22 އެޕްރީލް 2019 - 14:51

ހަދަމުން އަންނަ މުހައްމަދު ޖަމީލު މިސްކިތުގެ ދެ ވަނަ ބުރިން އިއްޔެ ވެއްޓުނު އެސްޓީއޯގެ އިސް ވެރިއެއް ކަމަށްވާ މުސްތަފާ އަޒުމީގެ ހާލު އަދިވެސް ވަރަށް ސީރިއަސް ކަމަށާއި އޭނާ ބޭރަށް ފޮނުވޭތޯ މަޝްވަރާކުރަމުން އަންނަ ކަމަށް، އާއިލާ އިން މިއަދު ބުނެފި އެވެ.
އެސްޓީއޯގެ އައިޓީ ޑިޕާޓްމަންޓްގެ އެންމެ އިސް ވެރިޔަކަށް ހުންނެވި އަޒުމީ، އަލިވާގޭ ކައިރީ ހުންނަ މުހައްމަދު ޖަމީލު މިސްކިތް، ނުވަތަ އާންމު ނަމުން ނަމަ ފައި ފޮހޭ މިސްކިތުގެ ދެ ވަނަ ބުރިން ވެއްޓުނީ މިސްކިތުގެ ލަކުޑީގެ މަސައްކަތެއް ކުރައްވަން އުޅުއްވަނިކޮށެވެ. އޭނާއަކީ ލަކުޑީގެ ތަފާތު މަސައްކަތްކުރައްވަމުން އަންނަ ހުނަރުވެރި ބޭފުޅެއް ވެސް މެ އެވެ.
އާއިލާގެ ފަރާތުން "މިހާރު" އަށް ވާހަކަ ދެއްކި މީހަކު ބުނީ އަޒުމީގެ ސިކުނޑީގެ އެއްވެސް ހަރަކާތެއް ނެތް ކަމަށެވެ. މޭ ކަށިގަނޑުން ކަށިކޮޅެއް ބިނދި، ފުއްޕާމެއަށް ހެރިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"މިއަދު ހެދި ޓެސްޓުން ވެސް ދައްކަނީ ސިކުނޑީގެ އިތުރު ހަރަކާތެއް ނެތް ކަމަށް،" އާއިލާގެ މެމްބަރު ކިޔައިދިނެވެ.
"އަޒްމީ ބޭރަށް ގެންދަން މިހާރު އަޅުގަނޑުމެން މި މަޝްވަރާކުރަނީ."
އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ 41 އަހަރުގެ އަޒުމީ މިވަގުތު ނޭވާ ލަނީ ވެންޓިލޭޓަރުގެ އެހީގަ އެވެ. ފުއްޕާމެއަށް ލިބިފައިވާ ޒަހަމްގެ ސަބަބުން ލޭގެ ޕްރެޝަރު ހިފެހެއްޓުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށް އާއިލާއިން ބުންޏެވެ.
އަޒުމީ ވަނީ އެސްޓީއޯގައި 25 އަހަރު ހިދުމަތްކުރައްވައިފަ އެވެ.