22 އެޕްރީލް 2019 - 11:55

ޓިއުރިން (އޭޕްރިލް 22) – އަންނަ ސީޒަނަށް ޔުވެންޓަސް އިތުރަށް ވަރުގަދަކުރަން ކުރާ މަސައްކަތުގައި، އާޖެންޓީނާ ފޯވާޑް ޕައޮލޯ ޑީބަލާ ވިއްކާލާނެ ކަމަށް ދެކެވެމުން އަންނަ ވާހަކަތައް އެ ކްލަބުގެ ސްޕޯޓިން ޑިރެކްޓަރު ފަބިއޯ ޕަރަޗިޓީ ދޮގުކޮށްފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޔުވެންޓަސް އިން ވަނީ ޑީބަލާގެ އިތުރުން ޑަގްލަސް ކޮސްޓާ އާއި މިރެލަމް ޕިޔަނިޗް އަދި އެލެކްސް ސަންޑްރޯ ވިއްކާލައި އާ ކުޅުންތެރިން ގެންނަން ވިސްނައިފަ އެވެ.
މީގެ ތެރެއިން ޑީބަލާ ދިނުމަށް ފަހު އިންޓަ މިލާނުގެ ފޯވާޑް މައުރޯ އިކާޑީ ގެނައުމަށް ރާވާފައިވާ ކަމަށް ވާހަކަދެކެވެ. އެކަމަކު ޔިވެންޓަސްގައި ނުހުރެވޭ ނަމަ ޑީބަލާ ބޭނުންވަނީ އެހެން ލީގަކަށް ބަދަލުވާން ކަމަށާއި މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލުން އޭނާ އަށް ޝައުގުވެރިވާ ކަމަށްވެ އެވެ.
"ޑީބަލާ ޔަގީނުން ވެސް މަޑުކުރާނެ. އޭނާ އަކީ ޔުވެންޓަސްގެ ކުޅުންތެރިޔެއް، އޭނާ ކްލަބުގައި މަޑުކުރާނެކަން ކަށަވަރު،" ޕަރަޗިޓީ ބުންޏެވެ.
ޔުވެންޓަސް އިން އެންމެ ފުރަތަމަ ގޮތެއް ނިންމާނެ ކަމަށް ބެލެވެނީ ކޯޗާ މެދު އެވެ. މެކްސް އެލެގްރީ ކްލަބް ދޫކޮށްލާ ނަމަ ކުރީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ގެނައުމުގެ ފުރުސަތު އެބައޮތެވެ. އެ ޓީމުން އަންނަ ސީޒަނަށް ޝައުގުވެރިވާ ކުޅުންތެރިންގެ ތެރޭގައި ލިވަޕޫލުގެ ފޯވާޑް މުހައްމަދު ސަލާހް ހިމެނެ އެވެ. އެ ކްލަބުގެ މައި ޓާގެޓް ކަމަށްވާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށްޓަކައި ސްކޮޑް އިތުރަށް ވަރުގަދަކުރަން ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ލަފާދީފައިވާ ކަމަށްވެ އެވެ.
"އަހަރެމެން ކުރާނެ ކަންކަމާ ބެހޭގޮތުން ވާހަކަދައްކަން މިއީ އެންމެ ރަނހަޅު ދަނޑިވަޅެއް ނޫން. އެކަމަކު ސްކޮޑް ވަރުގަދަކުރާނެ ގޮތްތަކާ މެދު ވިސްނުންތަކެއް އެބަހުރި،" ޕަރަޗިޓީ ބުންޏެވެ.
ޕަރަޗިނީ ބުނީ ޖެހިޖެހިގެން އަށް ވަނަ ފަހަރަށް އިޓާލިއަން ލީގު ކާމިޔާބުކުރެވުނަސް ފަހަތަށް ފިޔަވަޅެއް ނާޅާނެ ކަމަށާއި ޔަގީނުން ވެސް ސްކޮޑް ވަރުގަދަކުރާނެ ކަމަށެވެ. އަދި ޔުވެންޓަސްގެ މި ކާމިޔާބީ ގިނަ ބަޔަކަށް ވަޒަންނުކުރެވޭ ކަމަށާއި މި ކާމިޔާބީގެ ބޮޑުމިން އިހުސާސްކުރެވޭ އަހަރުތަކެއް ފަހުން ކަމަށް ވެސް ބުންޏެވެ.