އެމްޑީޕީގެ ރައްދު އިލެކްޝަންސްއަށް: ޒިންމާ އަދާ ނުކޮށް ފާޑު ނުކިޔާ!
އެމްޑީޕީގެ ރައްދު އިލެކްޝަންސްއަށް: ޒިންމާ އަދާ ނުކޮށް ފާޑު ނުކިޔާ!

ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދޭން ޖެހޭ މިންވަރު އިތުރުވާ މައްސަލާގައި އިލެކްޝަންސް ކޮމިޝަނުން ދެއްކި ވާހަކަތަކަށް އިދިކޮޅު އެމްޑީޕީން މިއަދު ރައްދު ދީފި އެވެ.

ޕާޓީތަކަށް ދޭން ޖެހޭ ފައިސާ އިތުރުވާތީ އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފައިވަނީ އެ ފައިސާ ބޭނުންކުރާ ގޮތް މޮނީޓާ ނުކުރެވޭއިރު ދޫކުރަން ޖެހޭ ފައިސާގެ އަދަދު ކޮންމެ އަހަރަކު އިތުރުވަމުން ދާ ކަމަށެވެ. އެހެންވެ ފައިސާ ދޫކުރަން ޖެހޭ މިންވަރު ވަކި އަދަދެއްގައި ހިފަހައްޓަން ބަންޑާރަ ނައިބާ އެކު މަޝްވަރާކޮށްފައިވާ ކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ ޕާޓީތަކަށް ދޫކުރާ ފައިސާ ބޭނުންކުރާ ގޮތް ކޮންމެ އަހަރެއް ނިމުމުން އިލެކްޝަންސް ކޮމިޝަނަށް ޕާޓީތަކުން އަންގަމުންދާ ކަމަށާއި ކުރި ހުރިހާ ހަރަދަކާއި ހިންގި ހަރަކާތްތައް އެ ކޮމިޝަނަށް އެނގޭނެ ކަމަށެވެ. އަދި އެކަމާ މެދު ޝައްކުކުރެވޭ ނަމަ އެކަން ބެލުމުގެ ބާރު ކޮމިޝަނަށް އޮންނަ ނަމަވެސް ކޮމިޝަނުން އެކަން ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕާޓީތަކުގެ ގާނޫނުގައި ސާފުކޮށް އޮންނާނެ ބުނެފައި ޕާޓީތަކުގެ މާލީ ހިސާބުތައް ކޮންމެ ވަގުތަކު ވެސް ކޮމިޝަނަށް ބެލޭނެ ކަމަށް. އެކަމަކު އެކަމެއް ކޮމިޝަނަކުން ނުކުރޭ. އެ ޒިންމާ ކޮމިޝަނުން އަދާ ނުކޮށް އަދި ގާނޫނުގައި އޮތް އެއްޗެއް ވެސް ނޭނގި ތިބެ ޕާޓީތަކަށް ފާޑު މި ކިޔަނީ،" އަނަސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ޕާޓީގެެ ހުރިހާ ހަރަކާތްތަކެއްގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަނާ ވަނީ ހިއްސާކޮށްފަ އެވެ. އަދި ޕާޓީތައް އޮޑިޓް ކުރަން ޖެހޭނީ އޮޑިޓް އޮފީހުން ގަބޫލުކުރާ އޮޑިޓް ފާމަކުން ކަމަށް ގާނޫނުގައި ބުނާއިރު އެމްޑީޕީ އޮޑިޓް ކުރަނީ އެފަދަ ފާމަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕާޓީތަކަށް ދޫކުރަން ޖެހޭ ފައިސާގެ މިންވަރު ކަނޑައަޅަން ކޮމިޝަނުން މަޝްވަރާކުރާތީ އެކަމަށް ވެސް އަނަސް ވަނީ ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ފިންގަޕްރިންޓް މައްސަލާގައި ބަންޑާރަ ނައިބުގެ ލަފައަށް ކޮމިޝަނުން އަމަލު ނުކޮށް މިހާރު ބަންޑާރަ ނައިބުގެ ލަފައަށް އެދުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭރު ކޮމިޝަނުން ބުނީ ތިމަންނަމެންނަކީ މިނިވަން މުއައްސަސާއެކޭ. ބަންޑާރަ ނައިބުގެ ލަފައަށް އަމަލުކުރާކަށް ނުޖެހޭނެއޭ. ދެން މިހާރު ފައިސާގެ މިންވަރެއް ކަނޑައަޅަން ބަންޑާރަ ނައިބުގެ ލަފައަށް އެދުނީމަ އެއީ ހަމަޖެހޭ ކަމެއް ނޫން،" އަނަސް ވިދާޅުވި އެވެ.

ފިންގަޕްރިންޓް ނެތް މެމްބަރުން ޕާޓީތަކުން އުނިކުރުމުގެ މައްސަލާގައި ކޯޓުން އަމުރުކޮށްފައި އޮތުމުން ކަމަށް ބުނެ ޕާޓީތަކަށް ފައިސާ ދޫނުކޮށް ހިފަހައްޓާފައިވާތީ އަނަސް ވިދާޅުވީ ކޯޓުން އެގޮތަށް އަމުރު ނުކުރާ ކަމަށާއި އެއީ ކޮމިޝަނުން އެ އަމުރު މާނަކޮށްގެން އުޅޭ ގޮތް ކަމަށެވެ.

"ކޯޓުގެ އަމުރުގައި އޮންނާނީ މައްސަލަ ނިމެންދެން މެމްބަރުން އުނިނުކުރުން މަޑުޖައްސާލާށޭ. ޕާޓީތަކަށް ދޭން ޖެހޭ އެއްވެސް ފައިސާއެއް ދޫނުކުރާށޭ ނުވަތަ ހިފަހައްޓާށެކޭ ނޯންނާނެ އެ އަމުރުގައެއް،" އަނަސް ވިދާޅުވި އެވެ.

މި އަހަރު އެމްޑީޕީގައި ތިބި މެމްބަރުންގެ އަދަދަށް ބަލާއިރު އެ ޕާޓީއަށް 14 މިލިއަން ރުފިޔާ ދައުލަތުން ދޭން ޖެހޭނެ ކަމަށް ލަފާކުރެވެ އެވެ. ނަމަވެސް ކޯޓުގައި މައްސަލަ އޮތުމުން ކަމަށް ބުނެ ކޮމިޝަނުން އެއްވެސް ޕާޓީއަކަށް މި އަހަރުގެ މިހާތަނަކަށް ފައިސާ ދުލެއް ނުކުރެ އެވެ.