ޗެލްސީ ފުރުސަތު ނަގާލިއިރު، ސާރީ ބެންޗުން ފޮނުވާލައިފި
ޗެލްސީ ފުރުސަތު ނަގާލިއިރު، ސާރީ ބެންޗުން ފޮނުވާލައިފި

ލަންޑަން (އޭޕްރީލް 23) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ބާންލީއާ 2-2 އިން އެއްވަރުވެ ގަދަ ހަތަރެއްގެ ތެރޭގައި ލީޑެއް ނެގުމުގެ ފުރުސަތު ޗެލްސީން ނަގާލިއިރު، އެ ޓީމުގެ ކޯޗު މައުރީޒިއޯ ސާރީ ބެންޗުން ފޮނުވާލައިފި އެވެ.

ޗެލްސީ ފުރުސަތު ނަގާލިއިރު، ސާރީ ބެންޗުން ފޮނުވާލައިފި
ޗެލްސީ ފުރުސަތު ނަގާލިއިރު، ސާރީ ބެންޗުން ފޮނުވާލައިފި

ގަދަ ހަތަރެއްގެ ރޭހުގައި އޮތް ޓޮޓެންހަމާއި އާސެނަލް އަދި މެންޗެސްޓާ ޔުނައިޓެޑް ބަލިވުމުން ރޭގެ މެޗަށް ޗެލްސީން ނުކުތީ އޭގެ ފައިދާ ނަގައި ލީގުގެ ތިން ވަނަ އަށް ޖެހިލުމުގެ އަމާޒުގަ އެވެ. އެކަމަކު ރޭގެ މެޗުން އެ ޓީމު އެއްވަރުވެ، ފުރުސަތު ނަގާލިއިރު އެ ޓީމު ވަނީ ހަތަރު ވަނަ އަށް ޖެހިލައިފަ އެވެ.

ތިން ވަނައިގައި އޮތް ޓޮޓެންހަމަށް 34 މެޗުން 67 ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަނައިގައި އޮތް ޗެލްސީ އަށް 67 ޕޮއިންޓް ހަމަކުރެވުނީ 35 މެޗުންނެވެ. ފަސް ވަނައިގައި އޮތް އާސެނަލަށް 34 މެޗުން 66 ޕޮއިންޓް ލިބިފައިވާއިރު، ހަ ވަނައިގައި އޮތް ޔުނައިޓެޑަށް 34 މެޗުން ލިބިފައިވަނީ 64 ޕޮއިންޓެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި ރޭ ކުޅުނު މެޗު ފަށައިގެން އަށް ވަނަ މިނިޓްގައި ބާންލީ އަށް ލީޑުނަގައިދިނީ ޖެޑް ހެންޑްރިކް އެވެ. މެޗުގެ 12 ވަނަ މިނިޓްގައި އެންގޯލޯ ކާންޓޭގެ ގޯލުން ޗެލްސީން ނަތީޖާ ހަމަހަމަކުރިތާ ދެ މިނިޓް ފަހުން ގޮންޒާލޯ ހިގުއައިން ވަނީ އެ ޓީމަށް ލީޑުނަަގައިދީފަ އެވެ. ޗެލްސީ އަށް ލީޑު ހިފަހައްޓާލެވުނީ 10 މިނިޓް ވަންދެނެވެ. މެޗުގެ 24 ވަނަ މިނިޓްގައި އެޝްލީ ބާންސް ވަނީ ބާންލީ އަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

ދެ ވަނަ ހާފްގައި ޗެލްސީން އިތުރު ލަނޑެއް ޖަހަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކާމިޔާބުވާގޮތެއްނުވި އެވެ. ހިގުއައިންގެ ބަދަލުގައި ޔޫރޮޕާ ލީގުގައި މޮޅު ކުޅުމެއް ދެއްކި އޮލިވިއޭ ޖިރޫޑް އެރުވިއިރު، ހިގުއައިން ވަނީ އޭނާ ބަދަލުކުރުމުން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެެވެ.

މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ޗެލްސީގެ ކޯޗު ސާރީ ބެންޗުން ފޮނުވާލީ ބާންލީ ކުޅުންތެރިން މެޗު ލަސްކުރާތީ އެކަމުގެ ޝަކުވާކުރުމުގެ އިތުރުން ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުންނެވެ.

ރޭގެ މެޗަށް ފަހު ޗެލްސީގެ އެސިސްޓަންޓް ކޯޗު ޖިއަންފްރަންކޯ ޒޯލާ ވަނީ ބާންލީ މެޗު ލަސްކުރުމަށް ކުރި މަސައްކަތްތަކަކީ ފުޓްބޯޅައިގެ އެންމެ ރީތި އުސޫލެއް ނޫން ކަމަށާއި ޕްރިމިއާ ލީގުގައި ވާދަކުރާ ޓީމެއްނަމަ މަސައްކަތްކުރަން ޖެހޭނީ ރަނގަޅު މެޗެއް ކުޅެގެން ނަތީޖާ ނެރުމަށް ކަމަށެވެ.

ޗެލްސީ އަށް ދެން އޮންނާނީ އަންނަ އާދިއްތަ ދުވަހު ރަށުންބޭރުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގަ އެވެ. ގަދަ ހަތަރެއްގެ ތެރޭގައި އޮވެ ލީގު ނިންމުމަށް މި މެޗަކީ މި ދެ ޓީމަށް ވެސް ވަރަށް މުހިއްމު މެޗެކެވެ.

މިދިޔަ ސީޒަނުގައި ޗެލްސީ ދަނޑުގައި މޮޅުވި ބާންލީ މިދިޔަ ޑިސެމްބަރު މަހު އޮތީ ރެލިގޭޝަން ޒޯނުގަ އެވެ. އެކަމަކު ރޭގެ ޕޮއިންޓާ އެކު އެ ޓީމު ވަނީ 35 މެޗުން 40 ޕޮއިންޓް ހަމަކޮށް ލީގުގެ 15 ވަނައިގައި ހަމަޖެހިލައިފަ އެވެ. ލީގުގެ 18 ވަނައިގައި އޮތް ކާޑިފް ސިޓީ އާއި ބާންލީއާ ދެމެދު ނުވަ ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.