23 އެޕްރީލް 2019 - 07:35

އެޓެންޝަން ޑެފިސިޓް/ހައިޕައެކްޓިވިޓީ ޑިސްއޯޑާ ނުވަތަ އޭޑީއެޗްޑީ ހުންނަ ކުދިންނަށް ބޭނުންކުރުމަށް އުފެއްދި ފުރަތަމަ މެޑިކަލް ޑިވައިސް ބޭނުންކުރުމުގެ ހުއްދަ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ދީފި އެވެ.
މި ޑިވައިސް އަކީ ސިކުނޑީގައި އޭޑީއޭޗްޑީ ގުޅުން ހުންނަ ހިސާބުތަކަށް އިލެކްޓްރިކަލް ޕަލްސްތަކެއް ފޮނުވައިދޭ އެއްޗެކެވެ. ސީއެންއެން އިން ބުނީ އުމުރުން 7-12 އަހަރާ ދެމެދުގެ ކުދިންނަށް ފަރުވާއެއްގެ ގޮތުގައި އުފެއްދި މި ޑިވައިސް ބޭނުންކުރަން ޖެހޭނީ އޭޑީއެޗްޑީ އަށް ބޭސް ނުކައި ކުދިން ކަމަށެވެ.
"މިއީ ބޭސް ބޭނުންކުރުމަކާ ނުލައި، ނާރުތަކަށް ސިގްނަލް ފޮނުވައިގެން ބޭނުންކުރެވޭނެ ރައްކާތެރި އެއްޗެއް،" އެފްޑީއޭގެ ޑިވިޝަން އޮފް ނިއުރޮލޮޖިކަލް އެންޑް ފިޒިކަލް މެޑިސިން ޑިވައިސަސްގެ ޑިރެކްޓަރު ކާލޮސް ޕެނާ ވިދާޅުވި އެވެ.
ޖީބަށް ލެވޭ ސައިޒުގެ މި ޑިވައިސްއާ އެކު ޕެޗެއް ބޭނުންކުރާނެ އެވެ. މި ޕެޗް، ކުއްޖާ ނިދާއިރު ނިތްކުރީގައި ތަތްކުރުމަށް ފަހު ޑިވައިސް އިން ސިގްނަލް ފޮނުވާނެ އެވެ.
މި ޑިވައިސް ޓެސްޓްކުރުމުގެ މަރުހަލާގައި 62 ކުއްޖަކު ބޭނުންކުރި އެވެ. އެގޮތުން ބައެއް ކުދިންނަށް މީގެ އަސްލު ޑިވައިސް އަދި ބައެއް ކުދިންނަށް، އެއްވެސް އަސަރެއް ނުކުރާ ގޮތަށް ހުރި މީގެ "ޕްލަސީބޯ" ޑިވައިސްތަކެއް ބޭނުންކުރި އެވެ. ނަތީޖާ ދެއްކީ، އަސްލު ޑިވައިސް ބޭނުންކުރި ކުދިންގެ ކިބައިން އޭޑީއެޗްޑީގެ އަލާމާތްތައް ވަރަށް ބޮޑަށް ކުޑަވެގެން ދިއުމެވެ.
ސީއެންއެން އިން ބުނީ މީގެ އަގު 1000 ޑޮލަރަށް ވުރެ ބޮޑުވާނެ ކަމަށެވެ.