މޫން މިލްކް ބޮއެގެން ފަސޭހައިން ނިދޭތަ؟
މޫން މިލްކް ބޮއެގެން ފަސޭހައިން ނިދޭތަ؟

އިންސްޓަގްރާމާއި ޕިންޓްރެސްޓްގެ ޕޭޖްތަކުން މިހާރު އެންމެ ގިނައިން ފެންނަ އެކައްޗަކީ ރީތި ކުލަ ކުލައިގެ މޫން މިލްކްގެ ޖޯޑުތަކާއި ތަށިތަކެވެ. އަދި މިއީ އާދައިގެ ލާޓޭ އަށް ވުރެ މާ ފޭންސީ ބުއިންތަކެކެވެ. ހޫނުކޮށް ހުންނަ ކިރު ތައްޓެއްގެ ތެރެއަށް، ފައިދާހުރި އަޔުވެދިކް ރަހަތައް ހިމަނައިގެން ތައްޔާރުކުރާ ބުއިންތަކަކީ ނިދި ނައިސްގެން އުޅޭމީހުންގެ ނިންޖަށް ޖާދޫއެއް ކަމަށް ބުނާ މީހުން ގިނަ އެވެ.

ކެވޭ ކަހަލަ މާމެލާމެއްޔާއި ފަތްޕިލާވެލި އަދި މާމުއި، މި ބުއިންތައް ތައްޔާރު ކުރުމަށް ބޭނުން ކުރެ އެވެ.

ސުވާލަކީ، އެންމެން އެކިޔަނީ ހަމަ ތެދެއް ހެއްޔެވެ؟ މި ބުއިންތަކުން ނިންޖަށް އަސަރު ކުރޭ ހެއްޔެވެ؟

ތިރީގައި މި ހިމަނާލަނީ ޑައިޓީޝަނެއްގެ ގޮތުގައި 10 އަހަރުގެ ތަޖުރިބާ ލިބިފައިވާ މެގީ މޫން މި ބުއިމާ ބެހޭގޮތުން ހިއްސާކޮށްފައިވާ ވާހަކަތަކެކެވެ.

މޫން މިލްކްގެ މޫތައް އައިސްފައި ވަނީ ގަދީމީ ޒަމާނުއްސުރެ ބޭނުން ކުރެވެމުން އަންނަ އަޔުވެދިކް ބޭހުންނޭ ބުނެވިދާނެ އެވެ. މީގައި ގިނަ އަދަދެއްގެ އަޔުވެދިކް ބޭސްތައް ބޭނުންކުރެ އެވެ. އޭގެ ތެރޭގައި ރީނދޫ އަދި އަޝްވަގަންދާ ހިމެނެ އެވެ. އަޝްވަގަންދާ އަކީ ހަށިގަނޑުގެ ދުޅަ އަށް މޮޅު އެއްޗެއްކަމަށް ކިޔައި އުޅެ އެވެ. އަދި މިނޫން ވެސް ތަފާތު ބަލިތައް ފަސޭހަކުރުމަށް މިއީ މަޝްހޫރު ބާވަތެކެވެ.

ފަހަރެއްގައި ނިދިދާނެ އެވެ. ނުނިދުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ފުރަތަމަ ކަމަކަށް، ހޫނު ކިރަކީ ވެސް އެ ބުއިމުން ނިދިއަންނަ އެއްޗެކެވެ. ނިދި އަންނަ ފަދަ އަމިނޯ އެސިޑް މަދު މިންވަރަކަށް ކިރުގައި ހިމެނެ އެވެ. އެކަމަކު އޭގައި އަޝްވަގަންދާ ހިމެނުމުން ސިކުނޑި އާއި ހަށިގަނޑު ހަމަޖެހުމަށް މަގު ފަހިކުރުވަ އެވެ. މީގެ އިތުރުން ރީނދޫ ހިމެނޭ ނަމަ އެއިން ވެސް އޭގައި ހުންނަ އިންފްލެމޭޝަން ދަށްކޮށްދޭ ބާރުގެ ސަބަބުން ހަށިގަނޑު އިތުރަށް ހަމަޖައްސަ އެވެ.

މޫންމިލްކްގައި ބައެއް މީހުން ފޮނިތޮއްޓާއި އިނގުރު ވެސް ހިމަނަ އެވެ. ފޮނިތޮށިން ހަށިގަނޑުން ވިހަ މާއްދާތައް ނެރެލަން އެހީތެރިވެދެ އެވެ. އަދި އިނގުރަކީ އަނެއްކާ ވެސް ރީނދޫފަދައިން މަސައްކަތްކުރާ އެއްޗެކެވެ. ބައެއްމީހުން ޕިޝްޓާޝިއޯ އަދި އާމަންޑްފަދަ ނަޓްގެ ބާވަތްތައް އަޅަ އެވެ. މި ބާވަތްތަކުން ކެލްސިއަމް އާއި ޕޮޓޭސިއަމް ލިބެ އެވެ. އަދި މީގައި ނިދި އަންނަ ފަދަ ނިއުޓްރިޝަން ހިމެނޭކަމަށް ބުނެވެ އެވެ.

އެކަމަކު އަދި ހަމަ މޫންމިލްކް ތައްޓެއް އެކަނި ބޯލައިގެން މީހާ ނިދިގެން ވެއްޓިދާނެކަމަށް ނުބަލަން މެގީ މޫން ލަފާދެ އެވެ. ބޮކިތައް ނިއްވާލައި ނިދަން ފަސޭހަ އަރާމުގޮތަކަށް ކޮޓަރި އާއި ތަންމަތި ތައްޔާރުކުރަންވާނެ އެވެ.

މީހުން މި ޕްރޮމޯޓްކުރާ ވަރަށް، ނިންޖަށް ސަތޭކަ ޕަސެންޓް އަސަރު ނުފޯރި ކަމަށް ވިޔަސް ސިއްހީ ގޮތުން މިއީ ރަނގަޅު ބުއިމެކެވެ. އަދި މޫން މިލްކަކީ އެމީހަކަށް އެންމެ މީރު ރަހަތައް ހިމަނާލައިގެން ބޭނުން ގޮތަކަށް ބޭނުން ކުލައަކުން ތައްޔާރު ކުރެވިދާނެ ބުއިންތަކެކެވެ.

ދެން މި ހިމަނާލަނީ މޫން މިލްކްގެ އެންމެ ހިނގާ ދެ ވައްތަރަކާއި ތައްޔާރުކުރާނެ ގޮތުގެ ތަފްސީލެވެ.

ބޭނުންވާނެ ތަކެތި:

1 ޖޯޑު ކިރު (ހޯލް މިލްކް، ކެޝޫ މިލްކް ނުވަތަ އާމަންޑް މިލްކް ވެސް ބޭނުން ކުރެވިދާނެ)

1 ސަމުސާ މޭޕްލް ސިރަޕް

1 ސަމުސާ ބަޓަފްލައި ޕީކޮކް ފްލާވާ ޕައުޑަ

¼ ސަމުސާ ފޮނިތޮށި (މުގުރާފައި)

¼ ސަމުސާ އަޝްވަގަންދާ

ދެއިނގިލިކުރިން ނެގޭވަރުގެ ނަޓްމެގް (މުގުރާފައި)

މެދުމިނުގައި އުނދުނުގައި އަލިފާން ބެހެއްޓުމަށް ފަހު، މަތީގައި ހިމަނާލެވުނު ބައިތައް ތެއްޔަކަށް އަޅާފައި މުގުރާފައި ހުރި ބާވަތްތައް ގިރެންދެން އަދި ކިރު ކެކެން ނުފަށައި އެކަމަކު ހޫނުވަންދެން ސަމުސަލަކުން ހާކާށެވެ. ދެން މަތީގައި ފޮނު އުފެއްދުމަށްޓަކައި ނަރުގަނޑަކުން ފޮނުއަރަންދެން ގިރާލާށެވެ. ޖޯޑަކަށް އަޅާފައި ހިއްކާފައިހުރި ބަޓަފްލައި ޕީކޮކް މަލުގެ ފިޔަކޮޅަކާއި ފްރީޒްކޮށްފައި ހުރި ބުލޫބެރީކޮޅެއް މައްޗަށް ބުރުވާލާށެވެ. އެއިރުން އެހުރީ ތައްޔާރުވެފަ އެވެ.

ބޭނުންވާ ތަކެތި:

1 ½ ޖޯޑު ކާށި ކިރު

1 ½ ކެޝޫ ކިރު (ޕްލެއިން)

2 ފޮނިތޮށި ދަނޑިކޮޅު

½ މޭޒުމަތީ ސަމުސާ ވެނީލާ އެކްސްޓްރެކްޓް

1 ½ ސައި ސަމުސާ މުގުރާފައި ހުރި ރީނދޫ

1 ސައިސަމުސާ ކާށި ތެޔޮ

¼ ސައިސަމުސާ އަޝްވަގަންދާ

¼ މުގުރާފައި ހުރި ކާފޫރުތޮޅި

¼ ސައިސަމުސާ މުގުރާފައިހުރި އިނގުރު

¼ ސައިސަމުސާ މުގުރާފައި ހުރި ނަޓްމެގް

ދެއިނގިލި ކުރިން ނެގޭވަރުގެ މުގުރާފައި ހުރި އަސޭމިރުސްކޮޅެއް

ބޭނުން ނަމަ ފޮނިރަހަ ލައްވަން މާމުއި އަދި ގާނިޝްކޮށްލަން ސެފްރޮން އަދި މުގުރާފައި ހުރި ފޮނިތޮށި، މަތީގައި ހިމެނުނު ހުރިހާ ބާވަތެއް ކުޑަ ތެއްޔަކަށް އަޅާފައި އުނދުންމަތީ ބަހައްޓާށެވެ. މެދުމިނުގެ އަލިފާނުގައި ބަހައްޓައިގެން ފަސް މިނެޓް ވަންދެން ހުރިހާ ބާވަތެއް ސަމުސަލަކުން އެއްކޮށްލާށެވެ. ފޮނި ރަހަ ހެޔޮވަރުކޮށްފައި ޖޯޑަށް އެޅުމަށް ފަހު މައްޗަށް ސެފްރޮންކޮޅާއި މުގުރާފައި ހުރި ފޮނިތޮށިކޮޅު ބުރުވާލައިފައި ފޮނިތޮށިތައް ޖޯޑުތެރެއަށް ލައިފައި ބަހައްޓާށެވެ. އެއިރުން އެ ހުރީ ތައްޔާރުވެފަ އެވެ.

ބާކީ ބައި ތިން ދުވަސް ވަންދެން ފްރިޖްގައި ބެހެއްޓޭނެ އެވެ. އެކަމަކު ބޭނުންކުރުމުގެ ކުރިން އަވަނުން ނުވަތަ އުނދުނުން ހޫނުކޮށްލާށެވެ.