22 އެޕްރީލް 2019 - 21:07

ކޮލަމްބޯ (އެޕްރީލް 22) - ސްރީ ލަންކާގައި އާދިއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކުގައި ޑެންމާކުގެ މަޝްހޫރު ބިލިއަނަރު އެންޑާސް ހޮޗް ޕޮވްލްސެންގެ ހަތަރު ކުދިންގެ ތެރޭން ތިން ކުދިން މަރުވި ކަމަށް އޭނާގެ ތަރުޖަމާން ބުނެފި އެވެ.
ޑެންމާކުގެ މީޑިއާތަކުން ބުނެފައި ވަނީ ޕޮވްލްސެން އާއި އޭނާގެ އަންހެނުން އޭން އަދި ހަތަރު ކުދިން ސްރީ ލަންކާ އަށް ދިޔައީ ޗުއްޓީގައި ކަމަށެވެ.
"ބޮމުގެ ހަމަލާތަކުގައި ޕޮވްލްސެންގެ ތިން ކުދިން ވަނީ މަރުވެފައި،" ޕޮވްލްސެންގެ އަންނައުނުގެ ވިޔަފާރި ކުންފުނި ބެސްޓްސެލާގެ ކޮމިއުނިކޭޝަންސް މެނޭޖަރު ޖެސްޕާ ސްޓަބްކަޔާ ބުންޏެވެ. "ޕޮވްލްސެންގެ އާއިލާ އަށް ކުރިމަތިވި މި ހިތާމައިގައި އާއިލާގެ ޕްރައިވެސީ އަށް އިހްތިރާމް ކުރުމަށް ދަންނަވަން. އަދި އެކަމާ ގުޅޭ ގޮތުން އިތުރު ކޮމެންޓެއް ނެތް."
ޕޮވްލްސެންގެ ތިން ކުދިން މަރުވީ ކޮން ތަނެއްގައި ދިން ހަމަލާއެއްގައި ކަމެއް ވެސް ނޭނގެ އެވެ.
ޑެންމާކުގެ އެންމެ މުއްސަނދި މީހާގެ ގޮތުގައި ބެލެވޭ ޕޮވްލްސެން، 46، އަކީ އޮންލައިން ފެޝަން ރީޓެއިލާ އެސޮސްގެ އެންމެ ބޮޑު ހިއްސާދާރެވެ. އަދި އޭނާ އަކީ މަޝްހޫރު ކުންފުނި ބެސްޓްސެލާގެ ވެރިޔާ ވެސް މެ އެވެ. އެއީ ޕޮވްލްސެންގެ މައިންބަފައިން 1975 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނީގެ 3،000 އަށް ވުރެ ގިނަ ފިހާރަ 70 އަށް ވުރެ ގިނަ ގައުމުގައި ހިންގަ އެވެ.
ބިލިއަނަރު ވިދާޅުވެފައިވާ ގޮތުގައި ސްކޮޓްލެންޑުގައި އެންމެ ބިން ގިނަ މީހަކީ ވެސް އޭނާ އެވެ. ޕޮވްލްސެންގެ މިލްކިއްޔާތުގެ އަގު 7.9 ބިލިއަން ޑޮލަރަށް އަރާ ކަމަށް ފޯބްސް އިން ބުނެފައިވެ އެވެ.
ލަންކާގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން މިހާތަނަށް ވަނީ 24 މީހުން ހައްޔަރުކޮށްފަ އެވެ. ހަމަލާ ދިންކަމަށް ސަރުކާރުން ތުހުމަތު ކުރަނީ، ކުރިން އެހާ މަޝްހޫރު ނޫން ބައެއް ކަމަށްވާ ނޭޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) އަށެވެ.