22 އެޕްރީލް 2019 - 14:07

މީހުންގެ ނަން ކިލަނބުވާ ފަދަ ތުހުމަތުތައް ކޮށް، ސޯޝަލް މީޑިއާ ގްރޫޕްތަކުގައި ހިއްސާކުރުމުގެ ބަދަލުގައި، ކުށަކާ ބެހޭ މައުލޫމާތެއް ލިބިއްޖެ ނަމަ ކަމާ ބެހޭ ރަސްމީ އިދާރާތަކަށް ދޭން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ގޮވާލައްވައިފި އެވެ.
މާރިޔާ "މިހާރު"އަށް ވިދާޅުވީ ބައެއް ކުށްކުށާ ގުޅުވައިގެން ސޯޝަލް މީޑިއާގައި މީހުންގެ ފޮޓޯ ޖެހުން ފަދަ ކަންތައްތައް ކުރުމަކީ ހަމަނުޖެހުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ. އެހެންކަމުން އޭގެ ބަދަލުގައި ސަލާމަތީ ހިދުމަތްތަކަށާއި ކަމާ ބެހޭ އެހެން އިދާރާތަކަށް އެ މައުލޫމާތު ދިނުން ރަނގަޅު ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.
"ބޭކާރު ކަމެއް އަސްލު އެގޮތަށް ސޯޝަލް މީޑިއާގައި މީހުންގެ ފޮޓޯ އާއި މައުލޫމާތު ފެތުރުމަކީ. ބައެއް ފަހަރު އެބަ ހުރޭ ވަކި މީހަކާ ވައްތަރު މީހެއް ފެނުނަސް ފޮޓޯ ނަގާފައި ސޯޝަލް މީޑިއާއަށް ލާފައި. އަޅުގަނޑު މި ދަންނަވަނީ އެހެން ނުހައްދަވާށޭ،" މާރިޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ކުރަން ޖެހޭ ހުރިހާ ކަމަކަށް ރާއްޖޭގެ ސަލާމަތީ ބާރުތައް އޮތީ ތައްޔާރަށް ކަމަށެވެ.
މާރިޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ގޮވައިލެއްވީ ރައްޔިތުން ސަމާލުވެ ތިބުމަށެވެ.
އަވަށްޓެރި ސްރީ ލަންކާގައި އިއްޔެ ދިން އަނިޔާވެރި އަދި ލޭ އޮހޮރުވުން ބޮޑު ޓެރަރިސްޓް ހަމަލާތަކާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ގެންދަނީ ތަފާތު ބަހުސްތައް ކުރަމުންނެވެ. މި ދަނޑިވަޅުގައި ދޮގު ވާހަކަތައް ފެތުރުނަ ނުދިނުމަށް ލަންކާ ސަރުކާރުން އިއްޔެ އެޅި އެއް ފިޔަވަޅަކީ ސޯޝަލް މީޑިއާގެ ވަސީލަތްތައް ހުއްޓުވުމެވެ.
ލަންކާގެ ހަމަލާތަކަށް ފަހު ރާއްޖޭގެ ސަލާމަތީ ބާރުތައް ގުޅިގެން އިއްޔެ ނޫސް ކޮންފަރެންސެއް ބޭއްވި އެވެ. ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ބައިވެރިވެވަޑައިގެންނެވި އެ ނޫސް ކޮންފަރެންސްގައި ހަމީދު ވިދާޅުވީ ސްރީ ލަންކާގެ އެކި ސަރަހައްދުތަކުގައި ދިން ޓެރަރިސްޓް ހަމަލަތަކާ ގުޅިގެން ބައެއް ދިވެހިން ޓެރަރިޒަމަށް ހިތްވަރު ލިބޭ ފަދަ ގޮތަކަށް ވާހަކަ ދައްކަމުންދާ ކަމަށާއި އެ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
"ހަމަޖެހުން ގެއްލިގެންދާ ފަދަ އިބާރާތް ހިމެނޭ، ނުވަތަ ކޮމެންޓް ނުކުރުން އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ކުރަން ބޭނުންވާ އިލްތިމާސްއެއް،" "މިހާރު" ން ކުރި ސުވާލުގެ ޖަވާބުގައި ހަމީދު ވިދާޅުވި އެވެ.
ލަންކާގެ ދެ ފައްޅިއަކަށާއި ތިން ހޮޓަލެއްގެ އިތުރުން ގެއަކަށް އިއްޔެ ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 290 އަށް އަރާފަ އެވެ. އެހަމަލާގެ ތުހުމަތަށް 24 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.