފަހުން ރެއާލުގެ ކޯޗުކަމާ ހަވާލުވުމަށް ފަހު ޒިދާން ވަނީ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ކުޅުންތެރިންތަކެއް ގެންނާނެ ކަމަށް ބުނެފަ އެވެ. އެ ގޮތުން ރެއާލުން ބޭނުންވާ ކުޅުންތެރިންގެ ތެރޭގައި ސްޕެއިން ގައުމީ ޓީމުގެ އެއް ވަނަ ކީޕަރު ޑެހެއާ ހިމެނެ އެވެ.
ޑެހެއާ ޔުނައިޓެޑާ އެކު ހަދާފައިވާ ކޮންޓްރެކްޓް އަންނަ ސީޒަނަށް ފަހު ހަމަވާނެތީ ކޮންޓްރެކްޓް އާނުކޮށްފި ނަމަ އޭނާ ވިއްކާލަން އެ ކްލަބަށް މަޖުބޫރުވާނެ އެވެ. ޔުނައިޓެޑުން އަންނަނީ ޑެހެއާގެ އެއްބަސްވުން އާ ކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިހާތަަނަށް އެއްބަސްނުވެވި އޮތީ މުސާރައަކާ މެދު އެވެ. ޔުނައިޓެޑުން ހުށަހަޅަނީ ބޯނަސްތަކާ އެކު ހަފްތާ އަކު 350،000 ޕައުންޑް އެވެ. އެކަމަކު ޑެހެއާ ބޭނުންވަނީ ޔުނައިޓެޑުން އަލެކްސިސް ސަންޗޭޒަށް ދެމުން އަންނަ ވަރުގެ މުސާރައެކެވެ. އެއީ ބޯނަސްތަކާ އެކު ހަފްތާ އަކު 500،000 ޕައުންޑެވެ.
ރިޕޯޓްތައް ބުނާގޮތުން މި ހަފްތާގައި ޔުނައިޓެޑްގެ ބޯޑުން ސޯލްޝެއާއާ ބައްދަލުކުރާއިރު އޭނާގެ ވިސްނުން ހުރީ ކުޅުންތެރިން ވިއްކާލުމަށް ފަހު ލިބޭ ބަޖެޓެއްގެ ތެރެއިން ޓީމު އަލުން އެކުލަވާލާއިރު، ޑެހެއާ އަށް މުހިއްމު ރޯލެއް ދިނުމެވެ. އަދި ޑެހެއާ މިހާރު ޑިމާންޑްކުރާ މުސާރައިގެ އިތުރުން އަންނަ ސީޒަނުގައި ޓީމުގެ ކެޕްޓަންކަން ޑެހެއާ އަށް ދިނުމަށް ސޯލްޝެއާ ވަނީ އެ ކްލަބްގެ މެނޭޖްމަންޓާ މަޝްވަރާކުރަން ނިންމައިފަ އެވެ.
އިނގިރޭސި މީޑިއާތަކުން ފުޓްބޯޅަ އެނަލިސްޓުންނާ ހަވާލާދީ ރިޕޯޓްކުރާ ގޮތުގައި ފަހަކަށް އައިސް ޑެހެއާގެ ކުޅުން ދަށްވުމުގެ ފަހަތުގައި އޮތް އެންމެ ބޮޑު އެއް ސަބަބަކީ އޭނާގެ އެއްބަސްވުމާ ގުޅޭގޮތުން ނުނިމި ހުރި ކަންތައްތައް ކަމަށެވެ.
އާދިއްތަ ދުވަހު ރަށުންބޭރުގައި އެވަޓަން އަތުން 4-0 އިން ޔުނައިޓެޑް ބަލިވިއިރު، މިއީ އެ ކްލަބްގެ ތާރީހުގައި ޖެހިޖެހިގެން ރަށުން ބޭރުގައި ކުޅުނު ފަސް މެޗުން ބަލިވި ފުރަތަމަ ފަަަހަރެވެ. ދާއިމީ އެއްބަސްވުމެއް ސޯލްޝެއާ އަށް ދިން ފަހުން އެ ޓީމު އެންމެ ފަހުން ކުޅުނު މެޗުތަކުގައި އެންމެ ރަނގަޅު ނަތީޖާތަކެއް ނުނެރެވެ އެވެ. ސޯލްޝެއާ ބުނީ ޔުނައިޓެޑްގައި އޭނާ ކާމިޔާބީތަކެއް ހާސިލްކުރާނެ ކަމަށާއި މިހާރު ޓީމުގައި ތިބި ބައެއް ކުޅުންތެރިން އޭގައި ބައިވެރިނުވާނެ ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުން ސޯލްޝެއާ ވިއްކާލަން ނިންމާފައިވާ ކުޅުންތެރިންގެ އަދަދު ހަޔަކަށް އަރާނެ އެވެ. އޭގެ ތެރޭގައި އަލެކްސިސް ސަންޗޭޒާއި ނިމެންޏާ މަޓިޗް ހިމެނޭ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރެ އެވެ.