ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ކުރިއަށް އޮތް ފިތުރު އީދުގައި ރިލީޒްކުރާ، ސަލްމާން ހާންގެ "ބާރަތު" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަލީ އައްބާސް ޒަފަރު ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ޓްރެއިލާ އަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަނިކޮށް ދައްކައިލި އިރު، ފިލްމުގައި ސަލްމާން ފެންނަ ފަސް ލުކް ވެސް ވަނީ ހިމަނައިފަ އެވެ. މީގައި އޭނާއާ އެކު ފެންނަ ތަރިންގެ ތެރޭގައި ކެޓްރީނާ ކެއިފް، ޑިޝާ ޕަޓްނީ،، ތައްބޫ، ސުނިލް ގްރޯވާ، ޖެކީ ޝްރޮފް އަދި ނޯރާ ފަތެހީ ހިމެނެ އެވެ.

"ބާރަތު" އަކީ 2014 ގައި ރިލީޒްކުރި ކޮރެއާ ފިލްމު "އޯޑް ޓް މައި ފާދާ" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ. މީގެ މައިގަނޑު ވާހަކައަކީ އުފަން ގައުމަށްޓަކައި ގައުމު ދެކެ ލޯބިވާ މީހަކު ކުރާ މަސައްކަތެވެ.

ޖޫން މަހުގެ 5 ވަނަ ދުވަހަށް ތާވަލުކޮށްފައިވާ "ބާރަތު" އަކީ ސަލްމާންގެ ޅިޔަނު އަތުލް ކުލްކަރުނީ އާއި ސަލްމާންގެ ފިލްމު ކުންފުނި އެސްކޭއެފާއި ޓީ ސީރީޒް ގުޅިގެން ހަދާފައިވާ ފިލްމެކެވެ.

އަންނަ މަހު ރިލީޒް ކުރާ ރޮމޭންޓިކް ކޮމެޑީ "ދޭ ދޭ ޕިޔާރު ދޭ" ލަވަތަކުގެ ތެރެއިން "ވައްޑަން ޝަރާބީ" އަށް ފަހު، ފިލްމުގެ ދެވަނަ ލަވަ "ތޫ މިލާ ތޯ ހޭ ނާ" ދައްކާލައިފި އެވެ.

މި ފަހަރު ވެސް އަޖޭ ދޭވްގަން އާއި ރަކުލް ޕްރީތު ސިންގް ފެނިގެންދާ ލަވަ ކިޔާފައި ވަނީ މި އަހަރު ބޭއްވި ފިލްމުފެއާ އެވޯޑްގައި އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާގެ އެވޯޑް ހޯދި އަރިޖިތު ސިންގެވެ. "ތޫ މިލާ ތޯ ހޭ ނާ" ގެ މިއުޒިކް އަމާލް މަލިކް ހަދާފައިވާ އިރު، ލަވައިގެ ޅެން ލިޔެފައި ވަނީ ކުނާލް ވަރުމާ އެވެ.

އާކިވް އަލީ ޑައިރެކްޓްކޮށްފައިވާ "ދޭ ދޭ ޕިޔާރު ދޭ" އަކީ ބޮޑެތި ދަރިން ތިބި 50 އަހަރުގެ ފިރިހެނަކު ޒުވާން އަންހެނަކާ ބާއްވާ ލޯބީގެ ގުޅުމެއްގެ ސަބަބުން ދިމާވާ ކަންތައްތަކެއް ކިޔައިދޭ ފިލްމެކެވެ. އަޖޭ އާއި ރަކުލްއާ އެކު ފިލްމުގެ މުހިއްމު ރޯލަކުން ތައްބޫ ވެސް ފެންނާނެ އެވެ.

ބުޝަން ކުމާރާއި ލަވް ރަންޖަން ޕްރޮޑިއުސްކޮށްފައިވާ "ދޭ ދޭ ޕިޔާރު ދޭ" ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 17 ގަ އެވެ.

އަންނަ މަހު ޝޫޓިން ފަށާ ކަބީރު ހާންގެ ކްރިކެޓް ފިލްމު "83" އަށް ކާސްޓުން ވަރަށް ބޮޑަށް ތައްޔާރީތައް ވަމުން އަންނަ އިރު، މި މަސައްކަތުގެ ތެރެއިން ނަގާފައިވާ ވީޑިއޯއެއް އަނެއްކާ ވެސް ދައްކާލައިފި އެވެ.

ފިލްމުގެ ތަރިންގެ ތައްޔާރީތަކުގައި ކްރިކެޓް ތަރިންގެ ހިއްސާ ވެސް އަންނަނީ ލިބެމުންނެވެ. އަންނަ މަހު އިނގިރޭސިވިލާތުގައި ޝޫޓިން ފަށާ "83" އަކީ އިންޑިއާ އިން 1983 ގެ ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބު ކުރި ހާދިސާ އަށް ބިނާކޮށް ހަދާ ފިލްމެކެވެ.

އޭރު ޓީމްގެ ކެޕްޓަނަކަށް ހުރި ކަޕިލް ދޭވްގެ ރޯލުން ފިލްމުގައި ފެނިގެން ދާނީ ރަންވީރު ސިންގެވެ. އޭނާއާ އެކު ބޮޑު ކާސްޓެއް "83" އިން ފެންނާނެ އެވެ. އޭގެ ތެރޭގައި ސާގިބް ސަލީމް، ޕަންކަކް ތުރިޕަތީ، ތާހިރު ރާޖް ބާސިން އަދި އައްމީ ވާކް ހިމެނެ އެވެ.

މި ފިލްމު ސިނަމާތަކަށް އަންނާނީ އެޕްރީލް، 10، 2020 ގަ އެވެ.

ބަތަލާ ސުރުވީން ޗާވްލާގެ އަލަތު ދަރިފުޅުގެ ނަމަކަށް އީވާ ހަމަޖައްސައިފި އެވެ.

އެކަން އޭނާ ވަނީ ދަރިފުޅުގެ ފައިތިލައިގެ ފޮޓޯއަކާ އެކު އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފަ އެވެ. ސުރުވީން، 34، ވިހެއީ މި މަހުގެ 15 ވަނަ ދުވަހު އެވެ. އޭނާ އަކްޝޭ ތައްކަރު ކިޔާ މީހަކާ ކައިވެނި ކުރީ 2015 ގައި ކަމަށް ވިޔަސް ކައިވެނި ކުރިކަން ރަސްމީކޮށް އިއުލާން ކުރީ މިދިޔަ އަހަރު އެވެ.

"ކަސޯޓީ" ފަދަ ސިލްސިލާތަކުން މަޝްހޫރުކަން ހޯދުމަށް ފަހު، ސުރްވީން ފަހުން ވަނީ ބޮލީވުޑްގެ ފިލްމުތައް ވެސް ކުޅެފަ އެވެ.

އޭނާ ކުޅުނު ފިލްމުތަޖުގެ ތެރޭގައިި 2014 ގެ "ހޭޓް ސްޓޯރީ 2" އަދި 2015 ގެ "ޕާޗްޑް" ހިމެނެ އެވެ. އަދި މިދިޔަ އަހަރު ނެޓްފްލިކްސް އިން ގެނެސް ދިން ވެބް ސީރީޒް "ސެކްރެޑް ގޭމްސް" ގެ ރޯލަކުން ވެސް ސުރްވީން ފެނިފައިވެ އެވެ.